13 Feb 2020, 07:28
އަންނަ އަހަރު އީދުގައި ސަލްމާން ހާން ނެރޭ ފިލްމު "ކަބީ އީދު ކަބީ ދިވާލީ"ގެ ބަތަލާ އަކަށް ޕޫޖާ ހެގްޅޭ ހަމަޖައްސައިފި އެވެ.
އެ ފިލްމުގެ ބަތަލާ އަކަށް ޕޫޖާ ހަމަޖެއްސިކަން އޭނާ ވަނީ އޭނާގެ ޓްވީޓާގައި ކަށަވަރުކޮށްދީފައެވެ. އެ ފިލްމުގައި ޕޫޖާ ކުޅޭނީ ސަލްމާންގެ ލޯބިވެރިޔާގެ ރޯލެވެ. އެ ރޯލާ ގުޅޭގޮތުން ޕޫޖާ ބުނީ އެފަދަ ރޯލެއް ލިބުމުން އުފާވާ ކަމަށާއި ޝޫޓިން ފެށުމަށް ކެތްމަދުވެފައިވާ ކަމަށެވެ. އަދި ސަލްމާން އާއެއްކޮށް މަސައްކަތްކޮށްލަން ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.
މި ފިލްމަކީ ޕޫޖާ އާއި ސަލްމާން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެއެވެ.
އެ ފިލްމަކީ ސާޖިދު ނަޑިއަދްވާލާ ޕްރޮޑިއުސްކޮށް ފަރްހާދު ސަމްޖީ ޑައިރެކްޓްކޮށް ސިނަމާތަކަށް ގެނެސްދޭ ފިލްމެކެވެ.
ސަލްމާން އާއި ސާޖިދު ގުޅިގެން އެންމެ ފަހުން އުފައްދާފައިވަނީ 2014 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ކިކް"އެވެ. ސަލްމާން އެންމެ ފަހުން ފެނިގެންދިޔައީ "ދަބަންގް 3" އިންނެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.
މިއަހަރުގެ ކުޑަ އީދުގައި ސަލްމާން ނެރޭ ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކުރާ "ރާދޭ" އެވެ. މި ފިލްމުގެ ޝޫޓިން މިހާރު ސަލްމާން ވަނީ ފަށާފައެވެ.