ކޮރޯނާވައިރަސްއާ ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ވަޒީރުން މަޝްވަރާ ކުރައްވައިފިއެވެ.

ވައިރަހާ ދެކޮޅަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާ އަދި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުން ވަނީ ވާހަކަދައްކަވައިފައެވެ.

އަދި ކޮރޯނާވައިރަސްގެ ނުރައްކާތެރިކަން އަދިވެސް ބޮޑުކަމާއި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުން ދިޔުމާއެކު، މިކަމަށް ދޭންޖެހޭ ސަމާލުކަމާއި އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ވަޒީރުން ވަނީ ފާހަގަކުރައްވައިފައެވެ.

މިއަދުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ އިތުރުން ސަރަހައްދުގެ އެހެން ގައުމުތަކުގައިވެސް ކޮރޯނާވައިރަސް އަދިވެސް ފެތުރެމުން އަންނާތީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި ވިދާޅުވިއެވެ.

އަދި ރާއްޖެއިން ބޭރުން ވައިގެ މަގުން އަންނަ ފަތުރުވެރިންނާ ކަނޑުމަގުން އަންނަ އުޅަނދު ފަހަރު ޗެކްކުރުމުގެ މަސައްކަތްވެސް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއަދުގެ ވަޒީރުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ވަނީ ރައްޔިތުންގެ މެދުގައި، ބަލީގެ ނުރައްކާތެރިކަމާ ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކަމާބެހޭ އިދާރާތަކުން ހިންގާ ޕްރޮގުރާމުތަކުގެ މައުލޫމާތު އޮޅުންފިލުއްވައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވައިފައެވެ.