12 Feb 2020, 14:47
ބޭންކޮކް (ފެބްރުއަރީ 12): ދެހާހަށް ވުރެ ގިނަ މީހުންނާ އެކު ދަތުރު ކުރަމުންދާ ކުރޫޒްލައިނާއަކުން ކޮރޯނާވައިރަސް ޑިޒީސް،2019 (ކޯވިޑް-19) ފެނިދާނެތީ އެ ބޯޓު ބަނދަރު ކުރަން ހުއްދަ ދޭން ފަސް ގައުމަކުން ދެކޮޅު ހަދައިފި އެވެ.
މިހާރު ގަލްފް އޮފް ތައިލޭންޑުގައި އޮތް އެމްއެސް ވެސްޓާޑަމް ކިޔާ އެ ބޯޓު ބަނދަރު ކުރުން ފުރަތަމަ ހުއްޓުވީ ފިލިޕީންސްއިންނެވެ. އެއީ އެބޯޓު މިމަހުގެ އެކެއްގައި ހޮންކޮންގައި ހުއްޓުމަށް ފަހު ދިޔުމުންނެވެ. އަދި އޭގެ ފަހުން ޖަޕާނާއި ޓައިވާނާއި ތައިލޭންޑުން މިހާރު ވަނީ ވެސްޓާޑަމް ބަނދަރު ކުރުން ހުއްޓުވާފަ އެވެ.
އެ ބޯޓު އޮޕަރޭޓު ކުރާ ހޮލެންޑް އެމެރިކާ އިން ވަނީ އެ ބޯޓުގައި ތިބި 2،257 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ވައިރަސް ޖެހިފައިވާ ކަމަށް ގަބޫލު ކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. އަދި އެ ބޯޓުގައި ތިބި ފަސިންޖަރުން ވަނީ ކުރޫޒްލައިނާއަށް ބަނދަރު ނުކުރެވި މާ ގިނަ ދުވަސްވާ ނަމަ ކާނާ އާއި ބޭހާއި ތެޔޮ މަދުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަމަވެސް ތައިލޭންޑުގެ ސަރުކާރުން ވަނީ އެބޯޓަށް ބޭންކޮކުގައި ބަނދަރު ނުކުރެވުނު ނަމަވެސް އެއަށް ކާނާ އާއި ބޭހާއި ތެޔޮ ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.
ތައިލޭންޑުގައި ވެސްޓާޑަމް ބަނދަރު ކުރުން ހުއްޓުވާފައި ވަނީ ޖަޕާނުގެ ޔޮކޮހާމާގައި ބަނދަރުކޮށްފައި އޮތް ކުރޫޒްލައިނާއެއްގައި ތިބި 174 މީހަކު މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުން ބުނި ފަހުންނެވެ. އެބޯޓު މިދިޔަ ހަފްތާ ތެރޭގައި ބަނދަރު ކުރި ފަހުން އޮތީ ކަރަންޓީނުކޮށްފަ އެވެ. އަދި ވައިރަސް ޖެހިފައިވާ މީހުން ހޮސްޕިޓަލަށް ގެންދަމުންދާ އިރު، އަންނަ ބުދަ ދުވަހާ ޖެހެންދެން ބޯޓު އޮންނާނީ ކަރަންޓީނުކޮށްފައި ކަމަށް ޖަޕާނުން ބުންޏެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފުރަތަމަ ފެތުރެން ފެށި ކޯވިޑް-19ގެ ސަބަބުން މިހާތަނަށް 1،113 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 44،600އަށް އިތުރުވެފަ އެވެ.