އާ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ފިޔަވަތީގެ ހާލަތު ބައްލަވާލައްވައިފި އެެވެ.

ޖެންޑާ މިނިސްޓަރު ކަމުގެ މަގާމާ އައިޝަތު ހަވާލުވެއްވީ މީގެ ދެ ދުވަސްކުރިންނެވެ.

ފިޔަވައްޗަށް އޭނާ ކުރެއްވި ޒިޔާރަތުގައި، އެ މަރުކަޒުގެ މުވައްޒަފުންނާއި ކުދިންނާ ބައްދަލުކުރައްވައި، އެ ތަނުގެ ޙާލަތު ވަނީ އޮޅުންފިލުއްވައިފައެެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވައްޗަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އުމުރުން 12 އަހަރުން ދަށުގެ ކުދިން ބައިތިއްބުމަށް ހަދާފައިވާ ތަނެކެވެ. އެތަނުގައި މިހާރުވެސް 100 އަށް ވުރެ ގިނަ ކުޑަކުދިން ތިބެއެެވެ.

މިނިސްޓަރު އައިޝާ އިއްޔެ ވަނީ ޖެންޑާ މިނިސްޓްރީ މުވައްޒަފުންނާވެސް ބައްދަލުކުރައްވައިފަ އެެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 2005 ވަނަ އަހަރުން ފެށިގެން އެ ސަރުކާރު 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިޔަލަށް ޖެންޑާ މިނިސްޓަރުކަން އާއިޝާ ދީދީ ކުރެއްވި އެވެ. އެއަށްފަހު ތައުލީމީ ދާއިރާއާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކާ ބެހޭ ކޮންސަލްޓަންޓެއްގެ ގޮތުގައި އޭނާ މަސައްކަތްކުރެއްވި އެވެ.

އޭނާ މިނިސްޓަރުކަމާ ހަވާލުވުމުގެ ކުރިން އެ މަގާމު އަދާކުރެއްވީ ޝިދާތާ ޝަރީފް އެވެެ.

ޝިދާތާ އިސްތިއުފާ ދެއްވީ، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ ތުހުމަތުތަކެއް ކުރެވޭ ދަރުމަވެރިޔާ އަހުމަދު ހިޝާންއަށް، "އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން" މި ސަރުކާރުގައި ދިންއިރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ޖެންޑާ މިނިސްޓްރީއަށް އެނގި ހުރެ އެކަން ސިއްރުކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާ އެކު އެވެ.