ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ފެށުމަށްފަހު، ތިނެއް ނުވަތަ ހަތަރު ދުވަސް ތެރޭ މައްސަލަ ނިންމައި ހުކުމަކާ ހަމައަށް ދިޔުމަށް މަސައްކަތް ކުރަން ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ހިޔާލު ހުށަހަޅުއްވައިފި އެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެއަހަރު ނުވާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ފެންމަތިވެ، އެފަދަ މައްސަލަތައް ކޯޓުތަކުގައި ދިގުލައިގެންދާ ކަމުގެ އަޑުތައް ގަދަވިއެވެ. އެއާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އެފަދަ މައްސަލަތައް އަވަހަށް ނިންމުމަށް ސާކިއުލާއެއް ނެރަފައެވެ.

މިއަދު ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ، މިހާރު ކޯޓުތަކުގައި މައްސަލަތައް ކުރިއަށް ގެންދަނީ އެއް ގަޑި އިރަށް ޝެޑިއުލްކޮށްގެން ކަމަށާއި މައްސަލަތައް އަވަށް ނިންމުމަށް ޝެޑިއުލް ކުރުމުގެ އެ އުސޫލު ބަދަލު ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އެ އޮފީހުގެ ހުށަހެޅުމަކީ އެފަދަ މައްސަލަތައް އެކީ އެކިއެކަށްޗަކަށް އަވަހަށް ނިންމުމުގެ ގޮތުން ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރަކަށް މައްސަލަ ކުރިއަށް ގެންދިޔުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އެއްވަނަ ދުވަސް ނުވެއްޖެ ނަމަ ދެވަނަ ދުވަހުވެސް އެ މައްސަލަ ގެންދަންވީ. ދެވަނަ ދުވަހު މައްސަލަ ކުރިއަށް ގެންގޮސް ތިންވަނަ ދުވަހު ހުކުމާ ހަމައަށް ގެންދަންވީ. ތިން ދުވަސް ތެރޭ މައްސަލަ ނިންމޭ ގޮތަށް ނުވަތަ ހަތަރު ދުވަސް ތެރޭ މައްސަލަ ނިންމޭ ގޮތަށް ތައްޔާރުވާން އަޅުގަނޑުމެން ބޭނުން ވަނީ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ޖިނާއީ އިޖުރާއަތް ވެސް ތަސައްވަރު ކުރާ ގޮތަކީ އެކީ އެކަށްޗަކަށް އަޑުއެހުންތައް ބޭވުމަށްފަހު، މައްސަލަ ހުކުމާ ހަމަށް ދިޔުން ކަމަށެވެ.

"ޖިނާއީ އިޖުރާތުގެ ގާނޫނުގައި އޮންނަނީ ކޮންޓިނިއުސް [ހުއްޓުމެއްނެތި] އަޑުއެހުން ގެންދަން ޖެހޭނޭ. ކޮންޓިނިއުސް ހިއަރިންގެ ގޮތުގައި އަޅުގަނޑުމެން މާނަ ކުރަން ބޭނުންވާ ގޮތަކީ. އެ މައްސަލަ ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރަކަށް ގެންދަންވީ ހަމަ އެއް މައްސަލައެއް،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އެއީ ދިފާއީ ވަކީލުންނަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އެގޮތަށް ޝަރީއަތް ބޭއްވުމަށް ވަރަށް ގިނަ ކޯޓުތަކުން ޕީޖީއާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"[އެހެން ހަދާފި ނަމަ] އަޅުގަނޑުމެންގެ މި ނިޒާމާ ދޭތެރޭ މީހުންގެ އިތުބާރު އިތުރުވެގެން ދާނެ. މީހުންގެ ޔަގީންކަން މި ނިޒާމަށް އޮންނާނެ. މުއްތަހަމުންނަށް [ދައުވާ ލިބޭ މީހުންނަށް] މާ ރަނގަޅު. އެމީހުންގެ ބޯމަތީގައި އެތަށް ދުވަހެއް ވަންދެން މައްސަލައެއް ދެމިގެންދާ ގޮތަށް ނޯންނާނެ،" ޝަމީމް ވިދާޅުވިއެވެ