މި ހަފްތާ ސޯޝަލް މީޑިއާ އެންމެ ވަރުގަދައަށް ގުގުމާލި އެއް ހަބަރަކީ ބަތަލާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ކައިވެނީގެ ހަބަރެވެ. އެދެތަރިންގެ ކައިވެނި ޑިސެމްބަރު މަހު ކުރުމަށް ނިންމާފައިވާކަމަށް ހަބަރުތައް ބުނެއެވެ.

އަނެއްކާވެސް މިއޮތީ އެހެން ތަރިއެއްގެ ކައިވެނީގެ ވާހަކައެވެ. އާލިއާގެ ބެސްޓްފްރެންޑް ވަރުން ދަވަންގެ ކައިވެނީގެ ވާހަކައެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު އެންމެ ޑިމާންޑް ބޮޑު ތަރި ވަރުން ދަވަން އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލް މި އަހަރުގެ މެއި މަހު ކައިވެނިކުރާނެ ކަން ކުރިން އޮތީ ރިޕޯޓްކޮށްފައެވެ. މެއި މަހު ވަރުން ކައިވެނި ކުރާނެ ކަމަށް ހަބަރުތައް ބުނިނަމަވެސް އެދެމީހުން ކައިވެނިކުރާނެ ވަކި ތާރީހެއް އޭރު ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މިހާރު ބައެއް ހަބަރުތައް ބުނާގޮތުގައި ވަރުން އާއި ނަތާޝާގެ ކައިވެނި ހަމަޖެހިފައިވަނީ މެއި މަހުގެ 22 ވަނަ ދުވަހު ކުރާ ގޮތަށެވެ. އަދި ދެމީހުން ކައިވެނިކުރުމަށް ހަމަޖެހިފައިވަނީ ތައިލޭންޑްގެ ފަސްތަރީގެ ރިސޯޓެއްގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ވަރުން އާއި ނަތާޝާ ދިމާވީ ކިޔެވި ދުވަސްވަރެވެ. ދެމީހުންގެ ކައިވެނީގެ ވާހަކަތައް ދެކެވެމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ވަރުންގެ ކައިވެނި މެއި މަހު ކުރާއިރު އޭނާގެ "ކޫލީ ނަންބަރު 1" މެއި މަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރާނެ އެވެ.

ވަރުން އާ ނަތާޝާގެ ކައިވެނި ފުރަތަމަ ކުރަން ހަމަޖެހިފައި އޮތީ ނޮވެމްބަރު މަހު އެވެ. ނަމަވެސް ވަރުން ފިލްމީ މަސައްކަތުގައި މާ ބުރަވުމުން ކައިވެނި ފަސްކޮށްލީ އެވެ.