05 Dec 2011, 18:38
ތިލަފުއްޓަށް ގެންދާ ކުނި ކަމާލު ނުކުރެވި ފަޅުތެރެއަށް ފެތުރި ނުރައްކާތެރިކަން ބޮޑުވުމާއެކު ރިސޯޓުތަކުން ތިލަފުއްޓަށް ކުނި އުކުން ވަގުތީ ގޮތުން މަނާކޮށް ތިލަފުށީގައި އޮންނަ "ރިސޯޓް ގޮނޑު" ބަންދުކޮށްފި އެވެ.
ރިސޯޓު ގޮނޑު ނޫސްވެރިންނަށް ދައްކާލުމަށް އެންވަޔަރަމަންޓަލް ޕޮރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިސް ނަގައިގެން މިއަދު ތިލަފުއްޓަށް ކުރި ދަތުރުގައި ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވީ ދެވަނަ ފަހަރަށް ކުނިތައް ފަޅުތެރެއަށް ފެތުރެން ފެށީ ރިސޯޓު ގޮނޑު ސަރަހައްދަށް އުސޫލެއްނެތި ކުނި އެޅަމުން ދިއުމުގެ ސަބަބުން ކަމަށެވެ. އެކަން ހައްލުކޮށް ވަކި ހާއްސަ ހަރުކަށި އުސޫލުތަކެއް ހަމަނުޖެހެނީސް އެ ސަރަހައްދަށް ކުނި އެޅުމުގެ ހުއްދަދެވެން ދެން ނެތް ކަމަށެވެ.
"މިއީ އެއްވެސް އެހެން ފަރާތްތަކަކުން ކުނި އަޅައި ސަރަހައްދެއް ނޫން. މި ސަރަހައްދަށް ހަމައެކަނި މި އަޅަނީ ރިސޯޓުތަކުން ދޯނި ދޯނީގައި ގެންނަ ކުނި. އީޕީއީން ގަބޫލުރާ ގޮތަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްވެސް އުސޫލެއް ނެތި ކުނި އަޅަން ޖެހޭނެ ކަމަކަށް. އެއީ ކުރެވޭނެ ކަމައްވެސް ނޫން. އެހެންވެ މިއަދުން ފެށިގެން މި ސަރަހައްދަށް މުޅިން އުކުން މަނާކުރީ، މި ސަރަހައްދު ސާފުކޮށް އަދި ހަރުދަނާ ވަކި ހަރުކަށި އުސޫލުތަކެއް ހަމަޖެއްސެންދެން،" ސުޖާއު ވިދާޅުވި އެވެ.
އީޕީއޭ އިން ރޭވި ދަތުރުގައި މާލޭ ސިޓީ ކައުންސިލުގެ އިތުރުން ޓޫރިޒަމާއި ތިމާވެށީގެ މިނިސްޓްރީން ވެސް ބައިވެރިވި އެވެ.
ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެ ސަރަހައްދަށް ކުނި އެޅުން ރިސޯޓުތަކަށް މަނާކުރި ނަމަވެސް ކުނި ނައްތާލުމުގައި އެ ފަރާތްތަކަށް އުނދަގޫތަކެއް ކުރިމަތި ނުވާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.
"އެބޭފުޅުންގެ ރިސޯޓުތަކުގައި އެބަހުރޭ މި ނައްތާލެވޭނެ ގޮތްތަކާއި އެއްޗިހި ހަމަޖައްސާފައި. އެހެންވެ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ދައްޗެއް އޮންނާނެ ކަމަކަށް. މި ސިޓުއޭޝަންގައި ނެތް މިތަން ސާފުނުކޮށް ގޮތްތަކެއް ހަމަޖެއްސޭކަށް. ވަކި ބަޔަކަށް ހާއްސަކޮށް ތަނެއް ދިނީމާ މި ތަނުގެ ބޭނުން މި އޮތީ ވަރަށް ނުރައްކާތެރި ގޮތަކަށް ކުރެވިފައި،" ސުޖާއު ވިދާޅުވި އެވެ.
ތިލަފުއްޓަށް ކުނި އުކުން ރިސޯޓުތަކަށް މަނާކުރި ނަމަވެސް މާލޭން އުފެދޭ ކުނި އުކުމުގެ ކަންކަން ތިލަފުށީގައި ކުރިއަށް ދާނެ ކަމައްވެސް ސުޖާއު ވިދާޅުވި އެވެ.
ރިސޯޓު ގޮނޑު ސަރަހައްދު ނޫސްވެރިންނަށް ދައްކާލިއިރު އެތަނުން އެކި ޒާތުގެ ކުނި މޫދަށް ބޭރުވެ، ފަޅުތެރެއަށް ވަނީ ފެތުރިފަ އެވެ. އެގޮތަށް ފެތުރިފައިވާ ގިނަ ކުނިތަކަކީ ވަރަށް ރަނގަޅަށް ޕެކްކުރުމަށްފަހު އުކާލާފައިވާ ތަކެއްޗެވެ. އަދި ގިނަ ކުނިތަކެއް ސީދާ މޫދަށް އަޅާލާފައި ވެސް ހުއްޓެވެ.
ތިލަފުށީ ކުނި ގޮނޑު އޮޔާލުމުގެ މައްސަލަ މިފަހަރު ދިމާވި ރިސޯޓު ގޮނޑު ބަންދު ކުރިއިރު މީގެ ދެ ތިން މަސް ކުރިން ތިލަފުށިން ކުނި ބޭރުވެ މާލެ އަތޮޅުގެ ރަށްތަކަށް ކުނީގެ ނުރައްކާ ފޯރި އެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް މުހަންމަދު ޒާހިރު ވިދާޅުވީ އެއްވެސް އުސޫލެއްނެތި ކުނި އުކުމަށް ދޫކޮށްލެވެން ނެތްކަމަށާއި ކުނީގެ މައްސަލަ ހައްލުކުރުމަށް ދޯނި ފަހަރުން ގެންނަ ކުނި ވަކި ގޮތްތަކަކަށް މެނޭޖް ކުރެވެން ޖެހޭ ކަމަށެވެ. އަދި ގޮނޑު ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރުމުން އެ ސަރަހައްދު މޮނިޓާ ކޮށް ހާއްސަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދާނެ ކަމައްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެކަން އެގޮތަށް ދުލެއް ނުކޮށްލެވޭނެ. އެކަން އެގޮތަށް ކުރެވިގެން ނުވާނެ. އަޅުގަނޑުމެން މިއަދު އުފާކުރަން ވަކި އުސޫލުތަކެއް ހަމަޖެހެންދެން މި ސަރަހައްދު ބަންދުކުރީމަ. އަޅުގަނޑުމެން މި ސަރަހައްދު ބަލައި އަދި އިންސްޕެކްޓް ކުރަމުން ގެންދާނަން. ގަވާއިދުން ބޭރުވާ ފަރާތްތަކާ މެދު ފިޔަވަޅުވެސް އަޅާނަން،" ޒާހިރު ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ ވީޑިއޯ:
http://www.youtube.com/watch?v=jCjpU1vndCo