ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭ ހޯދުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ހޯދައި ތައްޔާރު ކުރި އިންކުއަރީ ރިޕޯޓު އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް ހިމަނައި މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ ރިޕޯޓު މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދު ޖަލްސާއަށް ހާޒިރު 74 މެމްބަރުންގެ އިއްތިފާގުންނެވެ.

ދެ އަހަރުގެ ކުޑަކުއްޖަކަށް އެކުއްޖާގެ ކާފާ އަދި މުނިކާފާ ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާ ގުޅިގެން ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީ އިން ވަނީ ކަމާ ގުޅުން ހުރި މުއައްސަސާތައް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭ ހޯދުންތަކެއް ކޮމިޓީ އިން ވަނީ ހޯދައިފަ އެވެ.

ކޮމިޓީގެ ހޯދުންތަކަށް ރިއާޔަތްކޮށް އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތުވާ ބައެއް ފަރާތްތަކަށް ނަސޭހަތް ދީ މޯލްޑިވްސް ޕޮލިސް ސާވިސްގައި އެފަރާތްތަކުގެ މައްސަލަ ފައިލް ކުރެވޭ ކަމަށެވެ.

"އެއީ މުޖުތަމައުގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމާއި އަދި އެއީ އިތުރު ކުޑަކުދިންތަކެއް ޖިންސީ ގޯނާގެ ޝިކާރައަކަށްވުމަށް ދެވޭ ފުރުސަތެއް ކަމާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއްކަން." ރިޕޯޓުގައި ބުނެފައިވެ އެވެ.

ފުލުހުންގެ އިދާރާއަށް ޖިންސީ ގޯނާގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރެވިފައި ނުވާ ކަމަށް ވެސް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން މައްސަލަތައް ދިގުލައިގެން ގޮސްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ވޭތުވެ ދިޔަ 15 އަހަރު ފުލުހުންނަށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއިން 70 ޕަސެންޓް މައްސަލަތައް ނިންމަން އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ގިނަ މައްސަލަތަކެއްގެ ތަހުގީގު ފުރިހަމަ ނުވާތީ ދައުވާ ނުކުރެވިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްއިން މިފަދަ މައްސަލަތައް އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި ހަރުދަނާ ތަހުގީގީ ނިޒާމެއްގެ ތެރެއިން ތަހުގީގުކޮށްފައި ނުވުމުގެ ސަބަބުން މިފަދަ މައްސަލަތަކުގައި ދައުވާ ކުރުމަށް އިތުރު މުއްދަތެއް ހޭދަވާ ކަމާއި އަދި އެއީ ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް އިންސާފު ލިބުމަށް އެޅިދާނެ ހުރަހެއްކަން." ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ޝަރީއަތްތައް ނުނިމި ކޯޓުތަކުގައި ދިގުލައިގެން ދާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ވޭތުވެ ދިޔަ 15 އަހަރު ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ނިންމާފައި ވަނީ 94.67 މައްސަލަ ކަމާއި އޭގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ ގާތްގަނޑަކަށް 36 ޕަސެންޓް މައްސަލަ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ބެލުމުގެ ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ނުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމިޓީގެ ހުށަހެޅުންތައް
ޖިންސީ ގޯނާގެ މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތް ދިރާސާކޮށް ހިއުމަން ރައިޓްސް ކޮމިޓީ އިން ވަނީ އިސްލާހު ކުރަން ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގު ކުރަން ވަނީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ކަމަށް ކޮމިޓީ އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަދި އެފަދަ މައްސަލަތަކުގައި ޝާމިލުވާ ކޮންމެ މުވައްޒަފަކީ ވެސް ކުއްޖާގެ މަސްލަހަތައް އެންމެ ފައިދާވާ ގޮތަށް އަދި އެކުއްޖާގެ މަސްލަތަކަށް އިސްކަންދީގެން މަސައްކަތް ކުރާ މުވައްޒަފެއްކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ޖިންސީ ގޯނާގެ މައްސަލަކުގައި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނެ ނިޒާމެއް ގާއިމް ކުރުމަށް ވެސް ކޮމިޓީއިން ވަނީ ކަމާ ބެހޭ މުއައްސަސާތަކަށް އަންގައިފަ އެވެ.