ތޫނު ހަތިޔާރު ގެންގުޅޭ މައްސަލައެއްގައި ދެކުނުގެ ރަށަކުން ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ ހިމެނޭ ސައުތު ޕޮލިސް ޑިވިޝަންގެ ރަށެއްގައި 15 އަހަރުގެ ކުއްޖެއް ތޫނު ހަތިޔާރު ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެކުއްޖާ އުޅޭ ގެ ބަލައި ފާސްކުރި ކަމަށެވެ.

"ފެބްރުއަރީ 12 ވަނަ ދުވަހު (މިއަދު) އެކުއްޖާ ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރިއިރު ހަތަރު ވަޅިއާއި ދަނބު ކުލައިގެ ހޮޅިބުރިއެއް ފެނިފައިވޭ،" ފުލުހުން ބުނެ އެވެ.

މި މައްސަލައާއި ގުޅިގެން ހަމަ އެ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް އެކުއްޖާ ގެނައުމަށްފަހު އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.