ފަސް ރުފިޔާގެ އާ ޗާޕެއް ނެރުމަށް އެމްއެމްއޭ ނިންމައިފި އެވެ.

އެމްއެމްއޭއިން މިއަދު ބުނީ އަލަށް ޗާޕްކޮށްގެން ގެނައި ފަސް ރުފިޔާގެ ނޫޓުތައް، މިހާރު ދައުރުވާ ދިވެހި ފައިސާގެ ތެރެއަށް އަންނަ އާދީއްތަ ދުވަހު ނެރޭނެ ކަމަށާއި، އަލަށް ޗާޕްކުރި ފަސް ރުފިޔާގެ ނޫޓަށް ބައެއް ބަދަލު ގެނެސްފައިވާނެ ކަމަށެވެ. އެ ގޮތުން ނޫޓު ހިންގުމުގައި ބަލައިގަންނަ ފަރާތަކުން ސަމާލުވާންޖެހޭނެ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށް ވެސް ބުންޏެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރަމުންދާ ފަސް ރުފިޔާގެ ނޫޓުގެ ސަލާމަތީ ރޮދިފަށުގައި އިނގިރޭސި އަކުރުން “MMA MMA” ލިޔެފައި ވީނަމަވެސް އޭގެ ބަދަލުގައި އަލަށް ނެރޭ ޗާޕްގެ ސަލާމަތީ ރޮދި ފަށުގައި ހިމަނާފައިވަނީ ޑިޒައިނެކެވެ.

ގަވަނަރު ޑރ. ފަޒީލް ނަޖީބު، ސޮއި ކުރައްވާފައިވާ އާ ފަސް ރުފިޔާގެ ނޫޓުގައި ޖަހާފައިވާ ހިޖުރީ ތާރީހަކީ 2 ރަބީޢުލްއާޚިރު 1432 އެވެ. މީލާދީ ތާރީހަކީ 7 މާޗް 2011 އެވެ.

ފަސް ރުފިޔާގެ އާ ނޫޓު ނެރުނަސް މިހާރު ބޭނުންކުރާ ފަސް ރުފިޔާގެ ނޫޓު ވެސް އުވާ ނުލައި ހިންގާނެ އެވެ.