05 Dec 2011, 21:59
ރާއްޖެ ހިމެނޭ ގްރޫޕް ބީ އަކީ ލަނޑުގެ ގޮތުންނާއި މެޗަކުން މޮޅުވުމުގެ ގޮތުން ކޮންމެ ޓީމަކަށް ވެސް ދަތި މެޗަކަށް ވީނަމަވެސް، އިންޑިޔާ ހިމެނޭ ގްރޫޕް އޭ އަކީ މި މުބާރާތުގައި އަދި މިހާތަނަށް އެންމެ ގިނަ ގޯލްޖަހާ މެޗްތައް ކުޅޭ ގްރޫޕެވެ. އެގޮތުންގަދަފަދަ އިންޑިޔާ އާއި މި މުބާރާތް ފެށުނުއިރު ވެސް އާދައިގެ ޓީމެއް ކަމަށް ބެލެވުނު ބޫޓާން ކުޅުނު މެޗްގައި އިންޑިޔާއިން ބޫޓާންކޮޅަށް ފަސް ލަނޑުޖަހާ މޮޅުވެއްޖެއެވެ.
މިނަތީޖާގެ ސަބަބުން މިގްރޫޕްގެ އެއް ވަނަ މަޤާމު އިންޑިޔާއަށް ލިބިފައިވަނީ ގޯލްގެ ތަފާތުންނެވެ. އިންޑިޔާ މިހާރު ސެމީފައިނަލުން ޖާގައެއް ބޭނުންނަމަ ސްރީލަންކާއާއެކު ކުޅޭމެޗު އެއްވަރު ކޮށްލިޔަސް ފުދޭނެ އެވެ. ބޫޓާން ގްރޫޕް މަރުހަލާގައި ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާތީ މިހާރު ވަނީ ސެމީފައިނަލަށް ދިޔުމުގެ ހުރިހާ ފުރުސަތެއް ބަންދުވެފަ އެވެ. އިންޑިޔާއިން މިމެޗަށް ނުކުތް ފުރަތަމަ 11 އަށް ވަނީ ބައެއް ބަދަލު ގެނެސްފަ އެވެ. އެގޮތުން ދިފާޢީ ބެކަށް ކުޅޭ ސަމީރު ނާއިކްގެ ބަދަލުގައި ޒުވާން ދިފާޢީ ކުޅުންތެރިޔާ ނިރްމަލް ޗެތްރީ ކުޅެން ނެރުމާއި، އިތުބާރު އަރިމަތީ މެދުތެރެ ސްޓީވަން ޑިޔަޒްގެ ބަދަލުގައި އެންތަނީ ޕެރޭރާ ޓީމްގައި ހިމެނިއެވެ.
ބޫޓާން ސްރީލަންކާއާއެކު ކުޅެ ގޯލްތަކަކުން ބަލިވި މެޗްގައި ނުކުތް ފުރަތަމަ 11 އިން މިމެޗަށް ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. މެޗް ފެށުމާއި އެކު މުޅިމެޗްގެ ކޮންޓްރޯލް އިންޑިޔާ ހޯދާ އެޓީމްގެ ތެރޭގައި ޕާސްކޮށް ބޯޅަ ހިފަހައްޓަން ފެށިއެވެ. އިންޑިޔާއަށް ގޯލްޖެހުމުގެ ފުރުސަތުތައް ލިބެމުންގޮސް އިންޑިޔާއަށް ފުރަތަމަ ލަނޑު ކާމިޔާބުވީ އެޓީމަށް ލިބުނު ކޯނަރެއް ކްލިފޯޑް މިރަންޑާ ވަރަށް ފުރިހަމައަށް ނަގާދިނުމުން ގޯލް އޭރިޔާތެރޭ މާރކް ނުކުރެވި ހުރި ސަޢީދު ރަހީމް ނަބީ ބޮލުންޖަހާ ގޯލްގެ ތެރެއަށް ވައްދާލުމުންނެވެ.
އިންޑިޔާއަށް ކުރިލިބިފައިވަނިކޮށް ޖެހިޖެހިގެން އިތުރު ދެ ގޯލް ކާމިޔާބު ކޮށްދިނީ ކުޅަދާނަ މިޑްފީލްޑަރު ކްލިފޯޑް މިރަންޑާ އެވެ. އިންޑިޔާގެ ހަތަރުވަނަ ގޯލްގައިވެސް މިރަންޑާގެ ބައިވެރިވުން ވެއެވެ. މިގޮތުން ސުނިލް ޗެތްރީ ގޯލް އޭރިޔާ ކުރިމަތިން ބޫޓާން ގޯލްގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލުމަށް މަގުފަހި ކޮށްދިން ހުރަސް ނެގީ މިރަންޑާއެވެ. މިމެޗްގައި ބޫޓާންއަށް އިންޑިޔާގެ ގޯލަށް އެއްވެސް ހަމަލައެއް ނުދެވިދިޔައިރު އިންޑިޔާއިން ދިޔައީ ގޯލްޖެހުމުގެ އިތުރު ފުރުސަތުތައް ތަނަވަސް ކުރަމުންނެވެ. އިންޑިޔާގެ ފަސްވަނަ ގޯލް ސުނިލް ޗެތްރީ ޖެހީ ބޫޓާންގެ ދިފާޢީ ކުޅުންތެރިންގެ ކައިރިން ކޮށްޓަމުންގޮސް މުޅިން ހުސް ވެގެންނެވެ.
އިންޑިޔާ ޓީމް: ކަރަންޖީތް ސިންގް (ގޯލް ކީޕަރ) 19- ސަޢީދު ނަބީ (އަރިމަތީ ބެކް)28 - މަހޭޝް ގަވްލީ (އަރިމަތީ ބެކް) 3- ނިރްމަލް ޗެތްރީ (ދިފާޢީ ބެކް) 18 -ގައުރަމަންގީ މޮއިރަންގްތެމް (ދިފާޢީ ބެކް) 15- ކްލިފޯރޑް މިރަންޑާ (ކަނާތު މެދުތެރެ) 25 – ރޯކަސް ލަމަޔަރ (ވާތު މެދުތެރެ) 8 – ކްލައިމެކްސް ލޯރެންސް (މެދުތެރެ) 14 – އެންތަނީ ޕެރޭރާ (އަރިމަތީ ވިންގް ފޯރވަޑް) 11 – ޖޭޖޭ ލަލްޕެކްލުއަ (ސްޓްރައިކަރ) ސުނިލް ޗެތްރީ (ފޯވާރޑް)
ބޫޓާން ޓީމް: މޮން ބަޓްރާއީ (ގޯލް ކީޕަރ)، ޖިގްމޭ ޑޯރްޖީ (ދިފާޢު)، ޒެރިންގް ޑޯރްޖީ (ދިފާޢު)، ޕެމާ ރިންޗެން (ދިފާޢު) ނިމާ ސެންގޭ (މެދުތެރެ)، ޗެންޗޯ ޔެލްސެން (މެދުތެރެ) މަން ބަހާދުރު ގުރަންގް (މެދުތެރެ)، ކިންލޭ ޑޯރްޖީ (މެދުތެރެ)، ސަންގޭ ހާންޑޫ (ވިންގް)، ސޯނަމް ޓެންޒިންގް (ވިންގް). ނަވަންގް ދެންޑުޕް (ފޯވާރޑް)