ކުރިއަށް އޮތް ރޯދަމަހަށް 51 ބާވަތެއްގެ މުދާ އަގުހެޔޮކޮށް ލިބޭނެގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެެވެ.

ފޮރިން އިންވެސްޓްމަންޓްތަކާ ބެހޭ މައުލޫމާތު ދިނުމަށް އިކޮނޮމިކް މިނިސްޓްރީއިން އިއްޔެ ބޭއްވި ބްރީފިންގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ 51 ބާވަތެއްގެ މުދާ އަގުހެޔޮކުރުމުގެ ގޮތުން ސަރުކާރުން މާކެޓަށް "އިންޓަވީން"ކުރާނެ ކަމަށެވެ. އަދި އެބާވަތުގެ މުދާ ދުރާލާ ގަނެގެން ގެނެސް، ސްޓޮކްކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިންވެސް ރޯދަމަހާ ދިމާކޮށް އެސްޓީއޯއިން ބައެއް ބާވަތްތަކުގެ މުދާ ގިނަ އަދަދަކަށް އެތެރެކޮށް ހަދަ އެެވެ.

މިނިސްޓަރު ވިދާޅުވީ އާންމުންގެ ވިޔަފާރިތަކަށް ވަދެ ކޮންޓްރޯލް ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އެހެން ނަމަވެސް އަސާސީ ބާވަތްތަކުގެ މުދާ އަގުހެޔޮކުރުމުގެ ގޮތުން އެސްޓީއޯ މެދުވެރިކޮށް ސަޕްލައި އިތުރުކުރުމަށް މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވި އެެވެ.

މިދިޔަ އަހަރު ރޯދަމަހު ބާޒާރުގައި އެންމެ އަގު އުފުލުނު އެއް ބާވަތަކީ ކަނޑޫދޫ މިރުހެވެ. އެގޮތުން ކަނޑޫދޫ މިރުސް ކިލޯއެއް 1200 ރުފިޔާއަށްވެސް އޭރު ވިއްކި އެެވެ.

"މިދިޔަ އަހަރުގެ ތަޖުރިބާއިން އަޅުގަނޑުމެންނަށް އެނގުނީ މިރުސް އެބަ ހުންނަންޖެހޭކަން. އަޅުގަނޑުމެން މިފަހަރު ބަލާނަން ކަނޑޫދޫ މިރުސް ނޫން އެކަމަކު ސިލޯނުގެ މިރުސް ނަމަވެސް މާކެޓުގައި މިރުސް އަގުހެޔޮކޮށް ބޭނުންވާ މީހާއަށް ލިބޭނެ ގޮތެއް ވޭތޯ ބަލަން. ވަކި ރަށެއްގެ މިރުސް އަގުހެޔޮކޮށް ނުދެވޭނެ. އެހެންނަމަވެސް ބަލާނަން ގިތެޔޮ މިރުސް އަގުހެޔޮކޮށް މާލޭގެ މާކެޓަސް ނެރެވޭތޯ،" ފައްޔާޒް ވިދާޅުވި އެވެ.