އަންކަރާ (11 ފެބްރުއަރީ 2020) : ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ތިބި ހަމައެކަނި ސަރަހައްދު ކަމަށްވާ އިދްލިބް މިނިވަން ކުރުމަށް ސޫރިޔާ ސިފައިން ފަށާފައިވާ ހަނގުރާމައިގާ ތުރުކީއާއި ސޫރިއާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި ތުރުކީ ސިފައިންގެ ފަސް މީހުން މަރުވެއްޖެ އެވެ.

ތުރުކީ ދިފާއީ ވުޒާރާއިން ބުނީ އިދްލިބްގައި ތުރުކީ ސިފައިން ގާއިމްކޮށްފައިވާ އަސްކަރީ އޮބްޒަވޭޝަން ޕޯސްޓަކަށް ސޫރިޔާ ސިފައިން ޙަމަލާދީ ތުރުކީ ސިފައިންގެ ފަސް މީހުން މަރާލުމުން ތުރުކީ ސިފައިން ސޫރިޔާ ސިފައިންނަށް ރައްދު ދިނުމާއެކު ދެފަރާތުގެ ދެމެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައިވާ ކަމުގަ އެވެ. އެ ޙަމަލާތަކުގައި ސޫރިޔާ ސިފައިންގެ 115 އަމާޒަކަށް ހަމަލާދިންކަމަށާއި އޭގެ ތެރެއިން 101 އަމާޒު ހަލާކުކޮށްލެވުނު ކަމަށް ވެސް ތުރުކީގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެ އެވެ.

ސޫރިޔާގެ ރަސްމީ މީޑިއާއިން ވަނީ ތުރުކީ ސިފައިން އިދްލިބަށް ވަދެގެންއުޅެނީ ސޫރިޔާގެ ހުއްދައަކާނުލައި ކަމަށާއި އަދި ތުރުކީ ސިފައިން ވަދެގެން އުޅެނީ ސޫރިޔާގެ ބާޣީ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ބުނެފަ އެވެ. އެހެންކަމުން ސޫރިޔާގެ ބިމަށް ގަވައިދާ ޚިލާފަށް ވަދެގެން އުޅޭ ބޭރުގެ ބާރުތަކަށް ހަމަލާދިނުމުގެ ހައްގު ސޫރިޔާއަށް ލިބިގެންވާކަމަށް ސޫރިޔާގެ ރަސްމީ ޓީވީ ބުނެފައިވެ އެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓުވުމަށް ޓަކައި ސޫރިޔާގެ އުތުރުގައި ޙަމަލާ ދިނުން މަނާ ސަރަހައްދުތަކެއް ގާއިމް ކުރުމަށް 2018 އަހަރު ރަޝިއާއާއި ތުރުކީން އެއްބަސްވެފައިވާ އިރު އެ އެއްބަސްވުމުގެ ދަށުން ތުރުކީ ސިފައިންވަނީ ސޫރިޔާގެ އުތުރަށް ވަދެ ޙަމަލާ ދިނުން މަނާކުރާ ސަރަހައްދުތަކެއް ކަނޑައަޅައި އަދި އެތަންތަނުގެ ވަށައިގެން އަސްކަރީ އޮބްޒަވޭޝަން ޕޯސްޓްތަކެއް ވެސް ގާއިމްކޮށްފަ އެވެ. މިއީ ސޫރިޔާގެ ހުއްދަ ލިބިގެން ގާއިމްކޮށްފައިވާ ޕޯސްޓްތަކެއް ނޫންކަމަށް ސޫރިޔާ ބުނެއެވެ. މީގެ ދިހަވަރަކަށް ދުވަސްކުރިން ވެސް ސޫރިޔާ ސިފައިން ވަނީ އިދްލިބްގައި ތުރުކީ ސިފައިން ގާއިމްކޮށްފައިވާ އަސްކަރީ ޕޯސްޓަކަށް ހަމަލާދީ ތުރުކީ ސިފައިންގެ އަށް މީހުން މަރާލާފަ އެވެ. އެ ހަމަލާގެ ރައްދުގައި ތުރުކީވެސްވަނީ އިދްލިބްގައިވާ ސޫރިޔާގެ އަމާޒުތަކަށް ހަމަލާދީ ސޫރިޔާ ސިފައިންގެ ބަޔަކު މަރާލާފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާންވަނީ އިދްލިބްގައިވާ ތުރުކީގެ އޮބްޒަވޭޝަން ޕޯސްޓްތަކުގެ ވަށައިގެންވާ ސަރަހައްދުތަކުން ސޫރިޔާ ސިފައިން ފޭބުމަށް ގޮވާލައްވައި މިފެބްރުއަރީ މަސް ނިމުމުގެ ކުރިން އެސަރަހައްދުތަކުން ސޫރިޔާ ސިފައިން ނުފާބައިފިނަމަ ސޫރިޔާ ސިފައިންނަށް އިސްވެ ޙަމަލާދޭނެކަމުގެ އިންޒާރު ދެއްވާފައެވެ. ރައްދުގައި ސޫރިޔާއިން ބުނެފައިވަނީ ސޫރިޔާގެ ބިމަކުން ސޫރިޔާ ސިފައިން ފައިބަން ނުޖެހޭނެކަމަށާ ފައިބަންޖެހޭނީ ބާޣީންނަށް ވާގިވެރިވުމަށްޓަކައި ހުއްދައަކާނުލައި ސޫރިޔާގެ ބިމަށް އަރައިގެން އުޅޭ ތުރުކީ ސިފައިން ކަމުގަ އެވެ.

ތުރުކީއާއި އެމެރިކާއާއި އެނޫން ވެސް ބައެއް ގައުމުތަކުގެ އަސްކަރީ އެހީތެރިކަމާ އެކު ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ސޫރިޔާ ސަރުކާރު ވައްޓާލުމަށް ޓަކައި 2011 ވަނަ އަހަރު ފެށި ދާޚިލީ ހަނގުރާމައިގެ ސަބަބުން ސޫރިޔާ ހަލާކުވެ މުޅިން ސުންނާފަތިވެފައިވާ އިރު އެހަނގުރާމައިގާ ސޫރިޔާގެ އަށް ލައްކައަށް ވުރެ ގިނަ އާންމުން މަރުވެ ދެމިލިޔަނަށް ވުރެ ގިނަ މީހުންވަނީ ޒަޚަމްވެފަ އެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް އަސްކަރީ ގޮތުންނާއި މާލީގޮތުން ވާގިވެރިވަނީ ރަޝިއާއާއި އީރާންއާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. މިހަނގުރާމައިގާ ސޫރިޔާގެ އިދިކޮޅު ބާޣީ ޖަމާއަތްތަކާއި އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުން ސޫރިޔާގެ ބިމުގެ ތިންބައިކުޅަ ދެބައަށްވުރެ އަށްވުރެ ބޮޑުބައެއް ހަނގުރާމައިގެ ކުރީކޮޅު ހިފިނަމަވެސް ރަޝިއާއާއި އީރާންއާއި ހިޒްބުﷲ ޖަމާއަތު އަސްކަރީ އެހީތެރިކަމާއެކު ސޫރިޔާ ސިފައިން މިހާރުވަނީ ސޫރިޔާގެ ބިންތަކުން އެޖަމާއަތްތައް ފައްސާލައި ސޫރިޔާގެ ބިންތައް އަލުން އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށްގެނައުމުގައި ކާމިޔާބު ހޯދާފައެވެ.

މިހާރު ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ނުގެނެވި އޮތީ އިދްލިބް އާއި ސޫރިޔާގެ ކުރުދީ ސަރަހައްދު އެކަންޏެވެ. އިދްލިބަކީ ސޫރިޔާގެ އިދިކޮޅު ބާޣީ ޖަމާއަތްތަކާއި އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ހަނގުރާމަވެރިން މިހާރު ތިބި ހަމައެކަނި ސަރަހައްދެވެ. އިދްލިބް މިނިވަންކޮށް ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ފަށާފައިވާ ހަނގުރާމަ ކާމިޔާބުކޮށްފައިނޫނީ ހުއްޓާނުލާނެކަމަށް ސޫރިޔާ ސިފައިން ވަނީ ބުނެފައެވެ. އިދްލިބްގައިވާ ތުރުކީ ސިފައިންގެ އަސްކަރީ ޕޯސްޓްތަކަށް ހަމަލާދޭން ސޫރިޔާ ސިފައިންނަށް ކެރޭނީ ރަޝިޔާގެ އެއްބާރުލާއި ރުހުން އޮވެގެންކަމަށްވާތީ މިމައްސަލާގައި ތުރުކީވަނީ ވަރަށް ކަންބޮޑުވެފަ އެވެ.

އަނެއްކޮޅުން ރަޝިޔާގެ ވައިގެ ބާރުތަކުން ވެސްދަނީ އިދްލިބް ހަނގުރާމައިގާ ފާޅުކަންބޮޑު ގޮތެއްގައި ސޫރިޔާ ސިފައިންނަށް ވައިގެ މަގުން އެހީތެރިވަމުންނެވެ. އެއްގަމު މަގުން އެހީތެރިވަނީ ސޫރިޔާ ސިފައިންނަށް ތާއީދުކުރާ މިލިޝީއާ ތަކުންނެވެ. އިދްލިބް ހަނގުރާމައިގާ ތުރުކީ އެންމެ ބޮޑަށް ކަންބޮޑުވަނީ އިދްލިބްގެ ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ މިލިޔަނެއްހާ އާންމުން ރެފިއުޖީންގެ ގޮތުގައި ތުރުކީއަށް ވަންނާނެތީ އެވެ. މިހާރު ވެސް ތުރުކީގައި ސޫރިޔާގެ ހަތަރު މިލިޔަން މީހުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން ދިޔުމަކީ ތުރުކީއަށް މާލީ ގޮތުން ތަހައްމަލް ނުކުރެވެވަރުގެ މައްސަލައަކަށްވަނީ ވެފަ އެވެ. މީގެ އިތުރުން އިދްލިބް އިން ފައްސާލެވޭ ހަނގުރާމަވެރިން ވެސް ތުރުކީއަށް ވަންނާނެކަމުގެ ބިރު އެގައުމުން އިޙްސާސް ކުރެއެވެ. ނަމަވެސް ތުރުކީން ސޫރިޔާގެ ބާޣީ ޖަމާއަތްތަކަށް އަލުން ހަތިޔާރު ދޭންފަށައިފި ނަމަ ސޫރިޔާގެ ހަނގުރާމަ އަލުން ވަރުގަދަވެ އެކަން ސޫރިޔާއަށް ބޮޑު ގޮންޖެހުމަކަށްވާނެކަމަށް ތަޖްރިބާކާރުން ވިދާޅުވެފަ އެވެ.

ސޫރިޔާ އާއި ތުރުކީއާ ދެމެދު ހަމަލާތައް ބަދަލުކޮށްފައި މިވަނީ އިދްލިބްގެ ހަނގުރާމަ ހުއްޓުވުމާ ބެހޭ ގޮތުން ތުރުކީއާއި ރަޝިޔާގެ މަސްއޫލުވެރިން އަންކަރާގައި ބައްދަލުކުރެއްވިތާ އެއްދުވަސް ފަހުންނެވެ. ސޫރިޔާ ސިފައިންނާއި ރަޝިއާގެ އަސްކަރީ ބޯޓުތަކުން އިދްލިބަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އެ ޕްރޮވިންސްގެ ރަށްތަކާއި އަވަށްތައް ދޫކޮށް ރައްކާތެރި ތަންތަނަކަށް ދިޔުމުގެ ދަތުރު ގަދަ ފިނީގައި އިދްލިބްގެ އާންމުންވަނީ ފަށާފަ އެވެ. މި ހަނގުރާމައިގެ ސަބަބުން އިދްލިބްގެ ބައިމިލަޔަނަށްވުރެ ގިނަ އާންމުންވަނީ އެމީހުންގެ ގެދޮރުގެއްލި ރެފިއުޖީންގެ ގޮތުގައި ވިއްސިވިހާލިވެ ހާލުގައި ޖެހިފަ އެވެ. (ނޫސްއެޖެންސީތައް)