ނިއުދިއްލީން މުހައްމަދު ޝާން

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ފަހުމެޗްގައި މާދަމާ ރާއްޖެ ގަޑިން 5:30 ބަންގްލަދޭޝްއާ ދެކޮޅަށް ނިކުންނަ، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ އަންބެޑްކާރު ސްޓޭޑިޔަމްގައި މިއަދު ރާއްޖެ ގަޑިން މެންދުރު 2:30 ގައި ކުރިއަށް ދިޔަ ޤައުމީޓިމް ގެ ފަރިތަކުރުމުގައި ޓީމްގެ ހުރިހާ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ޤައުމީ ޓީމް މިއަދު ކުރި ފަރިތަކުރުމަށްފަހު ސަން އޮންލައިނާ ވާހަކަ ދައްކަމުން ޓީމްގެ ކޯޗް އުރުބާނީ، މާދަމާގެ މެޗަކީ މިމުބާރާތުގައި ރާއްޖެ ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށާއި މާދަމާގެ މެޗުން މޮޅު ނޫން އެއްވެސް ގޮތެއް ރާއްޖެ ޓީމަށް ނެތް ކަމަށެވެ. އަދި މާދަމާ ބަންގާޅި އާދެކޮޅަށް ރާއްޖެ ނިކުންނައިރު ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް ކޯޗް އުރުބާނީ ބުންޏެވެ.

ޤައުމީ ޓީމްގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) ވިދާޅުވީ، މާދަމާގެ މެޗަށް ުިކުންނައިރު، ޓީމަށް ލިބިފައިވާ އެންމެ ބޮޑު އެއްހިތްހަަމޖެހުމަކީ، ޓީމްގެ އެއްވެސް ކުޅުންތެރިއަކަށް އަނިޔާގެ މައްސަލަޔަކާ ކުރުމަތިލާން ޖެހިފައި ނުވުން ކަމަށެވެ. އަދި މާދަމާގެ މެޗަކީ ދިވެހިން ނަށް މުހިންމު މެޗަކަށް ވީއިރު، ޓީމަށް ސަޕޯޓް ކުރުމުގައި ދިވެހިން ތިބުމަކީ ޓީމްގެ ވަރަށް ބޮޑު އެދުމެއް ކަަމށް ވެސް ބަލަކް ވިދާޅުވިއެވެ.


ގުރޫޕް ބީގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް އެއްވަރުވެ، ރާއްޖެ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު ސެމީ ފައިނަލަށް ދިއުމަށް މާދަމާ ބަންގްލަދޭޝް އަތުން މޮޅުވުން މަޖުބޫރެވެ. އެހެންވެއްޖެ ނަމަ ރާއްޖެއާ އެކު ސެމީ އަށް ދާނީ ނޭޕާލާއި ޕާކިސްތާން ކުޅެ މޮޅުވާ ޓީމެކެވެ. ބަންގްލަދޭޝް މެޗު އެއްވަރުވެއްޖެ ނަމަ ރާއްޖެ އަށް ފުރުސަތު އޮންނާނީ ނޭޕާލް- ޕާކިސްތާން މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ ނަމަ ކަޓާނެ އެވެ.

މުބާރާތުގެ ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން 1- 1 އިން އެއްވަރުވި ނަމަވެސް އެ މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މުބާރާތުގައި އިއްޔެ ޕާކިސްތާން އަތުން ލަނޑެއް ނުޖެހި އެއްވަރުވި މެޗު ރާއްޖެ ޑޮމިނޭޓްކުރި ނަމަވެސް ހަމަލާތައް އުފެއްދުމުގައި ރާއްޖެ އަށް މައްސަލަތައް ކުރިމަތިވި އެވެ. މެޗުގައި ރާއްޖެ އަށް ލަނޑުޖަހަން ލިބުނު ރަނގަޅު ދެ ތިން ފުރުސަތުގެ ބޭނުން ނުކުރެވުނެވެ.

ނޭޕާލްގައި 1997 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުން ފެށިގެން ސެމީ ފައިނަލަށް ނުގޮސް ރާއްޖޭގެ ޓީމު ކަޓައިފައެއް ނުވެ އެވެ.

މިފަހަރުގެ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމަކީ ވެސް ދިވެހިރާއްޖެ ޓީމުގައި ބޭރުގެ ބައެއް މީޑިއާތަކުގައި އިއްޔެ ވަނީ ބުނެފައެވެ. އެގޮތުން އިންޑިޔާ ނެގުމަށްފަހު މުބާރާތުގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ވެސް ރައްޖެ ވަނީ ހިމެނިފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރައްޖެ މިހާތަނަށް ހޯދާފައިވާ ކާމިޔާބީޔތަކަށް ބަލާއިރު، 1997 ވަނައަރު ވަނީ މުބާރަތުގެ ރަނަރަޕް ކަން ހޯދާފައެވެ. އަދި 1999 ވަނަ އަހރު މުބާރާތުގެ ތިން ވަނަ ލިބުނު އިރު، 2003 ވަނަ އަހަރު ވަނީ ރަނަރަޕްކަން ހޯދާފައެވެ. އަދި 2005 ވަނަ އަހަރު ސެމީ ފައިނަލަށް ކުޅުނުއިރު، 2008 ވަނަ އަހަރު ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި 2009 ވަނަ އަހަރު ރާއްޖެ އަށް ލިބުނީ މުބާރާތުގެ ރަނަރަޕެވެ.