އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދިޔަ "ތަނަޖީ"ގެ ޑައިރެކްޓަރު އޯމް ރައުތުގެ ފިލްމަކަށް ބޮލީވުޑްގައި މިހާރު އެންމެ ގަދައަށް ފިޔަޖަމުން އަންނަ އެކްޓަރު ކާތިކް އާރްޔަން ސޮއިކޮށްފިއެވެ.

ބުޝަން ކުމާރު ޕްރޮޑިއުސްކުރާ އެ ފިލްމަށް ކާތިކް ސޮއިކުރިކަން ކްރިޓީކް ތަރަން އާދަޝް ވަނީ ކަށަވަރުކޮށްދީފައެވެ. ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމަކީ 3ޑީ ފޯމެޓްގައި ގެނެސްދޭ ފިލްމެކެވެ. އެ ފިލްމަކީ އެކްޝަން ޖޯންރާގެ ފިލްމެކެވެ.

ފިލްމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވާއިރު ފިލްމުގެ ނަންވެސް ހާމަކޮށްފައެއްނުވެއެވެ. އަދި މި ފިލްމު ރިލީޒްކުރާނެ ތާރީހެއް ވެސް އިއުލާނެއް ނުކުރެއެވެ.

ކާތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ލޯބިވެރިންގެ ދުވަހު ރިލީޒްކުރާ "ލަވް އާޖް ކަލް" އިންނެވެ. އެ ފިލްމުގައި އޭނާ އާއެކު ލީޑު ރޯލު ކުޅޭނީ ސާރާ އަލީ ހާން އެވެ. ކާތިކްގެ ކުރިއަށް ވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ބޫލް ބުލައްޔާ 2" އަދި "ދޯސްތާނާ 2" ހިމެނެއެވެ.