12 Feb 2020, 17:44
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން ނޫން ގޮތަކަށް އެއްވެސް ހަފްލާއެއްގައި ބައިވެރިނުވުމަށް މަރިޔަމް ވަހީދާއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ޓޫރިޒަމަށް އަލަށް ހުޅުވާލާ ރަށްތައް އިއުލާނު ކުރުމަށް މިދިޔަ ޑިސެމްބަރު މަހު ޓޫރިޒަމް މިނިސްޓްރީން ދަރުބާރުގޭގައި ބޭއްވި "ބުރަބި" ހަފްލާ އާއި އޭގެ ފަހުން، ކްރޮސްރޯޑްސްގައި އޮތް މޯލްޑިވްސް ޓްރެވަލް އެވޯޑްސް ޝޯ ހުށަހަޅައިދިން މައްސަލައިގައި މަރީ ވަނީ މިއަދު ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުމާއި ނޫސްވެރިންގެ ކަންބޮޑުވުން ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ ފެންމަތިވީ ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައިވާ ދަނޑިވަޅެއްގައި ނަމަވެސް، ކޮމިޓީގެ ވަޓްސްއެޕް ގްރޫޕުގައި އެ މައްސަލައާ ގުޅިގެން މެމްބަރުން ހިޔާލު ފާޅުކުރައްވައި ބަހުސްކުރެއްވި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އަދި ބްރޯޑްކޮމްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ބްރޯޑްކާސްޓް ކުރެވޭ ޕްރޮގްރާމެއްގައި އެ މަގާމުގެ ހައިސިއްޔަތުން ނޫން ގޮތަކަށް ބައިވެރިވެވަޑައިގަތުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށް ހުރިހާ މެމްބަރުންނަށް ވެސް އިއްތިފާގުވެވިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ޕްރެޒެންޓު ކުރަނީ އާމްދަނީއެއް ހޯދަން، އަމިއްލަ ހަފްލާ އަދިވެސް ހުށަހަޅާދޭނަން"
އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް ކޮމިޓީގައި އެދުމުން މަރީ ވިދާޅުވީ "ބުރަބި" ހަފްލާ އަކީ ބްރޯޑްކޮމްގެ ރައީސްކަމަށް އައްޔަންވުމުގެ ކުރިން ކޮންޓްރެކްޓު ކުރެވުނު މަސައްކަތެއް ކަމަށެވެ.
އަދި "ބުރަބި" ހަފްލާއަކީ ދައުލަތުގެ ހަފްލާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިހާތަނަށް ހަފްލާ ހުށަހަޅައިދިނުމުގެ މަސައްކަތް ކުރަމުން އައި އިރު، ދައުލަތުގެ ހަފްލާއެއް ހުށަހަޅަން ލިބިއްޖެނަމަ އިންކާރު ނުކުރައްވާ ކަމަށް މަރީ ވިދާޅުވިއެވެ. އަދި ކުރިން ދައުލަތުގެ ގިނަ ހަފްލާތައް ހުށަހަޅައިދީފައި ހުންނާނީ ހިލޭ ސާބަހަށް ނަމަވެސް، ފަހުން އުސޫލުތަކަށް ގެނައި ބަދަލާއެކު "ބުރަބި" ހަފްލާއަށް އަގެއް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
މަރީ ވިދާޅުވީ އެ ހަފްލާ އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީވެސް މިދިޔަ އަހަރު ކުރީކޮޅުގައި ކަމަށާއި، ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި ޖަލްސާ ފަސްވަމުން ގޮސް ބޭއްވޭ ވަރުވީ ޑިސެމްބަރު މަހު ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ހާޒިރުކުރުން -- ސަންފޮޓޯ/ އަހްމަދު ސައީދު
މަރީ ވިދާޅުވީ ޖަލްސާ ބާއްވާ ދުވަސް ފައިނަލްވެ އެ ދުވަސް ޖެހެން ކައިރިވެފައި ވަނިކޮށް ޓުއަރިޒަމް މިނިސްޓްރީން ގުޅައި، އެކަން އެންގުމުން މާބޮޑަށް އެކަމާ ވިސްނާ ނުލެވުނު ނަމަވެސް ބްރޯޑްކޮމްގެ ގަވާއިދުތަކުން އެ ކޮމިޝަނުގެ މެމްބަރަކަށް ބައިވެރިނުވެވެނީ ސިޔާސީ ކަންކަމުގައި އެކަނި ކަމަށެވެ.
ޓްރެވަލް އެވޯޑްސް ހަފްލާއާ ގުޅިގެން މަރީ ވިދާޅުވީ މިހާތަނަށް ފަސް ފަހަރެއްގެ މަތިން މަޓާޓޯގެ ހަފްލާތައް ހުށަހަޅައިދީފައި ވާނެ ކަމަށާއި، އޭނާއަކީ ޕްރޮފެޝަނަލްކޮށް އާމްދަނީ ހޯދުމަށް އެ މަސައްކަތް ކުރައްވާ މީހެއް ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި މި ގޮނޑީގައި އިނދެގެން، އެއީ ގަވާއިދުގައި ނެތީމަ އަޅުގަނޑު ހަމަ އެ މަސައްކަތް ކުރިއަށް ގެންދާނަން،" މަރީ ވިދާޅުވިއެވެ.
މަރީގެ ޖަވާބާ ގުޅިގެން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ގަވާއިދުގައި އެކަން މަނާކޮށްފައި ނުވި ނަމަވެސް، އެއީ މަރީގެ އިހްލާސްތެރިކަމާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ކަމަކަށްވާތީ އެއީ ކުރުން އެންމެ އެކަށީގެންވާ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ހާޒިރުކުރުން -- ސަންފޮޓޯ/ އަހްމަދު ސައީދު
އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނަށް އިސްލާހުކޮށް އިތުރު ބައިތައް ހިމެނުމަށް މެމްބަރު ވަނީ ހުށަހަޅައިފައެވެ.
"އަޅުގަނޑުވެސް ގަބޫލުކުރަން މިހާރު އޮތް ގޮތުން އެއީ ކުރެވިދާނެ ކަމެއް. އެކަމަކު އަޅުގަނޑެއް ނުދެކެމޭ އެއީ އެކަށީގެންވާ ކަމެއް ކަމަކަށް،" މެމްބަރު ވިދާޅުވިއެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވެސް ވަނީ ކުރިއަށް އޮތް ތަނުގައި މަރީ އިތުރު ހަފްލާތައް ހުށަހަޅައިދެއްވާނަންތޯ ސުވާލު ކުރައްވައިފައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ހާޒިރުކުރުން -- ސަންފޮޓޯ/ އަހްމަދު ސައީދު
"އަޅުގަނޑު ހަމަގައިމުވެސް ސިޔާސީ އެއްވެސް ހަފްލާއަކުން އަދި ސަރުކާރުގެ ހަފްލާއަކުން ވެސް ދެން ނުފެންނާނެ. އެކަމު ބައެއް ފަހަރަށް އަޅުގަނޑު ޕްރައިވެޓް ޖަލްސާތައް ހުށަހަޅާތަން ފެނިދާނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު މި ކުރާ މަސައްކަތެއް ތި ދެންނެވި ގާނޫނުގެ ތެރެއަކަށް ނާދޭ. އެއީ އަޅުގަނޑު މަސައްކަތް ކުރަނީ އެއީ އާމްދަނީއެއް ގޮތަށް ހޯދަން ބައެއް ފަހަރު ޕެޝަން އެއްގެ ގޮތަށް ކުރާ މަސައްކަތެއް،" މަރީ ވިދާޅުވިއެވެ.
މަރީގެ ވާހަކަތަކާ ގުޅިގެން ކޮމިޓީގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ބްރޯޑްކޮމްގެ މެމްބަރަކު ސަރުކާރު ޖަލްސާއެއް ވިޔަސް ނުވަތަ އަމިއްލަ ފަރާތެއްގެ ޖަލްސާއެއް ވިޔަސް ހުށަހަޅައިދިނުމަކީ ރަނގަޅު ގޮތެއް ކަމަށް ނުފެންނަ ކަމަށެވެ.
ކަންބޮޑުވުމުން ފާޅުކުރައްވައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ ބްރޯޑްކާސްޓް ކުރާ ހުރިހާ ފަރާތެއް ރެގިއުލޭޓް ކުރާ މުއައްސަސާ އަކީ ބްރޯޑްކޮމް ކަމަށް ވާއިރު ބްރޯޑްކޮމްގެ އެންމެ އިސް ފަރާތަކީ މަރީ ކަމަށެވެ.
އެހެންކަމުން އަމިއްލަ ހައިސިއްޔަތުން ބްރޯޑްކޮމްގެ މެމްބަރަކު ބައިވެރިވި ޖަލްސާއެއްގެ ކޮންޓެންޓުގައި މައްސަލައެއް ދިމާވެއްޖެނަމަ، އެކަމުގައި މަސްލަހަތު ފުށޫއެރުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށެވެ.
ހުރިހާ މެމްބަރުން ވެސް ވަނީ އުޝާމްގެ ވާހަކަތަކަށް ތާއީދުކުރައްވައިފައެވެ. އަދި ބައެއް މެމްބަރުން ވަނީ ބްރޯޑްކާސްޓުކުރާ އެއްވެސް ހަފްލާއެއްގައި ބްރޯޑްކޮމްގެ މެމްބަރެއްގެ ހައިސިއްޔަތުން މެނުވީ ބައިވެރިނުވުމަށް މަރީއަށް އިލްތިމާސް ކުރައްވައިފައެވެ.
ނަމަވެސް އަމިއްލަ ހަފްލާ ހުށަހަޅައިނުދޭނެ ކަމަކަށް މަރީ ވިދާޅެއް ނުވެއެވެ. މަރީ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މެމްބަރުންގެ އިލްތިމާސްތަކަށް އިހްތިރާމް ކުރައްވާ ކަމަށާއި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ. އަދި މީގެފަހުން ސިޔާސީ ނުވަތަ ސަރުކާރު ހަފްލާއަކުން ދެން މަރީ ނުފެންނާނެ ކަމަށެވެ.
"#ވަޓްއެވާ އަކީ ބެކްސްޓޭޖުގައި ބޭނުންކުރާ ޓެގްލައިނެއް"
މަރީ "ބުރަބި" ހަފްލާ ހުށަހަޅައިދިން މައްސަލަ ހޫނުވެފައި ވަނިކޮށް މަރީ ވަނީ ޓްރެވަލް އެވޯޑްސް ހަފްލާ ވެސް ހުށަހަޅައިދެއްވާފައެވެ. އަދި އެ ހަފްލާގައި ޕްރެޒެންޓަރު މޫސާ ވަސީމް އާއެކު ނަގާފައިވާ ފޮޓޯއެއް މަރީ ވަނީ އިންސްޓަގްރާމް ކުރައްވައިފައެވެ.
އެ ފޮޓޯގެ ކެޕްޝަންގައި ކުރާ މަސައްކަތަށް ލޯބިކުރާ ކަމަށް ބުނެ މަރީ ވަނީ ހޭޝްޓެގްގެ ގޮތުގައި "ވަޓްއެވާ" ބޭނުންކުރައްވައިފައެވެ. އެއާއެކު އަނެއްކާވެސް މަރީއަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. އަދި އެ ހޭޝްޓެގަކީ މަރީ ހަފްލާ ހުށަހަޅައިދިނުމުން ފާޑުކީ މީހުންނަށް ދިން ރައްދެއް ކަމަށް ގިނަ ބަޔަކު ވަނީ މާނަކޮށްފައެވެ.
މިއަދުގެ ކޮމިޓީގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވަނީ އެއީ ކޮން މާނައެއްގައި ބޭނުންކުރެއްވި ހޭޝްޓެގެއްތޯ ސުވާލުކުރައްވައިފައެވެ.
ޖަވާބުދެއްވަމުން މަރީ ވިދާޅުވީ މަރީގެ އިންސްޓަގްރާމް ފޮލޯކޮށް އެހާ ރަނގަޅަށް ރައްޔިތުން މަރީގެ ކަންކަން އެހާ ގާތުން ބަލަމުން ދިއުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ހާޒިރުކުރުން -- ސަންފޮޓޯ/ އަހްމަދު ސައީދު
މަރީ ވިދާޅުވީ ޕްރެޒެންޓު ކުރުމަކީ ހަމައެކަނި ފުށް ޖަހާލައިގެން ލިޕްސްޓިކް ޖައްސާލައިގެން އަރާ ވާހަކަ ދެއްކުން ނޫން ކަމަށާއި އެއީ ވަރަށް ވަގުތު ނަގާ ބުރަ މަސައްކަތެއް ކަމަށެވެ.
"ބެކްސްޓޭޖުގައި ގާތްގަނޑަކަށް ފަސް ހަ ގަޑިއިރު ކޮޅަށް ތިބެންޖެހޭ. އެ ނިމިގެން އަސްލު ތެދަށް ބުނަންޏާ ކާ އެއްޗެހި ވެސް ކުނިވާ ހިސާބުން އަޅުގަނޑުމެން ކާނީވެސް. ބުރަ މަސައްކަތެއް ޕްރެޒެންޓިން އަކީ،" މަރީ ވިދާޅުވިއެވެ.
އަދި އެހާ ބުރަކޮށް މަސައްކަތް ކުރާ އިރު ގިނަ ފަހަރަށް ޝޯތަކުގެ ކަންކަން ދަނީ އެންމެ ހަރުދަނާކޮށް ނޫން ކަމަށާއި އެހެންކަމުން "ވަޓްއެވާ" އަކީ ބެކްސްޓޭޖުގައި ގެންގުޅޭ "ޓެގްލައިނެއް" ކަމަށް މަރީ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ވަޓްއެވާއަކީ އަޅުގަނޑާ، މޫސާ ވަސީމާއި މުނާޒްމެން ގެންގުޅޭ ޓެގްލައިނެއް،" މަރީ ވިދާޅުވިއެވެ.
އޭނާއަކީ ދުވަހަކުވެސް ސިޔާސީ ލަށްތަކެއް ޖެހިފައި ހުންނެވި ބޭފުޅެއް ނޫންކަމަށް ވެސް މަރީ ވިދާޅުވިއެވެ.
"ހަމައެކަނި ކުރި ތައުރީފަކީ ޝުކުރިއްޔާއޭ ބުނުން"
"ބުރަބި" ހަފްލާ ހުށަހަޅައިދިނުމުގެ ތެރެއިން މަރީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، މަސްއޮޑި އަހުމަދު ނަސީމަށް ތައުރީފު ކުރައްވައި ވާހަކަ ދެއްކެވި ކަމަށް ބުނެ ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އަދި އެއީ މަރީއާއި ބްރޯޑްކޮމްގެ މިނިވަންކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ނަމަވެސް މަރީ މިއަދު ވިދާޅުވީ ހަފްލާއެއް ހުށަހަޅާދޭ މީހަކަށް އޮންނާނީ ހަމައެކަނި މީހުންނަށް ގޮވައި ޝުކުރު އަދާކުރުން އެކަނި ކަމަށެވެ.
"އަދި އަޅުގަނޑު އެހާ ގަބޫލެއްވެސް ނުކުރަން ތި ބުރަބި ޖަލްސާގައި ވެސް އަޅުގަނޑު ނުހުންނާނެ ވަކި އަތަކަށް ޖެހިފައެއް، ސިޔާސީ ބަސްތަކެއް ބޭނުންކޮށްފައެއް. ހަމައެކަނި ޝުކުރިއްޔާ، މިވެނި އެއްޗެއް ޝުކުރިއްޔާ. އެއީ ހަމައެކަނި މިވީ ވިހި އަހަރުގައި ވެސް އަޅުގަނޑުގެ ޕްރެޒެންޓޭޝަން ދާގޮތަކީ،" މަރީ ވިދާޅުވިއެވެ.
މަރީ މިހެން ވިދާޅުވި ނަމަވެސް، މަރީ ވަނީ އެ ޖަލްސާގައި މިނިސްޓަރު އަލީ ވަހީދާއި ނަސީމަށް ވެސް ތައުރީފު ކުރައްވައިފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާ ޓޫރިޒަމް މިނިސްޓްރީގެ "ބުރަބި" ހަފްލާ ހުށަހަޅުއްވައިދެއްވަނީ --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް
"އަޅުގަނޑުމެންގެ ޓުއަރިޒަމް މިނިސްޓަރު، ވަރަށް އެނާޖެޓިކްކޮށް، މި އަހަރުގެ ކާމިޔާބީތައް އަދި ކުރިއަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީ ކުރާނެ ގޮތް އަޅުގަނޑުމެން އެންމެންނާ ހިއްސާ ކުރައްވައިފި. ހަމަ އެގްޒާމްއަކަށް ކިޔަވާހެން ބައެއް ސްޓެޓިސްޓިކްސް ވިދާޅުވެދެއްވައިފި. އަޅުގަނޑަށް ހީވަނީ މިރޭ އަޅުގަނޑުމެންގެ އިންފޮމޭޝަން ކޮމިޝަނަރު ވަރަށް އުފާ ކުރައްވާނެހެން. މިތަނުން އެކަނިވެސް ވަރަށް ގިނަ މައުލޫމާތު ހިއްޕަވައިން ކަންނޭނގެ ވަޑައިގަންނަވާނީ. ވަރަށް ބޮޑަށް ތެންކިޔު. ދެން އަބަދުވެސް ވަރަށް އިންޓުރެސްޓިން ގޮތަކަށް މިނިސްޓަރުގެ ވާހަކަ ހުންނާނީ. އެހެންވީމާ ކިތަންމެ އިރަކުވެސް ތިބެވިދާނެ،" މިނިސްޓަރުގެ ވާހަކައަކަށް ފަހު އެ މަރީ ވިދާޅުވެފައިވެއެވެ.
ދެން މަރީއަކަށް ބްރޯޑްކާސްޓްކުރާ ޖަލްސާއެއް ހުށަނޭޅޭނެ!
މަރީގެ ވާހަކަތަކަށް ފަހު ކޮމިޓީގައި އެންމެ ފަހުން ވާހަކަދެއްކެވީ މެމްބަރު ރޮޒައިނާއެވެ. ރޮޒައިނާ ވިދާޅުވީ ކޮމިޓީން ރުހުން ދީގެން އަދި މަޖިލީހުން ރުހުން ދީގެން ބްރޯޑްކޮމް އަށް މަރީގެ ނަން ފާސްކުރީ ވަރަށް ބޮޑެތި އުންމީދުތަކަކާ އެކުގައި ކަމަށެވެ.
މި ސަރުކާރު އަދި މަޖިލިސް ވެސް އައީ މިނިވަން މުއައްސަސާތަކަކަކީ ހަގީގީ މާނައިގައި މިނިވަން ބަޔަކަށް ހަދާ ދޭނެކަމުގެ ވައުދާ އެކުގައި ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ކުރޭތީ ރައްޔިތުން ބަލާނެ ކަމަށާއި، ސަރުކާރާ، މަޖިލީހާ، މިނިވަން މުއައްސަސާތަކާމެދު ރައްޔިތުންގެ މެދުގައި ގެއްލިފައިވާ އިތުބާރު އަލުން ހޯދޭނީ އެންމެން މަސައްކަތް ކޮށްގެން ކަމަށެވެ.
އެހެންކަމުން ގާނޫނުގައި މަނާކޮށްފައި ނެތް ނަމަވެސް، ރައްޔިތުން ބަލައިނުގަންނަ ކަންކަމުން އެއްފަރާތް ވުމަށް ރޮޒައިނާ ވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ހާޒިރުކުރުން -- ފޮޓޯ/މަޖިލިސް
"އަޅުގަނޑުމެން ބޭނުންވަނީ މަރިޔަމް ވަހީދާގެ ފަރާތުން އެ ޔަގީންކަން ރައްޔިތުންގެ އިތުބާރު ހޯދުމުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގެ. އެހެންވީމަ ރައްޔިތުންނަށް ބަލައިނުގަނެވޭ ކަމެއް ކަމަށް ވަންޏާ އެކަމަކީ އަދި ގާނޫނުން ކަނޑައެޅިގެން މަނާކޮށްފައި ނެތް ކަމެއް ކަމުގައި ވިޔަސް ވެސް އަމިއްލައަށް އަމަލުތައް ބަހައްޓަވާ އިރުގައި ރައްޔިތުން ބަލައިގަންނަ ގޮތަކަށް ތަނުގެ މިނިވަންކަން ހިފެހެއްޓޭ ކަމަށް ރައްޔިތުންނަށް ބަލައިގަނެވޭނެ މިންގަނޑެއްގައި މަސައްކަތް ކޮށްދެއްވުން އެއީ އަޅުގަނޑުމެން އެދޭ އެދުމަކީ،" ރޮޒައިނާ ވިދާޅުވިއެވެ.
މިއަދުގެ ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމީ ސަރުކާރު ވިޔަސް އަދި އަމިއްލަ ފަރާތެއް ވިޔަސް ބްރޯޑްކާސްޓް ކުރާ އެއްވެސް ހަފްލާއެއްގައި ބްރޯޑްކޮމްގެ މެމްބަރެއްގެ ހައިސިއްޔަތުން ނޫން ގޮތަކަށް ބައިވެރިވެ ޖަލްސާތަކުގައި އަމަލީ ގޮތެއްގައި ހަރަކާތްތެރި ނުވުމަށާއި ރައްޔިތުން އުންމީދު ކުރާ ގޮތަށް އިސްކަން ދީގެން މަސައްކަތް ކުރުމަށް މަރީއަށް ސިޓީއަކުން އެންގުމަށެވެ.