މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކޮންޓެއިނަރު މުދާ ހިފައިގެން ރާއްޖެ އައި ބޯޓު މާލެއަށް ބަނދަރުކޮށް މުދާ ބާލަން ފަށައިފި އެވެ.

ރާއްޖޭ ސިލްވާ ކޮމްޕެނީގެ އެޖެންޓް ކަމުގައި މުދާ ހިފައިގެން ރާއްޖެ އައި ބޯޓަކީ ބެލްޖިއަމްގެ ސީއެމްއޭ- ސީޖީއެމް ޑެލްމާސް ކުންފުނީގެ ބޯޓެކެވެ. މިއީ 1000 އަށް ވުރެ ގިނަ ކޮންޓެރިނަރުގެ މުދާ ހިފައިގެން ދަތުރު ކުރެވޭ ބޯޓެކެވެ. އަދި މިއީ މިއީ ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ޝިޕިިން ލައިންގެ ބޯޓެކެވެ.

"އިމާރާ" ނަމަކަށް ކިޔާ ބޯޓު މާލެ އައިސްފައި ވަނީ 500 އަށް ވުރެ ގިނަ މުދާ ކޮންޓެއިނަރާއެކު އެވެ.

އިމާރާ އާއި ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެމްޕީއެލް އޮފީހުގައި ސިލްވާ ކޮމްޕެނީގެ މީޑިއާ އޮފިޝަލް އަލީ ޝިމަން މިއަދު ވިދާޅުވީ އިމާރާގެ ދަތުރުތައް ޝެޑިއުލް ކޮށް ކުރިއަށް ގެންދާނެ ކަމަށާއި އެ ސައިޒުގެ އިތުރު ބޯޓުތަކުން ވެސް ރާއްޖެއަށް މުދާ އުފުލާނެ ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ހުސައިން ހިލްމީ މިއަދު ވިދާޅުވީ މިއީ އެމްޕީއެލްގެ ހަޔާތުގައި ވެސް އިމާރާ ފަދަ ބޮޑު ބޯޓެއް ރާއްޖެއަށް މުދާ ގެނައި ފުރަތަމަ ފަހަރު ކަމަށާއި ސިލްވާ ކޮމްޕެނީއާއި ސީއެމްއޭ ސީޖީއެމް ގުޅިގެން މިފެށި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ އިމްޕޯޓްސް ގްރޯތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. މުސްތަގުބަލުގައި އެ ސައިޒުގެ އިތުރު ބޯޓުތަކުގެ ދަތުރު ފެށިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

" މި ބޯޓަކީ އެމްޕީއެލްގެ މަގަތު ފާލަމަށް ގާތް ކުރެވޭ ވަރަށް ވުރެ ބޮޑު ބޯޓެއް. އެހެންވެ ބަނޑު ފަހަރުގެ ބޭނުންކޮށްގެން މުދާ ބާލަން މިޖެހެނީ،" ހުސައިން ވިދާޅުވި އެވެ.