10 Feb 2020, 15:12
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމާ އެކު އެ ކޮމިޝަންގެ ހަތަރު މެންބަރަކު ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޓީއިން މިއަދު ކެބިނެޓުގެ ހުރިހާ މިނިސްޓަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ނިންމީ، ކޮމިޝަންގެ ރައީސް ޑރ. ޝަމީމްގެ އިތުރުން، ނައިބު ރައީސް ޝަހީދު މުހައްމަދާއި ކޮމިޝަން މެންބަރު ޒަކަރިއްޔާ މުހައްމަދު އަދި އިބްރާހިމް ޝަހީގު ވަކިކުރުމަށް ކޮމިޓީއަށް ފެންނަ ކަމަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު މިނިސްޓަރުން ފާހަގަ ކުރެއްވި ގޮތުގައި، ސީއެސްސީއިން ކުރަން ޖެހޭ މަސައްކަތްތައް ނުކުރުމުގެ ސަބަބުން މިނިސްޓްރީގެ މަސައްކަތްތައް ކުރަންވަނީ ދަތިވެފަ އެވެ. އެގޮތުން ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ނެގުން ފަދަ ކަންކަމުގައި ސީއެސްސީން ވަރަށް ބޮޑަށް ލަސްކުރަމުން ދާތީ، އެކަމުގެ ސަބަބުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރުމަށް ދަތިވެފައިވާކަން ވެސް މިނިސްޓަރުން ކޮމިޓީގައި ފާހަގަ ކުރެއްވި އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ކޮމިޓީއިން ނިންމީ، ކޮމިޝަންގެ ރައީސް ޑރ. ޝަމީމްއާއި ނައިބު ރައީސް ޝަހީދު ހިމެނޭ ގޮތުން ހަތަރު މެންބަރަކު ވަކިކުރުމަށެވެ. މީގެ ކުރިން ކޮމިޝަންގެ ނައިބު، ޝަހީދުގެ މައްސަލައެއް ކޮމިޓީއިން ބަލާފައިވެސްވެ އެވެ.
ކޮމިޝަންގެ މެންބަރުކަމުން ފާތިމަތު އާމިރާ ވަކިކުރަން ނިންމާފައެއް ނުވެ އެވެ. އާމިރާ ސީއެސްސީގެ މެންބަރަކަށް އައްޔަން ކުރީވެސް، އާ މަޖިލިސް އިންތިހާބު ވުމަށް ފަހު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލީހުން ރުހުން ދީގެންނެވެ.