އައްޑޫ ސިޓީގެ ހިތަދޫގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބިދޭސީ އަކަށް ބޮޑެތި އަނިޔާވެ ކޮނޑު ހުޅު ނެއްޓިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 12:30 އެހާކަންހާއިރު ހިތަދޫ ބޮޑު މަގުން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހި ކަމަށެވެ. އަދި ވިދާޅުވީ ސައިކަލް ދުއްވަން އިނީ ބިދޭސީ މީހާ ކަމަށާއި އޭނާގެ ކޮނޑު ހުޅު ނެއްޓި އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޒަހަމްވެ ކޮނޑު ހުޅު ނެއްޓުނީ އިންޑީޔާ މީހެއް ކަމަށާއި ހިތަދޫ ރީޖިލނަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެ އެކްސިޑެންޓް އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

"އެކްސިޑެންޓް ހިނަގަން މެދުވެރިވީ މިއަދު 12:30 އެހާކަންހާއިރު ހިތަދޫ ބޮޑު މަގުން ކާރެއް ގޯޅިއަޅަން އުޅެނިކޮށް ވާތް ފަރާތުން ދުއްވާފައި ދިޔަ ސައިކަލެއް ކުރިއަރައިގެން ދާން އުޅުމުގެ ތެރޭގައި ކާރާއި ސައިކަލް ޖެހުމުން. ސައިކަލް ދުއްވަން އިން ބިދޭސީ މީހާގެ ކޮނޑުހުޅު ނެއްޓި އެކިވަރުގެ އަނިޔާތައް ލިބިފައިވޭ،" ފުލުސް މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.

ހިތަދޫއިން ވާހަކަދެއްކި މީހަކު ބުނީ ބިދޭސީ މީހާއަކީ ހިތަދޫ ޒިގްޒިގް ގަރާޖްގައި މަސައްކަތް ކުރާ ޝުއައިބު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

ހިތަދޫ ރީޖިނަލް ހޮސްޕިޓަލުން ފޯނު ނުނަންގާތީ މިކަމާއި ބެހޭ އިތުރު މައުލޫމާތެއް ނުލިބުނެވެ.