11 Feb 2020, 08:07
ބޮލީވުޑްގެ ތަރި ކަލްކީ ކޯޗްލީނަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާ އަށް އަންހެން ދަރިއަކު ލިބުނުއިރު އެ ދަރިފުޅަށް އޭނާ ނަންކިޔަފިއެވެ.
ކަލްކީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ ދަރިފުޅަށް ކިޔާނީ ސާފޯ ކަމަށެވެ. އެ ދަރިފުޅުގެ ނަމަށް ގިނަ ބަޔަކު ވަނީ ތައުރީފްވެސް ކޮށްފައެވެ. ދަރިފުޅުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާނުކުރިނަމަވެސް ހަބަރުތައް ބުނާގޮތުގައި ދަރިފުޅު ވެސް އަދި ކަލްކީ ގެ ހާލަތުވެސް ރަނގަޅެވެ.
ކަލްކީ، އޭނާގެ ލޯބިވެރިޔާ ހާރްޝްބާގްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާ ބަލިވެއިން ހަބަރު އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ކަލްކީ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. ޑައިރެކްޓަރު، އަނުރާގް ކަޝްޔަޕްއާ ދެ އަހަރު ލޯބިގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދެމީހުން 2011 ވަނަ އަހަރު ކައިވެނިކުރިނަމަވެސް އެ ކައިވެނި ވަނީ 2015 ވަނަ އަހަރު ރޫޅިފައެވެ.
އޭނާ ފެނިގެންދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި ރަންބީރު ކަޕޫރު އަދި ދީޕިކާގެ "ޔޭ ޖަވާނީ ހޭ ދިވާނީ" އަދި ރަންވީރު ސިންހް އާއި އާލިއާ ބަޓްގެ "ގަލީ ބޯއީ" ހިމެނެއެވެ.