މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކުން އެކަމާ ގުޅޭ ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ފޮތާއި މައުލޫމާތު ކަރުދާސް މިއަދުން ފެށިގެން އެ މިނިސްޓްރީގެ ކައުންޓަރުންނާއިވެބްސައިޓުންލިބެން ހުންނާނެ ކަމަށެވެ.

ހައްޖަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅާނީ އެކަމާ ގުޅޭގޮތުން މިދިޔަ އަހަރު ގެޒެޓުކުރި 'ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ' އުސޫލުގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށެވެ.

މިކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިން އޮންނާނީ 13 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގައި އިސްލާމިކް މިނިސްޓްރީގެ މީޓިން ރޫމް އެކެއްގަ އެވެ.

ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކުން ފެބްރުއަރީ 23 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 7 ވަނަ މާއްދާގެ (ހ) ގައި ވާ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަން ޖެހޭނެ އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފީއަކީ 10،000 ރުފިޔާ އެވެ.

ޕްރޮޕޯޒަލްތައް ހުށަހެޅުމާއި ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި، ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރަތްތަކުގެ ހާޒިރުގައި އިސްލާމިކް މިނިސްޓްރީގަ އެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ ޖުލައި މަހުގެ 28 ވަނަ ދުވަހެވެ.