05 Dec 2011, 18:27
ގދ. ގައްދޫ ކޯޓުން ބަލާ މައްސަލައަކަށް ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ހާޒިރު ނުވި ކަމަށް ބަލަން ޖެހޭ ސަބަބެއް އަދި އެ ގޮތަށް ބަލައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަންޖެހޭ އެއް ވެސް ގާނޫނީ ހަމައެއް ނެތް ކަމަށް ބަންޑާރަ ނައިބު އޮފީހުން ބުނެފި އެވެ.
އޭޖީ މުއިއްޒު ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށާއި އޭނާ ގައްދޫ ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް ގައްދޫ ކޯޓުން އަމުރު ކުރުމުން ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ. ބުނަނީ ގދ. ގައްދޫ ކޯޓުން ބުނާ މައްސަލައިގެ މައުލޫއަށް ބަލާއިރު އެއީ ޕެންޝަނުގެ ހައްގުތަކާ ގުޅޭ ޕެންޝަނާބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނާ ކަންކަންމާ ސީދާ ގުޅުން ހުރި މައްސަލައެއް ކަމަށެވެ.
އަދި ގައްދޫ ކޯޓުން ބަލަން ހަމައްޖައްސާފައިވާ މައްސަލައިގައި އޭޖީ އެ ކޯޓުގެ ހުރުމަތް ކަނޑައިލި ކަމަށް ބުނެ ނޫސްތަކަށް ގުޅައި ހަގީގަތް އޮޅޭ ގޮތަށް މައުލުމާތު ދިން ދިނުމުގެ އިންސާފުވެރި ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. ޕެންޝަން އެޑްމިނިސްޓްރޭޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ލިބިގަތުމުގެ ބާރު ލިބޭ ޝަހުއްސެއް ކަމަށްވާތީ އެ މައްސަލައިގައި ދައުލަތަކީ ގާނޫނީ ގޮތުން ބަލާއިރު ދައުވާ ލިބޭ ހަސްމަކަށް ބަލަންޖެހޭ ތަނެއް ނެތް ކަމަށް ވެސް އޭޖީ އޮފީހުން ވަނީ މިއަދު ބުނެފަ އެވެ.
އެޖީ އޮފީހުންގެ ބަޔާން ބުނާ ގޮތުން ގައްދޫ މެޖިސްޓްރޭޓް ކޯޓުން އެއީ ދައުލަތަށް ރައްދުވާ މައްސަލައެއް ކަމަށް ރަޖިސްޓްރީކޮށްފައި ވަނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ނުބަލަ އެވެ. އަދި އެ ކޯޓުން ބަލަން ނިންމާފައިވާ މައްސަލައިގައި ދައުލަތަކީ ރައްދުވާ ފަރާތް ކަމަށް ނުވިޔަސް އޭޖީގެ ނަމުގައި އެ ކޯޓަށް ހާޒިރުވުމުގެ އަމުރު އެ އޮފީހަށް ފޮނުވާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.
"... މިއީ މި މައްސަލައިގައި މި އޮފީހަށް އެކޯޓުން ފޮނުވާފައިވާ ހަމައެކަނި ޗިޓެކެވެ. އަދި ކޯޓަށް ހާޒިރުވާންޖެހޭ ތާރީހަކީ 11 ޑިސެމްބަރު 2011 އެވެ. ވަގުތަކީ ކުރިން ދެންނެވުނު ދުވަހުގެ 11:00 އެވެ،" ބަޔާނުގައު ވެއެވެ.
އެޖީ އޮފީހުން ބުނީ އެކަން އެހެން އޮއްވާ އެ ޝަރީއަތަށް ހާޒިރުވާން ޖެހޭ ދުވަހުގެ ހަ ދުވަސް ކުރިން ކޯޓަށް ހާޒިރުވެ ވަޑައި ނުގެންނެވި ކަމަށް ބަލަން ޖެހޭ އެއްވެސް ސަބަނެއް ނެތް ކަމަށާއި އޭޖީ ހާޒިރުވެ ވަޑައި ނުގަންނަވައިގެން އެކަން ޕީޖީއަށް ހުށަހަޅަން ޖެހޭ ގާނޫނީ ހަމައެއް ވެސް ނެތް ކަމަށެވެ.
އޭޖީ މުއިއްޒަކީ ޕީޖީ މުއިއްޒުގެ ކޮއްކޯފުޅެވެ.
"އެހެނީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ކޯޓުތަކާއި ބެހޭ ގާނޫނާއި ކޯޓްތަކުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވައިދު އަދި ކޯޓުތަކަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާ ގޮތުގެ ގަވައިދު ގައިވެސް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން އަމަލު ކުރެއްވެވި ގޮތަށް އަމަލު ކުރެއްވުމަށް ގާނޫނީ ބާރު ލިބިދީފައިވާ އެއްވެސް ނައްސެއް ނުވަތަ ބަޔާންކޮށްފައި ނުވާތީ އެވެ،" ބަޔާނުގައި ވެ އެވެ.
ގައްދޫ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމަށް ތަކުރާރުކޮށް ބަންޑާރަ ނައިބުގެ އޮފީހުގައި އެދުމުން ވެސް ދައުލަތުން ވަކީލަކު ހާޒިރު ނުކޮށްދިން ކަމަށް ބުނެ އޭޖީ އެ ކޯޓަށް ހާޒިރު ވުމުގެ އަމުރެއް ނެރުނީ ގައްދޫ ކޯޓް މެޖިސްޓްރޭޓް މަޝްހޫރު ގާޒީ، މުހައްމަދު ރާގިބެވެ.
އެ ކޯޓުން ބުނީ އޭޖީ ހާޒިރު ވުމުގެ އަމުރު ނެރުނީ ސަރުކާރުގައި 13 އަހަރު މަސައްކަތް ކުރި ދުވަސްތައް ޕެންޝަނަށް ނުގުނާ ކަމަށް ބުނެ ގައްދޫ ކޯޓަށް މީހަކު ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައަކީ ދައުލަތައް ރައްދުވާ މައްސަލައަކަށް ވެފައި، މީގެ ހަތް މަސް ކުރިން ފެށިގެން ދައުލަތުގެ ވަކީލަކު ގައްދޫ ކޯޓަށް ހާޒިރު ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.