12 Feb 2020, 10:10
މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ޖެހުމުގެ ނުރައްކާ އޮތް މީހެއްކަން ދެނެގަންނާނެ ހާއްސަ އެޕްލިކޭޝަނެއް ޗައިނާ އިން ތައާރަފުކޮށްފި އެވެ.
"ކްލޯސް ކޮންޓެކްޓް ޑިޓެކްޓާ"ގެ ނަމުގައި ޗައިނާއިން ތައާރަފު ކުރި އެޕްލިކޭޝަން ބޭނުންކޮށްގެން މީހެއް ކައިރިވުމުން އެމީހަކީ ކޮރޯނާ ވައިރަސް ޕޮޒިޓިވް މީހެއްކަން ނުވަތަ ޝައްކު ކުރެވޭ މީހެއްކަން އެނގިގެންދާނެ އެވެ.
ބޭރުގެ ނޫސްތަކުންނާއި އެކި ޓެކްނޮލޮޖީ މާހިރުން ވަނީ ޗައިނާއިން ތައާރަފުކުރި އެޕްލިކޭޝަނަށް ތައުރީފުކޮށްފަ އެވެ. އަދި ކޮރޯނާ ވައިރަސް އަށް ފަރުވާ ކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތް، އެ އެޕްލިކޭޝަނުން ވެސް ސިފަވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އެ އެޕްލިކޭޝަން ބޭނުންކޮށްގެން ވައިރަސް ޖެހިފައިވާ މީހެއް ބަލަނީ ހާއްސަ ހުއްދައަކަށް ފޮނުވައިގެންނެވެ. އެގޮތުން ޔޫސަރުން ޖެހޭނީ ކިއުއާރު ކޯޑު ބޭނުންކޮށްގެން މައުލޫމާތު ސާފު ކުރަން އެދިގެންނެވެ.
އެގޮތުން ޔޫސަރުންގެ އައިޑީ ކާޑާއި ފޯނު ނަމްބަރު ބޭނުންކޮށްގެން އެޕްލިކޭޝަށް ރެޖިސްޓާ ވާނީ އެވެ. އެއަށް ފަހު ވައިރަސް އަށް ޝައްކު ކުރެވޭ މީހެއްވާ ނަމަ އެމީހެއްގެ އައިޑީ ފޮނުވާނީ އެވެ.
ޗައިނާ އިން ބުނަނީ އެޕްލިކޭޝަން މެދުވެރިކޮށް ތިން މީހެއްގެ މައުލޫމާތު ދެނެގަނެވޭނެ ކަމަށެވެ.
ޗައިނާއިން އެ އެޕްލިކޭޝަން ތައްޔާރުކޮށްފައި ވަނީ އެގައުމުގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އިލެކްޓްރޯނިކް ޓެކްނޮލޮޖީ ގްރޫޕް ކޯޕަރޭޝަން އާއި އެގައުމުގެ ހެލްތު މިނިސްޓްރީ އަދި ޓްރާންސްޕޯޓު މިނިސްޓްރީއިން ގުޅިގެންނެވެ.
އެ އެޕްލިކޭޝަނާ ގުޅިގެން އިތުރު ފަރާތްތަކުންގެ ފާޑުކިޔުން ވެސް ވަނީ ޗައިނާއަށް ރައްދުވެފަ އެވެ. އެއީ އެ އެޕްލިކޭޝަނުން އެނގިގެން ދަނީ ޗައިނާއިން އެގައުމުގެ ރައްޔިތުންނަށް ސާވެއިލެންސް ކުރާ ވަރު އެ އެޕްލިކޭޝަނުން އެކަނި ވެސް އެނގިގެން ދާތީ ކަމަށް އެތައް ބަޔަކު ކިޔަ އެވެ.