12 Feb 2020, 14:34
އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގައި ޖެހުނު މީހުންގެ ތަހުގީގު އަވަހަށް ނިންމައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އެދިވަޑައިގެންފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން އަދިވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ކޮމިޝަނުން ވަނީ އެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ 267 މީހުންގެ ލިސްޓެއް އެކުލަވާލާފަ އެވެ. ނަމަވެސް އަދި މިހާތަނަށް ކޮމިޝަނުން އެމީހުންގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އަދި އެ ފަރާތްތަކަށް ދައުވާ ކުރުމަށްވެސް ނުފޮނުވަ އެވެ.
މިއަދު ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، އެ ތަހުގީގު ދިގުލައި ނުގޮސް ކޮންމެވެސް އެއްގޮތަކަށް ނިންމަން ޖެހޭ ކަމަށެވެ. އެގޮތުން ދައުވާ ކުރާ ނަމަ އަދި ދައުވާ ނުކުރާނަމަ، ވީހާވެސް އަވަހަކަށް އެކަން ތަހުގީގުގައި ނިންމަން ޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން ވަނީ އެ ލިސްޓު އެގޮތަށް ނޯވެ، އެއަށް ގޮތެއް ނިންމަން. ކޮންމެވެސް އެއްގޮތަކަށް ނިންމަވަން. ދައުވާ ކުރަންޏާ ކުރަން، ނުކުރަންޏާ ނުކުރަން. މީހެއްގެ ބޯމަތީ ތުހުމަތެއް އަޅުވައިގެން އެހެން ދެމެހެއްޓުމަކީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑު ބޭނުންވަނީ އެކަމަށް ގޮތެއް ނިންމަން،" ޝަމީމް ވިދާޅުވި އެވެ.
ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބުނެފައި ވަނީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މި ސަރުކާރާއި ކުރީ ސަރުކާރުގައި ތިބި ފަރާތްތައްވެސް ހިމެނޭ ކަމަށެވެ. އަދި ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެމްބަރަކު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ނަންތައްވެސް އެ ލިސްޓުގައި ހިމެނެ އެވެ.
ޝަމީމް ވިދާޅުވީ، ހާއްސަކޮށް ދައުލަތުގެ އިސް މަގާމުތަކުގައި މީގެ ކުރިން ތިބި މީހުންނާއި މިހާރުވެސް ތިބި ބަޔަކަށް އެފަދަ ސީރިއަސް ތުުހުމަތުތަކެއް ކުރެވޭ އިރު، އެކަމަށް ވީހާވެސް އަވަހަކަށް ގޮތެއް ނިންމެން ޕީޖީން އެދޭ ކަމަށެވެ.
"މިސާލަށް އެބަ އުޅޭ ސިފައިންނާއި ފުލުހުން އަދި ބައެއް ކޮމިޝަންތަކުގެ މެމްބަރުން، އފަދަ ދައުލަތުގެ މުއައްސަސާތަކުގައި ތިބި ފަރާތްތަކުގެ ކަންތައްތައް [މައްސަލަ] ވީހާވެސް އަވަހަކަށް އަޅުގަނޑުމެން ކޮޅެއްގައި ޖައްސަން އެބަ ޖެހޭ. އެމީހުންގެ މައްޗަށް ތުހުމަތު އުފެދޭ ގޮތަށް ބާއްވާގެން ގެންދިޔާމަ މުޅި ނިޒާމާ ދޭތެރޭ މީހުންގެ އިތުބާރު ގެއްލޭގޮތްވޭ،" ޝަމީމް ވިދާޅުވި އެވެ.
ޕީޖީ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޝަމީމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ތަހުގީގު މިދޭތެރޭ ވަރަށް ބާރަށް ގޮސް އަނެއްކާވެސް މަޑު ޖެހިފައިވާ ކަމަށެވެ. ތަހުގީގާ ގުޅޭ މުއައްސަސާތަކާއެކު މަސައްކަތް އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާމެދު މިހާރު މަޝްވަރާ ކުރެވިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ކުރުމަށް ތާވަލެއް ހެދި ހަލުވި ކަމާާއެކު ކުރިއަށް ދާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އެމްއެމްޕީއަރުސީގެ ހިޔާނާތާ ގުޅިގެން މިހާނަށް ދައުވާކޮށްފައި ވަނީ ތިން ފަރާތަކަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަދި އެމްއެމްޕީއަރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. އޭގެ ތެރެއިން ޝަރީއަތް ނިމި، ދައުވާ ސާބިތުވެފައި ވަނީ ހަމައެކަނި ރައީސް ޔާމީންގެ މައްޗަށެވެ. އެމަނިކުފާނުގެ މަޗަށް ވަނީ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލު ހުކުމަކާއެކު ފަސް މިލިއަށް ޑޮލަރަށް ޖޫރިމަނާ ކުރުމުގެ ހުކުމެއް އިއްވައިފަ އެވެ. އެ މައްސަލައިގެ އިސްތުއުނާފު މިހާރު ހައި ކޯޓުގައި ދަނީ ކުރިއަށެވެ.