05 Dec 2011, 19:37
މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށް ސާބިތުވެ ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން އިސްމާއީލް އަބްދުލް ހަމީދުގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ދާނެ ރަށެއް ތިން ދުވަސްތެރޭގައި އެންގުމަށް ހަމީދަށް ޑީޕީއާރްއެސް އިން އިއްޔެ ޗިޓް ފޮނުވައިފިއެވެ.
ޑީޕީއާރްއެސްގެ އޮފިޝަލަކު މިރޭ ވިދާޅުވީ އިސްމާއިލް އަބްދުލް ހަމީދު ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އޭނާ އަރުވާލަން ނިންމާފައިވަނީ އޭނާ ބޭނުންފުޅުވާ ރަށަކަށްކަމަށެވެ. އޭނާ ވަޑައިގަންނަވަން ބޭނުންފުޅުވާ ރަށެއް އިއްޔެއިން ފެށިގެން ތިން ދުވަސްތެރޭގައި އެންގުމަށް އިއްޔެ އޭނާއަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ.
މި ޗިޓްގެ މުއްދަތު މާދަމާ ހަމަވާނެ އެވެ.
އިސްމާއީލް އަބްދުލް ހަމީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އިސް ވަކީލު އަބްދުﷲ ޝާއިރު މިރޭ ވިދާޅުވީ ޑީޕީއާރްއެސް އިން އިސްމާއީލް އަބްދުލް ހަމީދާއި މެދު އަމަލު ކުރަމުން ގެންދަނީ މީގެ ކުރިން އެތަނުން އަމަލުކުރަމުން ގެންދިޔަ އުސޫލުތަކާއި ޚިލާފަށް ކަމަށެވެ.
"މީގެ ކުރިން ޑީޕީއާރްއެސް އިން އަމަލުކޮށްފައި ވަނީ ޚާއްސަކޮށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ ކޯޓުގެ ޝަރީއަތްތައް ނިމެންދެން އެމީހަކު މާލޭގައި ބަހައްޓާ. އެކަމަކު މިފަހަރު އަމަލު ކުރީ އެއާއި މުޅިން ޚިލާފަށް. މާލޭގައި ބެހެއްޓުމަކީ އެއީ ކޮންމެހެން ހުކުމް ތަންފީޒު ކުރުން ފަސް ކުރުމެއް ނޫން، މާލޭގައި ބަހައްޓަނީ ޝަރީއަތްތަކަށް ކޯޓަށް ހާޒިރުވާން ޖެހޭތީ،" ޝާއިރު ވިދާޅުވިއެވެ.
އިސްމާއިލް އަބްދުލް ހަމީދު އަރުވާލުމަށް ކުރި ހުކުމް ތަންފީޒު ކުރުމަށް ޑީޕީއާރްއެސް އިން ނިންމާފައިވާއިރު ހަމީދު ވަނީ އޭނާ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިލްތިމާސްގެ މައްސަލައާއިމެދު ވަކި ގޮތެއް ނިމެންދެން ކްރިމިނަލް ކޯޓުގެ ހުކުމަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް ސްޕްރީމް ކޯޓުގައި އެދިވަޑައިގެންފަ އެވެ.
އެފަދަ އަމުރަކަށް އެދިވަޑައިގަތީ މިދިޔަ މަހުގެ 29 ވީ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި ހައިކޯޓުގެ ހުކުމް އިލްތިމާސް ކުރުމަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ އަމުރާއި މެދު ވަކިގޮތެއް ނިންމާފައި ނުވެއެވެ.
ސްޕްރީމް ކޯޓު މިހާރު އޮތީ ރިސެސްގައެވެ. ސުޕްރީމް ކޯޓުން ބުނެފައި ވަނީ ރިސެސްގެ ތެރޭގައި އެއްވެސް ޝަރީއަތެއް ނުހިންގާނެ ކަމަށެވެ.