11 Feb 2020, 08:04
ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު 'ތަލައިވީ' ކުޅުމަށް ބަތަލާ ކަންގަނާ ރަނައުތު 10 ކިލޯ ބަރުވިކަމަށް ހަބަރުތައް ބުނެފިއެވެ.
އަންނަ ޖޫން މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ލީޑް ތަރިއަކީ ކަންގަނާއެވެ. ފިލްމުމޭކަރ ވިޖޭ ބުނިގޮތުގައި ކަންގަނާ އަކީ ވަރަށް މަސައްކަތްތައް ފަރުވާ ބަހައްޓާ ރަނގަޅު އެކްޓަރެއް ކަމަށެވެ. އަދި އޭނާ ކުރާ ކޮންމެ މަސައްކަތެއްވެސް ޑެޑިކޭޓްކަމާއެކު ކުރާ ކަމަށާއި ކަންގަނާއަކީ ވަރަށް އިންސްޕަޔަރިން ތަރިއެއް ކަމަށްވެސް އޭނާ ބުންޏެވެ.
ކަންގަނާ އެ ފިލްމުން ފެނިގެންދާއިރު އޭނާ އެ ފިލްމު ކުޅެދެނީ 24 ކުރޯރު ރުޕީޒް (34,69,687 އެމެރިކާ ޑޮލަރު) އަށެވެ. ފިލްމުގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކަންގަނާ ބޭރުގެ މީޑިއާއަކަށް ކުރިން ދިން އިންޓަވިއުއެއްގައި ބުނީ 'ތަލައިވީ' އިން ފުރުސަތު ލިބުނީ އަމިއްލަ ބަޔޮޕިކްގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ޖަޔާލަލީތާގެ ވާހަކަ އާއި ކަންގަނާގެ އަމިއްލަ ވާހަކަ ވަރަށް އެއްގޮތް ނަމަވެސް ޖަޔަލަލީތާގެ ވާހަކަ މާ ކާމިޔާބު ވާނެ ކަމަށެވެ.
"އެހެންވެ އަމިއްލަ ބަޔޮޕިކް އާއި ޖަޔާލަލީތާގެ ބަޔޮޕިކް އިން އެއް ފިލްމު ނަގަން ޖެހުމުން އަހަރެން ނިންމީ ޖަޔާލަލީތާގެ ފިލްމު ކުޅެން،" ކަންގަނާ ބުންޏެވެ.