ދިއްލީ (ފެބްރުއަރީ 11): އިންޑިއާގެ ދިއްލީގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާއިން އެސަރަހައްދުގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)އިން ކުރި ހޯދައިފި އެވެ.

ދިއްލީގެ އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން މިހާތަނަށް ގުނާފައިވާ ވޯޓުން ދައްކާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ 70 ގޮނޑީގެ ތެރެއިން 52 ގޮނޑިން ކުރީގައި އުޅެނީ އޭއޭޕީ އެވެ. އަދި އެގައުމުގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީއަށް ކުރި ލިބިފައިވަނީ 18 ގޮނޑިންނެވެ.

ނަމަވެސް 2013 އިގެ ކުރިން 15 އަހަރު ވަންދެން ދިއްލީގައި ވެރިކަން ކުރި ކޮންގްރެސް ޕާޓީއަށް އެ އިންތިހާބުން އަދި ގޮނޑިއެއް ލިބިފައި ނުވެ އެވެ.

ދިއްލީގައި 2013 ވަނަ އަހަރުން ފެށިގެން ޗީފް މިނިސްޓަރުކަން ކުރައްވަމުން ގެންދަވަނީ އޭއޭޕީގެ ލީޑަރު އަރުވިންދު ކެޖުރިވާލް އެވެ. އޭނާ ވަނީ ދިއްލީގައި އަގުހެޔޮ ކްލިނިކުތައް ގާއިމު ކުރައްވާ ފެނާއި ކަރަންޓުގެ އަގު ހެޔޮ ކުރައްވާފަ އެވެ. އަދި އޭނާ ވަނީ ދިއްލީ ސަރުކާރުގެ ބާރުތައް އިތުރު ކުރުމަށް ކެމްޕެއިން ކުރައްވާފަ އެވެ.

އެ އިންތިހާބާ ދިމާކޮށް ބީޖޭޕީން ދިއްލީގައި ކެމްޕެއިން ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު އެގައުމުގެ ޕާލިމެންޓުން ފާސްކުރި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންނަށް ފާޑު ކިޔަމުންނެވެ. ބީޖޭޕީން ވަނީ އާއްމު ގޮތެއްގައި މުސްލިމު އަންހެނުން ބައިވެރިވާ އެ މުޒާހަރާތައް ކުރަނީ ގައުމު ބައިބައި ކުރަން ބޭނުންވާ ބަޔަކު ކަމަށް ބުނެފަ އެވެ. އަދި އޭއޭޕީން އެމީހުންނަށް ތާއިދު ކުރަމުންދާ ކަމަށްވެސް ބުނެފަ އެވެ.

އިންޑިއާގެ އާ ރަށްވެހިކަމުގެ ގާނޫނުގައި ވަނީ ބަންގުލަދޭޝް، ޕާކިސްތާނު އަދި އަފްޣާނިސްތާނުން އެގައުމަށް ގަވާއިދާ ހިލާފަށްދާ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ދެވޭނެ ގޮތް ހަދާފަ އެވެ. އަދި އެ ގާނޫނާ ދެކޮޅު މީހުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތު ކުރާ ގާނޫނެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ދިއްލީގައި ބޭއްވި ޕާލިމެންޓު އިންތިހާބުން އޭއޭޕީ ކުރި ހޯދީ 67 ގޮނޑި ކާމިޔާބު ކޮށްގެންނެވެ. އޭރު ބީޖޭޕީއަށް ތިން ގޮނޑި ލިބުނު އިރު ކޮންގްރެސް ޕާޓީއަށް އެންމެ ގޮނޑިއެއްވެސް ނުލިބެ އެވެ.