ދިވެހިން ފަތުރުވެރިންގެ ގޮތުގައި އަދި އުމްރާއަށް ސައުދީއަރަބިއްޔާއަށް ދާން އޮން އެރައިވަލް ވިސާ ލިބޭނެގޮތް ވަރަށް އަވަހަށް ހަމަޖެހިގެެންދާނެ ކަަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ އޮންއެރައިލް ވިސާ ދިވެހިންނަށް ލިބޭނެކަމުގެ ޔަގީންކަން ސައުދީ ސަރުކާރުން މިހާރު ދީފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސައުދީގެ ނިންމުމާއެކު އެތަކެއް ދިވެހިންނަށް ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"އޮން އެރައިވަލް ވިސާގެ ހިދުމަތް ފެށުމާއެކު ދިވެހިން ސައުދީއަށް ދަތުުރުފެށުމުގެ ކުރިން އޮންލައިންކޮށް އީ ވިސާއަށް އެދުމުގެ ފުރުސަތު ނުވަތަ ވިސާއާ ނުލާ ސައުދީއަށް ދަތުރުކޮށް އެއާޕޯޓްއިން ވިސާއަށް އެދުމުގެ ފުރުސަތު ހުޅުވިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެެ.

އޮންއެރައިވަލް ވިސާ ލިބެން ފެށުމުން ސިންގަލް އެންޓްރީ ވިސާގައި ނަމަ 90 ދުވަސް އަދި މަލްޓިޕަލް އެންޓްރީ ވިސާގެ ދަށުން ސައުދީގައި އަހަރަކު 90 ދުވަސް ހޭދަކުރެވޭނެކަމަށް ޝާހިދު ވިދާޅުވި އެވެެ.

"އަދި މި ބަދަލުގެ ސަބަބުން ވިސާގޭ ފީއަށް ދައްކަން ޖެހޭ އަދަދު ވަރަށް ބޮޑަށް ލުއިވެގެން ދާނެ. ހއްޖުގެ އަޅުކަން އަދާކުރުމަށާއި ކިޔެވުމަށާއި ސިއްހީ ފަރުވާއަށް އަދި ސައުދީ އަރަބިއްޔާގައި މަސައްކަތް ކުރުން ފަދަ ކަންކަމަށް މި ވިސާގެ ބޭނުމެއް ނުކުރެވޭނެ." ޝާހިދު ވިދާޅުވި އެވެ.