ބޮން (ޑިސެމްބަރ 6) : ބައިނަލްއަޤްވާމީ މުޖްތަމަޢުން އަފްޣާނިސްތާން މަތިން ހަނދާން ނައްތާނުލާނެ ކަމަށާއި އަފްޣާނިސްތާނުން ނޭޓޯގެ ސިފައިން ފޭބި ނަމަވެސް އެ ޤައުމުގެ ތަރައްޤީއަށް ހުޅަނގާއި މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢުންއެހީތެރިވެދޭނެ ކަމަށް ޖަރުމަނުން ބުނެފި އެވެ.

ޖަރުމަނުގެ ބޮންގައި މިހާރު ކުރިޔަށްދާ އަފްޣާނިސްތާނުގެ މުސްތަޤްބަލާ ބެހޭ މަހާސިންތާއެއްގައި ވާހަކަ ދައްކަވަމުން ޖަރުމަނުގެ ޚާރިޖީ ވަޒީރު ގީޑޯ ވިސްޓަވީލާ ވިދާޅުވީ ބައިނަލްއަޤްވާމީ މުޖްތަމަޢުންއަފްޣާނިސްތާން ދޫކޮށް އެކަނިވެރިކޮށްނުލާނެ ކަމުގަ އެވެ. އަދި މިހާރު ރޭވިފައިވާ ގޮތަށް 2014 ގައި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ފޭބި ނަމަވެސް އަފްޣާނިސްތާނަށް އެހީވުމުގައި ހުޅަނގާއި މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢު ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިސްޓަވީލާގެ ވާހަކާގައި ބައިނަލްއަޤްވާމީ މުޖްތަމަޢުންނާއި ހުޅަނގުން އަފްޣާނިސްތާނަށް އެހީދޭނެ މިންވަރަކާއި އެހީދޭނެ ދާއިރާތަކުގެ ތަފްސީލެއް އަދި މިކަމާބެހޭގޮތުން ރާވާފައިވާ ޕްލޭނެއް ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް މިމަހާސިންތާގައި ބައިވެރިވި ޤައުމުތަކާއި ޖަމްޢިއްޔާތަކުންވަނީ 2024 އާ ހަމައަށް އަފްޣާނިސްތާނަށް އެހީތެރިވުމުގައި ދެމިތިބޭނެކަމަށް ވަޢްދުވެފަ އެވެ.

މިމަހާސިންތާގައި ވާހަކަ ދައްކަވަމުން އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ވިދާޅުވީ އަފްޣާނިސްތާނަކީ އަމްނާބެހޭ ދާއިރާގެ އިތުރުން ތަރައްޤީގެ ކަންތައްތަކުގައި ވެސް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީއަށް އިންތިހާއަށް ބޭނުންވެފައިވާ ޤައުމެއް ކަމުގަ އެވެ. އަފްޣާނިސްތާނާ އަޅާނުލައި ދޫކޮށްލައިފި ނަމަ އެކަމުގެ ނޭދެވޭ ނަޖީތާ ފެންނާނީ ހަމައެކަނި އަފްޣާން ރައްޔިތުންނަށް ނޫންކަމަށް ވެސް ކަރުޒާއި ވިދާޅުވި އެވެ.

އަފްޣާނިސްތާނުގެ މުސްތަޤްބަލާބެހޭބައިނަލްއަޤްވާމީ މިމަހާސިންތާގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އާއި އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދުގެ ބޮޑެތި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ދުނިޔޭގެ 80 ޤައުމެއްގެ މަސްއޫލުވެރިންނާއި ބައިނަލްއަޤްވާމީ 20 ޖަމްޢިއްޔާއެއްގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. ނަމަވެސް އަފްޣާނިސްތާނުގެ އެންމެ ނުފޫޒުގަދަ އަވަށްޓެރިން ކަމަށްވާ އީރާނާއި ޕާކިސްތާންވަނީ މިމަހާސިންތާ ބޮއިކަޓްކޮށްފަ އެވެ.

އީރާން މިމަހާސިންތާ ބޮއިކަޓްކުރީ އެމެރިކާއާއި ޔޫރަޕުން އީރާނާދެކޮޅަށް ހިންގަމުންގެންދާ ބިރުދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ޢުދުވާނީ ސިޔާސަތުތަކުގެ ސަބަބުންނެވެ. ޕާކިސްތާނުން ބައިވެރިނުވީ އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯ ސިފައިން ޕާކިސްތާނަށް ޙަމަލާދީ ޕާކިސްތާން ސިފައިންގެ 25 މީހަކު މަރާލައި ޢުދުވާން ހިންގުމާގުޅިގެން އެކަމަށް އިޙްތިޖާޖް ކުރުމުގެ ގޮތުންނެވެ. (ރޮއިޓާސް)