12 Feb 2020, 09:40
ސެމްސަންގްގެ ފްލެގްޝިޕް ފޯނު ލައިން ކަމަށްވާ އެސް ސީރީޒްގެ އެންމެ ފަހުގެ ފޯނު ކަމަށްވާ "އެސް20"ގެ ފޯނުތަކާއި ފައްޖަހާލެވޭ އާ ފޯނެއް އެ ކުންފުނިން ދައްކާލައިފި އެވެ.
އެތައް ހާސް ލީކުތަކަކަށް ފަހު އެންމެ ފަހުން ރޭގައި އިއުލާނުކުރި އުފެއްދުންތަކުގެ މައުލޫމާތާއެކު އާންމުންނަށް ކުރީންވެސް އެނގޭ ގިނަ މައުލޫމާތުތަކެއް ވަނީ ކަށަވަރުވެގެން ގޮސްފައެވެ.
ސެމްސަންގް އިން އެންމެ ފަހުން ނެރެފައިވާ ފްލެގްޝިޕް ލައިން އަކީ "އެސް10" އެވެ. ނަމަވެސް އެއަށްފަހު މިއަހަރުގެ ފޯނުގެ ލައިނަޕްއަކީ އެސް20 އެވެ. ސެމްސަންގް އިން ބުނާގޮތުގައި އޭގެ ފަހަތުގައި ހާއްސަ ސަބަބެއް ވެއެވެ. އެގޮތުން އެސް10 އަކީ ކުރީ ޑިކޭޑު ނުވަތަ ދަހަރުގެ ލައިނަކަށް ވާއިރު 2020ގެ ފުރަތަމަ ދަހަރަށް 20ގެ ނަމްބަރުތަކުގެ ފޯނުތައް ނެރޭނެކަމަށް އެކުންފުނީން ބުނެއެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އެސް ލައިންއަޕްގެ ތިން ފޯނެއް ދައްކާލާފައިވެއެވެ. މިދިޔަ އަހަރު ނެރެފައިވަނީ އެސް10އީ އާއި އެސް10 އަދި އެސް10 ޕްލަސްއެވެ. ނަމަވެސް މިއަހަރު އެ ފޯނުތަކުގެ ނަމަށް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން މިއަހަރުގެ ފޯނުތަކަށް ކިޔާނީ އެސް20 އާއި އެސް20 ޕްލަސް އަދި އެސް20 އަލްޓްރާއެވެ.

އެސް20 ފޯނު --- ފޮޓޯ : ސީއެންއެން
އެސް20
މިިއީ ސެމްސަންގްގެ ފްލެގްޝިޕް ލައިންގެ އެންމެ އަގުހެޔޮ ނުވަތަ "ބަޖެޓު" ބައިގައިި ހިމެނޭ ފޯނެވެ. ނަމަވެސް އެސް10އީ އާ އެއްގޮތްވާ އެ ފޯނުގެ އަގު މިއަހަރު ބޮޑުކޮށްފައެވެ. އެގޮތުން މި ތިން ފޯނަކީވެސް ޕްރީމިއަމް އަގުގެ ފޯނުތަކެވެ. މުޅި އެސް20 ލައިންގެ އެންމެ ކުޑަ ފޯނަކީ އެއީއެވެ.
އެސް20 ވިއްކަން ފަށާ އަގަކީ 999 ޑޮލަރެވެ. އެ ފޯނުގައި 6.2 އިންޗީގެ ސްކްރީނެއް ހިމެނޭއިރު އެންމެ ކުޑަ ފޯނުގައިވެސް ތިން ކެމެރާ އިންނާނެއެވެ.

އެސް20 ޕްލަސް ގްރޭ ފޯނު --- ފޮޓޯ : ސީނެޓް
އެސް20 ޕްލަސް
އެސް ސީރީސްގެ 20 ޕްލަސްއަކީ ފީޗާތަކުގެ ގޮތުން ބަލާއިރު ތިން ފޯނުގެ މެދުގައި އިންނަ ފޯނެވެ. އެގޮތުން އެ ފޯނުގެ ސްކްރީން 6.7 އިންޗީގައި އުޅޭއިރު އެ ފޯނުގައި ހަތަރު ކެމެރާ އިންނާނެއެވެ. އެ ފޯނު ވިއްކަން ފަށާ އަގަކީ 1،200 ޑޮލަރެވެ.

އެސް 20 އަލްޓްރާ ފޯނު --- ފޮޓޯ : ސެމްސަންގް
އެސް20 އަލްޓްރާ
އެސް20 އަލްޓްރާއަކީ ސެމްސަންގް އިން އެންމެ ބޮޑަށް ޕްރޮމޯޓުކުރާ ފޯނެވެ. އެ ފޯނުގެ "އަލްޓްރާ"އަކީ ފޯނުގައި އެންމެ ވަރުގަދަ ސްޕެސިފިކޭޝަން ހިމެނޭތީ ބޭނުންކުރާ ނަމެކެވެ. އެގޮތުން އެ ފޯނަކީ 6.9 އިންޗި ޑިސްޕްލޭގެ ބޮޑު ފޯނަކަށްވާއިރު އެ ފޯނުގައި ހަތަރު ކެމެރާ ސެންސަރުގެ އިތުރުން ހާއްސަ ސެންސަރެއް ހިމެނޭ ފޯނެކެވެ.
ސެމްސަންގްއިން ވަނީ ހާއްސަ ޒޫމް ސެންސަރެއް އެ ފޯނުގައި ބޭނުންކޮށްފައެވެ. އެގޮތުން ސެމްސަންގްއިން ބުނަނީ އެ ކެމެރާއިން 100 ގުނައަށް ޒޫމްކޮށްލެވޭނެ ކަމަށެވެ. އެ ފޯނު ވިއްކަން ފަށާ ކަމަކީ 1،300 ޑޮލަރެވެ.
އެސް20 ސީރީޒްގެ ހުރިހާ ފޯނެއްގައިވެސް ބޭނުންކުރާ ޑިސްޕްލޭ އަކީ 120 ހާޓްސްގެ ޑިސްޕްލޭއެކެވެ. އަދި ފޯނުތަކުގެ ރޭމް އަށަކުން ފެށިގެން 12 އާ ހަމައިގައި އުޅެއެވެ. އެ ހުރިހާ ފޯނުތަކެއްގައި ބޭނުންކުރާނީ އެންމެ ފަހުގެ ކުއަލްކޮމް ޗިޕްސެޓެވެ.

ގެލެކްސީ ޒީ ފްލިޕް --- ފޮޓޯ : ދަ ވާޖް
ގެލެކްސީ ޒީ ފްލިޕް
އެސް20ގެ ލައިން އަށްފަހު ސެމްސަންގް އިން ދައްކާލާފައިވަނީ އެކުންފުނީގެ އާ ފަތްޖާލެވޭ ފޯނެވެ. އެކުންފުނީން މިދިޔަ އަހަރު ނެރުނު ފަތްޖަހާލެވޭ "ގެލެކްސީ ފޯލްޑް" އާ ހިލާފަށް އާ ފޯނު "ޒީ ފްލިޕް" އަކީ މޮޓޮރޯލާގެ "ރޭޒަ" ފޯނު ގޮތަށް ފަތްޖަހާލެވޭ ފޯނެކެވެ.
ދާދި ފަހުން ބޭއްވި އޮސްކާ އެވޯޑްސް ހަފްލާގައި ސެމްސަންގް އިން ވަނީ ގެލެކްސީ ޒީ ފޯލްޑް ފޯނުގެ އިޝްތިހާރެއް އާންމުކޮށްފައެވެ. އެއާއެކު އެތައް ބައެއްގެ ތަފާތު ހިޔާލުތަކެއް އެ ފޯނަށް ވަނީ ލިބިގެން ގޮސްފައެވެ.
އެ ފޯނުގެ އެއް ހާއްސަ ކަމަކީ އެ ފޯނުގައި ބޭނުންކުރާ މެޓީރިއަލްއެވެ. އެގޮތުން މީގެކުރީން ފަތްޖަހާލެވޭ ފޯނުތަކުގައި ބޭނުންކޮށްފައިވަނީ ޕްލާސްޓިކް ސްކްރީނެވެ. އެހެންނަމަވެސް ގެލެކްސީ ޒީ ފްލިޕްގައި އެ ކުންފުނީން ބޭނުންކޮށްފައިވަނީ ފަތްޖަހާލެވޭ ބިއްލޫރިއެވެ. އެއީ މީގެކުރީން އެއްވެސް ފޯނަކުން ބޭނުންކޮށްފައިވާ މެޓީރިއަލްއެއް ނޫނެވެ.
އެ ފޯނުގައިވެސް ސެމްސަންގް އިން ބޭނުންކުރަނީ ކުންފުނީގެ އެންމެ ވަރުގަދަ ސްޕެސިފިކޭޝަން އެވެ. އެއާއެކު އެ ފޯނު ވިއްކަން ފަށާ އަގަކީ 1،380 ޑޮލަރެވެ.
ސެމްސަންގްއިން ރޭގައި އާންމުކުރި ފޯނުތަކަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހު ހުޅުވާލާނެ ކަމަށް ސެމްސަންގް އިން ބުނެއެވެ.