05 Dec 2011, 16:46
ތެހެރާން (ޑިސެމްބަރ 5) : އީރާނުގެ ވައިގެ ސަރަޙައްދަށްވަން އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓެއް ވައްޓާލައިފިކަން އީރާނުން ހާމަކޮށްފި އެވެ. އީރާނުގެ އިންޤިލާބީ ލަޝްކަރުތަކާ ޙަވާލާދީ އެ ޤައުމުގެ ފާރިސް ނޫސްއެޖެންސީ ބުނީ އީރާނާއި އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގު ގުޅިފައިވާ އިރާނުގެ އިރުމަތީ ފަރާތުގެ ސަރަހައްދީ ރޮނގު ކައިރިން ވަން އެމެރިކާގެ އާރު.ކިޔޫ 170 މަރުކާގެ ޖާސޫސީ މަތިންދާބޯޓެއް ވައްޓާލެވިއްޖެ ކަމުގައެވެ.
ޕައިލެޓަކާ ނުލާ ދަތުރުކުރި މި ބޯޓު ވައްޓާލި ގަޑިއެއް ފާރިސް ހާމަކޮށްފައެއްނުވެއެވެ. އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުގެ ވައިގެ ދިފާޢާއި ބެލަސްޓިކް މިސައިލް ސިސްޓަމްތަކާބެހޭ މަސްއޫލުވެރިޔާއާ ޙަވާލާދީ ފާރިސް ނޫސް އެޖެންސީ ބުނީ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓު އަފްޣާނިސްތާނާ ދިމާއިން އީރާނުގެ ސަރަޙައްދީ ރޮނގާ ކައިރިވަމުން ދިޔައިރު އިންޤިލާބީ ލަޝްކަރުތަކުގެ އިލެކްޓްރޯނިކް ހަނގުރާމައިގެ ޔުނިޓްތަކުން ދިޔައީ އެބޯޓުގެ ޙަރަކާތްތައްބަލައި މޮނިޓަރ ކުރަމުން ކަމަށާއި އީރާނުގެ ވައިގެސަރަޙައްދުގެ ތެރެއަށް ވަނުމުން އެމެރިކާގެ ބޯޓު ވައްޓާލީ ކަމުގައެވެ.
އީރާނަކީވެސް ޕައިލެޓަކާނުލާ ދަތުރުކުރާ ޖާސޫސީ މަތިންދާބޯޓު އުފައްދާ ޤައުމަކަށްވާތީ އެމެރިކާގައި އުފައްދާ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ޑްރޯން ބޯޓެއް އަތްދަށުވުމަކީ އޭގެޓެކްނިކަލް ފައިސާ އީރާނުގެ ސައެންސްވެރިންގެ ރީސާޗްތަކަށް ކުރާނެ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއިންވަނީ އަފްޣާނިސްތާނާއި އީރާނުގެ ސަރަޙައްދުގެ ކައިރިން އުދުހުނު ޑްރޯން މަތިންދާބޯޓެއް ގެއްލިފައިވާކަން ހާމަކޮށްފައެވެ. އީރާނުން އެބޯޓު ވައްޓާލިކަމަށް އެއްބަސްވުމަށް ފަސްޖެހުމަށްފަހު އެމެރިކާ ބުނެފައިވަނީ އެބޯޓު ވައްޓާލިކަމުގެ އެއްވެސް ހެއްކެތް އީރާނަށް ދެއްކިފައިނުވާ ކަމުގައެވެ.
އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުންނާއި ޢިރާޤުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަނގުރާމަވެރިން އެމެރިކާގެ ޢަސްކަރީ ހެލިކޮޕްޓަރުތައް ވައްޓާލުމުންވެސް އެކަމަށް އިޢްތިރާފްވުމަށް އެމެރިކާ ދެކޮޅު ހަދަމުން ގެންގޮސްފައިވެއެވެ. -- އަލްޖަޒީރާ