11 Feb 2020, 09:14
ޖެންޑާ މިނިސްޓަަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން އައްޔަން ކުރެެއްވި އައިޝަތު މުހައްމަދު ދީދީ (އައިޝާ)ގެ ނަން ދިރަސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.
ޖެންޑާ މިނިސްޓަރު ކަމަށް އައިޝާ އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އާދިއްތަ ދުވަހު އައިޝާއަށް މަގާމުގެ ފަތްކޮޅު އެރުވުމަށްފަހު، ރައީސް ސޯލިހް ވަނީ މިނިސްޓަރަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފަ އެވެ.
އެމައްސަލަ މިއަދު އެޖެންޑާކޮށް ރިޔާސަތުން ވަނީ ރުހުން ހޯދުމަގެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާފަ އެވެ. ރުހުން ދިނުމުގައި ގޮތެއް ނިންމަވާނީ، ކޮމިޓީ މަރުހަލާއަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.
ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން އާއިޝާ ދީދީ، ހުންނެވީ އިންޑިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގަ އެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި އައިޝާ ދީދީ ވަނީ ޖެންޑާ މިނިސްޓަރުކަންވެސް ކުރައްވައިފަ އެވެ.