މާފުށީ ޖަލުގައި ތިބި 88 ގައިދީންގެ ލޮލޮގެ ޗެކަޕް ހަދައިދީފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސާސްއިން ބުނީ މިއީ މިދިޔަ މަހު ކުރިއަށް ގެންދިޔަ އައިކޭމްޕްއެއްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެެވެ. އެ ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ޖަލުގަ އެވެެ.

އައިކެއާއާ ގުޅިގެން ބޭއްވި ދެ ކޭމްޕް ބާއްވައިފައިވަނީ މިދިޔަ މަހު 24 އަދި 31 ވަނަ ދުވަހު އެވެ.

މިއީ ގައިދީންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ކުރިއަށްވުރެ ހަރުދަނާގޮތުގައި ފޯރުކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ކޭމްޕްއެއް ކަމަށްވެސް ކަރެކްޝަންސްއިން ބުންޏެވެ.

ޖަލުގައި ތިބި ގިނަ އަދަދެއްގެ ގައިދީން ލޮލުގެ ފަރުވާއަށް އެދިފައިވާ ކަމަށާއި އެހާ ގިނަ އަދަދެއްގެ ގައިދީންތަކެއް މާލެ ގެނައުމުގެ ބަދަލުގައި މާފުށީ ޖަލުގައި އެ ކޭމްޕް ހިންގުމަކީ ހުރިހާ ގޮތަކުންވެސް ލުއިފަސޭހަ އަދި ގިނަ އަދަދެއްގެ ގައިދީންނަށް އަވަސް ފުރުސަތެއްގައި ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ކަރެކްޝަންސްއިން ބުނީ އެ ކޭމްޕްގައި ލޮލުގެ ޚާއްސަ ޑޮކްޓަރުން މެދުވެރިކޮށް ލޮލުގެ ފަރުވާއަށް އެދިފައިވާ ގައިދީންގެ ޗެކަޕް ހަދައި، އެ ފަރާތްތަކަށް ބޭނުންވަނީ ކޮން ފަރުވާއެއްތޯ ދެނެގަނެވުނު ކަމަށެެވެ.

އެގޮތުން އައިނު އަޅަންޖެހޭ ގައިދީންގެ ލޮލުގެ ނަންމަބަރު ޗެކްކޮށް އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސައި، އިތުރު ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީން ދެނެގަނުވުނުކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އެ ކޭމްޕްގައި ޖުމްލަ 69 ގައިދީންނަށް އައިނު ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.