ރާއްޖެ އަންނަ އިނގިރޭސިވިލާތުގެ ފަތުރުވެރިން ރާއްޖޭގެ ގަވައިދުތަކާ އުސޫލުތަކާ އެއްގޮތަށް ހެދުން އެޅުމަށް އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިއެެވެ.

އިނގިރޭސިވިލާތުން އާ ޓްރެވަލް އެޑްވައިޒަރީއެއް ނެރުނުއިރު އެގައުމުގެ ފަތުރުވެރިއެއް ކަމަށްވާ ސިސީލިޔާ ޖަސްޓްޒެމްބްސްކާ މާފުށީގައި ބިކިނީ ލައިގެން އުޅުނު މައްސަލައެއް ވަރަށް ބޮޑަަށް ހޫނުވެފައެެވެ.

ޓްރެވަލް އެޑްވައިޒަރީގައި އިތުރަށް ބުނީ ރާއްޖޭގައި ޗުއްޓީހޭދަކުރާއިރު މީހުން ދިރުއުޅޭ ރަށްރަށުގައި ދެ ޖިންސުގެ މީހުންވެސް ކުރުކުރު ހެދުން ލައިގެން ނޫޅުމަށެެވެ. އަދި އެއްގޮތަކަށްވެސް ބަރަހަނާކޮށް ރާއްޖޭގެ އެއްވެސް ތަނެއްގައި ނޫޅުމަށް ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވެއެެވެ.

މާފުށިން ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުގައި އެ ފަތުރުވެރިޔާ ހައްޔަރުކުރީ، އާންމު ސަރަހައްދެއްގައި ބިކިނީލައިގެން އުޅޭތީ، ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެކަމަށް ބޯނުލެބުމުންނެވެ.

އެ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި، ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތަކީ މުޅިން ނުބައި ގޮތެއް ކަމަށް ދެންނެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ހާލަތު އެއަށް ވުރެ ރަނގަޅަށް ފުލުހުންނަށް ހޭންޑަލް ކުރެވޭނެ އެވެ.

ނަމަވެސް އެމައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސިސީލިޔާގެ އަރިހުން މާފަށް އެދިފައެެވެ.

އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން އަންނަނީ މިހާރު ތަހުގީގުވެސް ކުރަމުންނެވެ.