12 Feb 2020, 13:10
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި އޭނާ މަރާލި ކަމަށް އަދުހަމް މުހައްމަދު ކޯޓުގައި އިއުތިރާފުވެއްޖެ ނަމަ އޭނާ އަށް ލުއި ޖަލުގެ ހުކުމެއް އަންނާނެ ގޮތަށް އިއުތިރާފުގެ އެއްބަސްުވުމެއް ހަދާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ގާތިލް އަދުހަމުގެ މައްޗަށް މިހާރު ވަނީ ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލައިފަ އެވެ. އެ ދައުވާގެ އަޑުއެހުމެއްް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށް ދަމުންނެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މައުލޫމަތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، އަދުހަމްއާ އެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާ ކުށަށް އިއުތިރާފުވެއްޖެ ނަމަ އަންނާނީ 17އަހަރާއި ހަމަސް ދުވަހުގެ ޖަލުގެ ހުކުމެއް ކަމަށެވެ. ނަމަވެސް ޝަރީއަތުގެ މަރުހަލާގައި ގާސިމްގެ ވާރިސުން މަރަށް މަރު ހިފުމަށް ބޭނުން ވެއްޖެ ނަމަ އޭނާގެ މައްޗަށް އަންނާނީ މަރުގެ ހުކުމް ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އެއްވެސް މަރުހަލާއެއްގައި. އެއީ ކްރިމިނަލް ކޯޓުގެ މަރުހަލާގައިވެސް ހައި ކޯޓުގެ މަރުހަލާގައިވެސް ސުޕްރީމްކޯޓުގެ މަރުހަލާކަމަށް ވިޔަސް ވާރިސުން މަރުގެ އަދަބު ދޭން ކަމަށް ބޭނުން ނަމަ ހަމަ އެގޮތަށް ކުރިއަށް ދާނީ [މަރަށް މަރު ހިފުމަށް]. އެހެން ނޫން ނަމަ ލުއި ޖަލުގެ އަދަބު އަންނާންނީ. އެހެންވީމަ ވާރިސުންގެ އަތުގައި އޮތީ. ވާރިސުން މަރަށް މަރު ހިފުމަށް ދޫކޮށްލާފި ނަމަ، 17 އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމަކަށް ދާން،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، އަދުހަމްއާއެކު އިއުތިރާފުވުމުގެ އެއްބަސްވުމެއް ހެދި ނަމަވެސް އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ. އަދި އެގޮތަށް އެއްވަސްވުން ހެދުމުން ލިބޭ ފައިދާތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ވަގުތާއި ހަރަދުވެސް ސަލާމަތްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"މިދިޔަ އަހަރު ޖުމްލަ 20،000 އަށް ވުރެ ގިނަ މައްސަލަ ކޯޓުތަކުގައި ޝެޑިއުލް ކުރެވުނު. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މައްސަލަ ބޭއްވުނު. ކޮންމެ މައްސަލައަކަށް ވަރަށް ގިނަ ހަރަދު ހިނގާ. އެހެން ވީމަ މިކަމަށް ވަރަށް ބޮޑު ހަރަދު ކުޑަ ކުރެެވޭ މިގޮތަށް އެއްބަސްވުމަށްކަށް ދިޔާމަ،" ޝަމީމް ވިދާޅުވި އެވެ.
ތޫނު އެއްޗަކުން ހަމަލަދީ ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް އޭނާގެ ގާތިލް އަދުހަމް އިއުތިރާފްވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ގާސިމް މަރާލި ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގަ އާއި، ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައި ވެސް އިއުތިރާފުވެފައިވާ ކަމަށެވެ.