ޤާހިރާ (ޑިސެމްބަރ 5) : އަންނަ އަހަރު މިސްރުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެންމެ ރަނގަނޅު ކެންޑިޑޭޓަކީ އެޤައުމުގެ ކުރީގެ ޚާރިޖީ ވަޒީރު އަދި ޢަރަބި ލީގުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަމްރު މޫސާ ކަމަށް މިސްރުގައި ކުރި ޚިޔާލު ހޯދުމުގެ ސަރވޭއަކުން ހާމަވެއްޖެވެ.

މިސްރުގެ އިޖްތިމާޢީ ދިރާސާތަކާބެހޭ ޤައުމީ މަރުކަޒުން މިދިޔަ ހަފްތާގައިކުރި ޚިޔާލު ހޯދުމުގެ ސަރވޭއެއްގެ ނަތީޖާ ދައްކާގޮތުން މިސްރުގެ ގިނަބަޔަކަށް އެންމެ ރަނގަނޅު ރިޔާސީ ކެންޑިޑޭޓަކީ ޢަމްރު މޫސާއެވެ. މޫސާއަށް 23.2 ޕަސެންޓް މީހުން ތާއީދުކުރެއެވެ. ދެވަނައަށް އެންމެ މަޤްބޫލުކެންޑިޑޭޓަކީ 5.8ޕަސެންޓް ތާއީދާއެކު ޙަމްދީން ސަބާޙީ އެވެ. ތިންވަނައަށް 4.6 ޕަސެންޓް ތާއީދާއެކު ޑރ. މުޙައްމަދު ސަލީމެވެ. ހަތަރުވަނައަށް 4.5 ޕަސެންޓް ގެ ތާއީދާއެކު ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ޖެނެރަލް އަޙްމަދު ޝަފީޤެވެ. ފަސްވަނައަށް 4.4 ޕަސެންޓް ތާއީދާއެކު އައިމަން ނޫރެވެ. ހަވަނައަށް 4 ޕަސެންޓް ގެ ތާއީދާއެކު އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީގެ ކުރީގެ ވެރިޔާ ޑރ. މުޙައްމަދުލްބަރާދްޢީ އެވެ.

މިސްރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ދުވަހެއް އަދި ކަނޑައަޅާފައިނުވި ނަމަވެސް ރިޔާސީ އިންތިޚާބު ބޭއްވުމަށް ރާވާފައިވަނީ އަންނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މިއީ މިސްރުގައި އެންމެފުރަތަމަ ބޭއްވޭ ދިމުޤްރާތީ މިނިވަން އިންތިޚާބަށް ވެގެންދާނެ ކަމަށް އެޤައުމުގައި ވަގުތީ ގޮތުން ވެރިކަންކުރާ ޢަސްކަރީ މަޖިލީހުން ބުނެއެވެ. -- އަލްއަހްރާމް