12 Feb 2020, 21:24
ވެރިކަން ކުރާ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެމްޑީޕީގެ އެސްޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ ރޭ 12:00 އަށް އެ މަގާމުގެ ދައުރު ހަމަވުމުންނެވެ.
މިހާރު ހުސްވެފައިވާ އެމްޑީޕީގެ އެސްޖީގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 2:00 އަށެވެ.
މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ސިޓީއާއި ވަނަވަރު ހުށަހަޅަން ޖެހޭނީ އެމްޑީޕީގެ ގައުމީ ސެކްރެޓޭރިއެޓް (ހ. ޝަރާޝާ، 2ވަނަ ފަންގިފިލާ) އަށެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ޕާޓީގެ މެމްބަރަކަށް ވުމުގެ އިތުރުން މަގާމުގައި މަސައްކަތް ކުރުމުގެ ހުނަރާއި ގާބިލުކަން ހުރިކަން ސާބިތުކޮށްދިނުމާއި ޔުނިވާސިޓީ ޑިގްރީއެއް ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ.
ދައުރު ހަމަވުމާ ހަމައަށް އެމްޑީޕީގެ އެސްޖީގެ މަގާމު އަދާކުރައްވަމުން ގެންދެވީ އަނަސް އަބްދުއްސައްތާރު އެވެ. އޭނާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި މާލެ މޭޔަރުކަމުގެ ޓިކެޓު ކާމިޔާބު ކުރައްވާފަ އެވެ.