11 Feb 2020, 22:03
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާމެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލަން އެޗްޑީސީން ތައްޔާރު ވަމުން އަންނަ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް، އެޗްޑީސީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެކަމާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލެއިން ބިން ވިއްކުމާމެދު އެ ކޯޕަރޭޝަންގެ ބޯޑުން ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
ހުޅުމާލެއަކީ އެޗްޑީސީއިން މާސްޓާ ޕްލޭނެއްގެ ދަށުން ތަރައްގީ ކުރަމުންދާ ރަށަކަށް ވާއިރު، އެ މާސްޓާޕްލޭން ފަރުމާ ކުރެވިފައި ވަނީ އެކި ބޭނުންތަކަށް ހާއްސަކުރެވިގެން ކަމަށާއި އެގޮތުން ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް އަދި ކޮމިއުނިޓީ ބޭނުންތަކަށް އެ މާސްޓާޕްލޭންގައި ޖާގަ ދެވިފައިވާ ކަމަށެވެ.
އަދި މާސްޓާޕްލޭންގެ އެންމެ ބޮޑު ހިއްސާއެއް ހާއްސަކުރެވިފައި ވަނީ އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރާއެކު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސޯޝަލް އަދި އެފޯޑަބަލް ހައުސިން ފޯރުކޮށްދިނުމަށްޓަކައި ތައާރަފްކުރެވޭ މަޝްރޫއުތަކަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ހަމައެއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން ވެށިފަހި ޕްރޮގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައި ނުވާ ފަރާތްތަކަށް މި އަހަރު ހުޅުމާލެއިން ގޯތި ދޫކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މިހާރު އެ ފަރާތްތަކަށް ގޯތި ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މީގެކުރިން 2018 ވަނަ އަހަރު ވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކަން އިއުލާނު ކުރިއެވެ. ގޯތި ވިއްކަން އިއުލާނު ކުރީ 1000 އަކަފޫޓު ހަތަރު ލައްކަ ރުފިޔާ އަށެވެ.
ހައުސިންގް މިނިސްޓްރީއިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން އިއުލާނު ކުރި ދުވަހު އެތައް ހާސް ބަޔަކު ކިޔުގައި ޖެހިގެން ވަނީ ފޯމު ހުށަހަޅާފަ އެވެ.
ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ މަސައްކަތް ހުއްޓުވައިފައެވެ.