11 Feb 2020, 09:46
ބެއިޖިން (ފެބްރުއަރީ 11): ޗައިނާގައި ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1000 އަށް އަރައިފި އެވެ.
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނި ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން އިއްޔެ 108 މީހަކު ވަނީ މަރުވެފަ އެވެ. އެއީ މިދިޔަ ޑިސެމްބަރު މަހު އެވައިރަސް ފެތުރެން ފެށި ފަހުން އޭގެ ސަބަބުން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ދުވަހެވެ. އިއްޔެ އެހާވަރަށް ވައިރަސް ޖެހިފައިވާ މީހުން މަރުވީ، އާދިއްތަ ދުވަހު ހަމަ އެސަބަބާ ހެދި 97 މީހަކު މަރުވި ފަހުންނެވެ.
ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އިއްޔެ މަރުވި މީހުންނާ އެކު މިހާރު ޗައިނާގައި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 1،016އަށް އަރައިފަ އެވެ. އަދި މިހާރު ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 42،638 އަށް އަރައިފަ އެވެ.

ޗައިނާގެ ވޫހާންގައި ކާ އެއްޗެހި ގަތުމަށް މީހުން ކިޔޫ ހަދާފައި -- ފޮޓޯ: ރޮއިޓާސް
ޗައިނާއިން ވަނީ ވައިރަސް ފުރަތަމަ ފެނުނު ވޫހާންއަށް މިހާރު ގާތްގަނޑަކަށް 20،000 ސިއްހީ އޮފިޝަލުން ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. އަދި ސާޖިކަލް މާސްކާއި ވައިރަހުން ރައްކާތެރިވުމަށް ބޭނުންވާ އެހެން އާލާތްތަކުގެ ސަޕްލައި އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން، އެ ވައިރަސް ފެތުރެން ފެށި ފަހުން ފުރަތަމަ ފަހަރަށް ރައީސް ޝީ ޖިންޕިން ވަނީ އިއްޔެ އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެން، ބެއިޖިންގެ ހޮސްޕިޓަލަކަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި ޝީ ވަނީ ޑޮކްޓަރުންނާއި ބަލި މީހުންނާ ބައްދަލު ކުރައްވާ، ވައިރަސް ފެތުރުން ހުއްޓުވުމަށް މިހާރަށް ވުރެ ވަރުގަދަ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފަ އެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ އިން ބުނި ގޮތުގައި އެ ވައިރަސް ފެތުރެން ފެށި ފަހުން ސިއްހީ ދާއިރާގެ ގިނަ އަދަދެއްގެ އޮފިޝަލުން މަގާމުން ދުރުކޮށްފައިވެ އެވެ. އޭގެ ތެރެއިން މަގާމުން ދުރުކޮށްފައިވާ އެންމެ އިސް އޮފިޝަލުންނަކީ ހޫބެއި ހެލްތު ކޮމިޝަނުގެ ޕާޓީ ސެކްރެޓަރީ އާއި އެ ކޮމިޝަނުގެ އިސް ވެރިޔާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެ ވައިރަހުގެ ސަބަބުން ޗައިނާ އިން ވަނީ ވޫހާން އާއި އެސިޓީގެ ވަށައިގެންވާ ގިނަ ސަރަހައްދުތައް ކަރަންޓީނުކޮށްފަ އެވެ. އަދި ދުނިޔޭގެ ގިނަ އަދަދެއްގެ އެއާލައިންތަކުން ވަނީ ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލާފަ އެވެ.
ކޮރޯނާވައިރަސް މިހާތަނަށް 27 ގައުމަކުން ފެނިފައިވީ ނަމަވެސް އެވައިރަހުގެ ސަބަބުން ގިނަ މީހުން މަރުވެފައި ވަނީ ޗައިނާގަ އެވެ. އެގައުމުން ބޭރުގައި މަރުވެފައި ވަނީ ހޮންކޮން އާއި ފިލިޕީންސްގައި ދެ މީހެކެވެ.