06 Dec 2011, 09:29
ސަރުކާރުގައި ހުރި ހިޔާނާތުގެ ކަންކަންމާބެހޭ ގޮތުން ލިބިފައިވާ ހުރިހާ މައުލޫމާތެއް ދިނުމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކަށް ރައީސް އޮފީހުން އެންގުމާއި ގުޅިގެން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މުސްތަފާ ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަނުގެ ހުރިހާ މައްސަލަތަކެއް ބަލައި ފުރިހަމަ ކުރުމުގެ މަސައްކަތްތަށް ކުރިއަށް ގެންދަވާ ކަމަށާއި އެކަންކަން ބެލުމަށްފަހު އެ މައުލޫމާތުތައް ވަރަށް އަވަހަށް ރައީސް އޮފީހަށް ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ވެރިކަމެއް މިއޮތީ އެ ޕާޓީގައި އަޅުގަނޑުމެން މިއަދު މިތިބީ ރައީސް އޮފީހުން އެންގެވީމާ އަޅުގަނޑުމެން ޖެހޭނެ ރައީސަށް އެ ވާހަކަތަށް ދަންނަވަން،" މުސްތަފާ ވިދާޅުވި އެވެ.
ރައީސް އޮފީހުން އެދިފައިވާ، ތުހުމަތުކުރާ ހިޔާނަތްތަކުގެ ތަފުސީލު ފޮނުވާނެ ކޮން ދުވަހަކުން ކަމެއް މުސްތަފާ ވިދާޅެއް ނުވެއެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް މުސްތަފާ ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވެދާނެ އަމަލެއް އޭނާއަށް ހިންގިދާނެތީ އޭނާއަށް ނިސްބަތްވާ އެއްވެސް ކުންފުންޏަކަށް ސަރުކާރުގެ އެއްވެސް ބިޑެއް ނުދިނުމަށް ރައީސް އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިނގާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދާއި، ތިމަރަފުށީ ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާއާއި، އަދި ފުވައްމުލަކު ދާއިރާގެ މެންބަރު ޝިފާޤު މުފީދު ކުރައްވާ ތުހުމަތުތަކަކީ، ހަމައެކަނި ކުރެވޭ ތުހުމަތެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ސަރުކާރަށް ތުހުމަތު ކުރައްވާ ކަންކަމާ ގުޅޭގޮތުން ލިބިފައިވާ ހުރިހާ މަޢުލޫމާތުތަކާއި، ހެކިތަކާއި، ޤަރީނާތައް، ތަފްޞީލާއެކު ރައީސް އޮފީހަށް ފޮނުވުމަށެވެ.