12 Feb 2020, 10:05
އަށާރަ މީހުންނާ އެކު ދަތުރުކުރި ލޯންޗެއް މިއަދު ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފަރަށް އަރާފައި ވަނީ ތ. އަތޮޅަށް ދަތުރުކުރި "ލީޖަން 7" ނަމަކަަށް ކިޔާ ލޯންޗެއް ކަމަށެވެެ.
އެ ހާދިސާގައި މީހަކަށް ގެއްލުންވި ކަމެއް ނޭނގެ އެވެ.
އެ ލޯންޗު ފަރަށް އަރާފައި ވަނީ ވ. ފުލިދޫގެ ހުޅަނގުން 10 މޭލް ބޭރުންނެވެ.
އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:10 ކަންހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން މިހާރު ފޯރުކޮށްދެމުންދާ ކަމަށާއި އަދި ލޯންޗުގެ ވެރިފަރާތުން ލޯންޗު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.