05 Dec 2011, 21:50
ގްރޫޕް މަރުޙަލާގެ ފުރަތަމަ ހަތަރު މެޗްގެ ތެރެއިން ތިން މެޗް އެއްވަރު ވެފައިވަނިކޮށް ސްރީލަންކާ ބޫޓާނާއި އެކުކުޅެ ލަނޑުތަކަކުން މޮޅުވުމުން، ސްރީލަންކާއަކީ ވެސް މުބާރާތުގެ ގަދަޓީމެކޭ ބައެއް ދިރާސާކުރާ ފަރާތްތަކުން ބުނަމުންދިޔަ ބުނުން ރަނގަޅު ނޫންކަން އެނގުނީ ގްރޫޕް އޭގައި އާދައިގެ ޓީމެއްކަމަށް ކުރިން ރޭޓްކުރި އަފްޤާނިސްތާނާއެކު ކުޅުނު މެޗަށް ފަހުއެވެ.
މި މެޗްގައި އަފްޤާނިސްތާން ކުޅުނީ ޖާޒީ ނަމްބަރު ނުވައެއ ބިލާލް އަރޭޒޯ އާއި ޖާޒީ ނަމްބަރު 10 ސަންޖާރު އަޙްމަދީ ކުރިޔަށްލައިގެނެވެެ. ސްރީލަންކާގެ ޓީމު މެޗަށް ނުކުތްއިރު އެޓީމުގެ ތަޖުރިބާކާރު މެދުތެރެ ޗަތުރަ ގުނަރަތުނަ ފުރަތަމަ 11 ގައި ހިމަނާފައެއް ނުވެއެވެ. މެޗް ފަށައިގެން ދެފަރާތުން ވެސް ހަމަހަމަ ކުޅުމެއް ކުޅެމުން ދިޔައިރު ފުރަތަމަ ފުރުސަތު ލިބުނީ އަފްޤާނިސްތާންގެ ވަޙީދު އަޙްމަދަށެވެ.
ނަމަވެސް މިފުރުސަތު ބޭކާރު ކޮށްލީ ސްރީލަންކާގެ ދިފާޢީ ކުޅުންތެރިންނެވެ. އިރުކޮޅެއްގެ ތެރޭގައި ސްރީލަންކާއަށް ލިބުނު ކޯނަރެއް އެޓީމުގެ މެދުތެރޭކުޅުންތެރިޔާ ރުވަންތިލަކަ ވަރަށް ރީތިކޮށް ބޮލުން ގޯލަށް ފޮނުވާލުމުން އަފްޤާނު ގޯލީ ހަމީދުﷲ ޔޫސުފް ޒާރީ ކުޅަދާނަކަމާއި އެކު މަތަކުރިއެވެ. މެޗްގެ ފުރަތަމަ ގޯލް ޖެހީ 17 ވަނަ މިނެޓްގައި އަފްޤާނު ގޯލީ ޙަމީދުﷲ އަށް ހެދުނު ގޯހަކުން ފުރުސަތު ލިބިގަނެގެން ސްރީލަންކާގެ މެދުތެރެއަށް ކުޅެމުންދިޔަ މީ މުޙައްމަދު ޒައިން އެވެ. މި ގޯލަށްފަހު އަފްޤާނުން މެޗްގެ ނަތީޖާ ހަމަހަމަ ކުރީ އެޓީމްގެ ސަންޖާރު އަޙްމަދީ ފޮނުވާލި ބާރުބޯޅަ އެއް ސްރީލަންކާގެ ގޯލަށް ވަނުމުންނެވެ.
އަފްޤާނިސްތާންގެ މެދުތެރޭގައި ކުޅެމުންދިޔަ ޔޫސުފް މަޝްރިޤީ އާއި ޔަމިރް އަލީގެ ޕާސްތައް ހުއްޓުވުމަށް ސްރީލަންކާއަށް މާބޮޑުކަމެއް ކުރެވުނު ތަނެއް ނުފެނުނެވެ. އަދި އަފްޤާނިސްތާނުގެ ދިފާޢީ ކުޅުންތެރިން ސްރީލަންކާގެ މެދުތެރޭ ކުޅުންތެރިންނާއި ހަމަލާވެރިންނަށް އަފްޤާނު އޭރިޔާ ކައިރީ މާގިނައިރު ވުމުގެ ފުރުސަތުނުދީ ބޯޅަ ސާފުކޮށްލަމުން ދިޔައެވެ. އަފްޤާނިސްތާނުން ކުރިހޯދި ލަނޑު ކާމިޔާބުކުރީ އެޓީމުގެ މުޙައްމަދު އެސްރަފިލް ނެގި ހުރަހަކުން ހަމަ ސަންޖާރު އަޙްމަދީ އެވެ. ސްރީލަންކާއަށް މެދުތެރެ މައިތިރި ނުކުރެވުމާއި މުޅިމެޗްގެ ކޮންޓްރޯލް ގެއްލެމުން ދާތީ ސްރީލަންކާގެ ކޯޗަށް އިތުރު ގޮތެއް ނެތިގެން ރޯގާގެ ސަބަބުން މިއަދުގެ ފުރަތަމަ 11 ގައި ނުހިމެނި ޗަތުރަ ދަނޑަށް ނެރުނެވެ.
މެޗްގެ ދެވަނަ ހާފްގެ ކުޅުމުގެ ބޮޑު ބައިވެސް ކޮންޓްރޯލް ކުރަމުންދިޔައީ ފުރިހަމަ ޕާސްތަކާއި ރަނގަޅު ރޭވުމެއްގެ ދަށުން ތިބި އަފްޤާނިސްތާން ޓީމުންނެވެ. އަދި ނަތީޖާއެއްގެ ގޮތުން ގިނަ ފުރުސަތުތަކެއް އަފްޤާނުންނަށް ދިޔައީ ލިބެމުންނެވެ.
އަދި މެޗްގެ 79 ވަނަ މިނެޓްގައި އަފްޤާނުންގެ ތިން ވަނަ ގޯލް ކާމިޔާބު ކޮށްދިނީ އެޓީމުގެ މެދުތެރެއަށް ކުޅެމުންދިޔަ ޖާޒީ ނަމްބަރު 21 ޔާމިރު އަލީއެވެ. މިނަތީޖާ އާއި އެކު ސްރީލަންކާ ސެމީ ފައިނަލަށް ދިޔުމަށް ޖެހޭނީ ގަދަފަދަ އިންޑިޔާ ބަލިކުރާށެވެ. އަދި އަފްޤާނިސްތާންގެ ކުޅުމުގެ ފުރިހަމަކަން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗަށްވުރެ ވެސް ރަނގަޅުކަމަށް ފެނުނެވެ. ދެހާސް ފަސް ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް މަރުޙަލާގައި ވެސް ސްރީލަންކާ އަފްޤާނިސްތާން އަތުން ބަލިވެފައި ވުމާއި، މިއަހަރުގެ އެޕްރިލް މަހު އޮތް އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގް ގްރޫޕް މެޗުގައިވެސް ސްރީލަންކާ އަފްޤާނިސްތާން އަތުން ބަލިވެފައިވުމާއިއެކު ސްރީލަންކާ އަތުން ޢާއްމުކޮށް މޮޅުވާ ޓީމަކަށް އަފްޤާނިސްތާން މިހާރުވަނީ ވެފައެވެ.