12 Feb 2020, 11:26
މި ސަރުކާރުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ވެސް ދެމުން އަންނަނީ ބަޖެޓްގައި ހިމަނައިގެން ކަމަށާއި ވައްކަން ކުރުމަށް ބަޖެޓްގައި އެއްވެސް ފައިސާއެއް ހިމަނާފައިނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހައުސިން މަޝްރޫއުތަކެއް ހަވާލުކުރި، ނޫމަޑި އެންޑް ރިސޯޓްސްއަށް 55 މިލިއަން ޑޮލަރު (848.10 މިލިއަން ރުފިޔާ)ގެ ބަދަލު ދިން ގޮތުގެ ތަފްސީލު ހޯދުމަށް މިނިސްޓަރު އަމީން ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
މަޖިލީހުގެ ތަޅުމުގައި މިނިސްޓަރު އަމީރާ ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މި ސަރުކާރުން ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ފައިސާ ދޭން ޖެހިފައި ވަނީ ކުރީގެ ސަރުކާރުތަކުން ވެފައިވާ އިހުމާލުތަކާއި ގާނޫނީ ޒިންމާ އަދާނުކުރުމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުން ބޭއިންސާފުން އެކި ފަރާތްތަކާ މެދު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، އިންސާފު ހޯދުމަށް ވެސް އެކި ފަރާތްތަކުން އެދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ހުރިހާ ކަމަކަށް ބަލާފައި މިއަހަރުގެ ބަޖެޓްގައި ބަދަލުގެ ގޮތުގައި ދޭން 100 މިލިއަނެއްހާ ރުފިޔާ ހިމަނާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ކޮންމެ ހަފްތާއަކު އެއް ފަހަރު އާންމު ކުރާ ފިނޭންސް މިނިސްޓްރީގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކުގައި ވެސް ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޭ ފައިސާގެ އަދަދުތައް ހިމަނާފައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ސަރުކާރުން، ބަދަލު ދޭން ޖެހޭ ހާލަތުގައި އެކަން ކުރަނީ ބަޖެޓްގެ ބޭރުން ނޫން ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަޖެޓުގައި ޖަހައިގެން ނޫނީ އެއްވެސް ހަރަދެއް އެގޮތަށް ކޮށްފައި ނުވާނެ. ބަޖެޓް ކޯޑުގައި ނިންނާނެ އެއްވެސް ގޮތަކަށް ވައްކަމެއް ކުރާކަށް. ވެދާނެ އެހެން ސަރުކާރުތަކުން ބަޖެޓް ކޯޑުގައި ވައްކަން ކުރުމަށް ބަޖެޓް ކޯޑުކޮށްފައިވާ ކަމަށް. އަޅުގަނޑުމެން ސަރުކާރުގައި އަޅުގަނޑުމެން އެކަން ކޮށްފައި ނުވާނެ،" މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް ރައްދު ދެއްވަމުން އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހުގައި: މިސަރުކާރުން ވައްކަން ކުރުމަށް ބަޖެޓުގައި ކޯޑު ނުކުރާނެ ކަމަށް ވިދާޅުވި --- ފޮޓޯ/ މަޖިލިސް
އަމީރު ވިދާޅުވީ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ނޫމަޑި އަށް ބަދަލު ދިނީ އާބިޓްރޭޝަންގައި އޮތް މައްސަލައިގައި ސަރުކާރުގެ ދިފާއު ބަލިކަށިވުމުން އެ މައްސަލަ ސަރުކާރު ކޮޅަށް ނިންމޭނެ ކަމުގެ ޔަގީން ކަމެއް ނެތުމުން ކަމަށެވެ. އަދި ކޯޓުން ބޭރުން މައްސަލަ ނުނިންމި ނަމަ، ދައުލަތުން 200 މިލިއަނެއްހާ ޑޮލަރު ބަދަލުގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް ލޯޔަރުންގެ ލަފަޔާއި އެސެސްމަންޓްތަކުން ދެއްކި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އޭރުގެ ހައުސިން މިނިސްޓަރު [މުހައްމަދު މުއިއްޒު] އާބިޓްރޭޝަންގައި ވިދާޅުވިކަމަށް އެބަފެނޭ ރަނގަޅަށް ތިމަންނަމެން އެގްރިމަންޓް ބާތިލްކޮށްފައިވަނީ ގޯސްކޮށްކަން. އެހެންވީމަ އަޅުގަނޑުމެންނަށް ޑިލޭ އެކްސްޕާޓުންނާއި ކުއިންސް ކައުންސިލްގެ ލޯޔާސްއާ އެންމެގެ ލަފަޔަކަށްވީ ސަރުކާރުގެ ކޭސް ވަރަށް ވީކްކަން. އާބިޓްރޭޝަން އެވޯޑް އަންނަ އިރު، 200 އެތަށް މިލިއަން ޑޮލަރުގެ އެވޯޑެއް އަންނާނެ ކަމަށް،" އަމީރު ވިދާޅުވިއެވެ.
ނޫމަޑި މައްސަލައިގައި ދައުލަތާ ދެކޮޅަށް ބަޔާން ދިން މައްސަލައިގައި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓިއަށް ހާޒިރުކޮށް ސުވާލު ކުރި އެވެ. އަދި އެ މައްސަލައިގައި އޭނާގެ އިހުމާލު އޮތް ކަމަށް ބުނެ ކޮމިޓީން ވަނީ އެނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށާއި އޭޓާނީ ޖެނެރަލްއަށް ދެންނެވުމަށް ނިންމާފަ އެވެ. ނޫމަޑި މައްސަލައިގައި މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުސް އޮފީހުގައި މިދިޔަ ޑިސެމްބަރުގެ ތެރޭގައި ވަނީ އެދިފަ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި، ބަދަލު ދޭން ޖެހޭ މައްސަލަތައް އިތުރުވީ މިދިޔަ ސަރުކާރުން ކަންކަން ކުރި ގޮތުންނެވެ. އެގޮތުން ނޫމަޑި މައްސަލަ ފިޔަވާ މިހާތަނަށް މި ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ދީފައިވަނީ، ކުރީ ސަރުކާރުތަކުގައި ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ކަމަށެވެ. އަދި އެމައްސަލަތައް އެ ސަރުކާރުތަކުން ރިވިއު ކުރަން ޖެހޭ މުއްދަތުގައި ރިވިއުވެސް ކޮށްފައި ނުވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"އޭރުގެ ސަރުކާރުތަކުން ރިވިއު ކުރަން ޖެހޭ މުއްދަތުގައި ރިވިއު ނުކުރުމުގެ ސަބަބުން ނުވަތަ އެބޭފުޅުންގެ ގާނޫނީ ޒިންމާ ރަނގަޅަށް އަދާނުކޮށް އޮތީމަ މިހާރު އަޅުގަނޑުމެންގެ ސަރުކާރަށް މި ބުރަ ޖެހިގެން މި އުޅެނީ،" ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން އަމީރު ވިދާޅުވި އެވެ.
ނޫމަޑީގެ އެގްރިމަންޓް ރައީސް ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި އެ ކުންފުނިން ބަދަލު ހޯދަން ހުށަހެޅީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށެވެ. ބަދަލެއްގެ ގޮތުގައި ހޯދަން އެ ކުންފުނިން ހުށަހެޅީ 155 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ސަރުކާރުން ވަނީ، އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް، މިދިޔަ އޮގަސްޓް މަހު ސެޓްލްމަންޓް އެގްރީމަންޓެއް ހެދުމަށްފަހު، އެކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު (848 މިލިއަން ރުފިޔާ) ދީ ހަލާސްކޮށްފަ އެވެ.