ގދ. ހޯޑެއްދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުމަށް 2005 ވަނަ އަހަރު ހޮރައިޒަން ފިޝަރީޒްއަށް ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން މިހާތަނަށްވެސް އެކަށީގެންވާ މަސައްކަތް ކޮށްފައި ނުވާތީ އެ މައްސަލައިގައި އެކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅަން ބަންޑާރަނައިބުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ހޯޑެއްދޫ މަސް ފެކްޓްރީ އެޅުމަށް ހޮރައިޒަންއަށް ހަވާލުކޮށްފައިވާ މަސައްކަތް ނުނިމި އޮތުމުން އެކަމާ ބެހޭގޮތުން މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަށް ޖަވާބުދެއްވުމަށްޓަކައި މިނިސްޓަރު ޒަހާ ވަހީދު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި އެވެ.

މެމްބަރު ފިރުޝާން އެއްސެވި ސުވާލަކީ ހޯޑެއްދޫ މަސް ފެކްޓްރީ ނިންމުމަށް އެއްވެސް މުހުލަތެއް ދީފައިވޭތޯ އާއި، މިނިސްޓްރީއާ ހޮރައިޒަންއާ ދެމެދު ހެދިފައިވާ އެއްބަސްވުމާ އެކުންފުނިން ހިލާފުވެފައިވޭތޯ އެވެ.

އެއްބަސްވުމުގެ ތަފްސީލުތައް ދެއްވަމުން މިނިސްޓަރު ޒަހާ މިއަދު މަޖިލީހުގައި ވިދާޅުވީ ރާއްޖޭގައި ކަޅުބިލަމަހުގެ ސިނާއަތް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެން ކުރި މަސައްކަތުގައި ބީލަން ކާމިޔާބުކޮށް، ޒޯން ތިނެއްގެ މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރުމުގެ މަސައްކަތް 10 ސެޕްޓެމްބަރު 2003 ގައި ހަވާލުކުރީ ހޮރައިޒަން ފިޝަރީޒްއާ ކަމަށެވެ.

އަދި ފަހުން ޒޯން ތިނެއް އަދި ހަތަރެއް އެއްކޮށްލައި، އެ މުޅި ސަރަހައްދުގެ މަސް ގަނެ އެކްސްޕޯޓުކުރުމަށް އެ ކުންފުންޏާ ހަވާލުކުރެވުނު ކަމަށެވެ. އަދި ހޯޑެއްދޫގައި މަސް ގަންނަ ސެންޓަރެއް ހެދުމަށް ޖުމްލަ 13.6 ހެކްޓަރުގެ ބިން، 8 ޑިސެމްބަރު 2005 ގައި ހޮރައިޒަންއާ ހަވާލުކުރެވުނުކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ އެ ތަނުގައި ތިން ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 160 ޓަނުގެ ބްރައިން ޓޭންކެއް އަދި 50 ޓަނުގެ ޕްލާންޓެއް ހަދަންޖެހޭ ކަމަށެވެ.

އެހެން ނަމަވެސް އެކި ކަންކަމާ ގުޅިގެން މިހާތަނަށް އެ މަސައްކަތް ނުފެށި އޮތްކަމަށް ޒަހާ ވިދާޅުވި އެވެ.

"[ހޯޑެއްދޫ] ބަނދަރުގެ މަސައްކަތެއް ކުރި އިރު ބަނދަރު ފުންކޮށްގެން ނެގި ވެލި ބޭނުންކޮށްގެން މަޑަވެއްޔާއި ހޯޑެއްދޫ ހިއްކަން ސަރުކާރުން އޭރު ނިންމި، އެއީ 19 މާޗު 2007 ގައި. ނަމަވެސް އެކި ސަބަބުތަކާ ހުރެ ދެ ރަށް ގުޅަން ބިން ހިއްކުމުގެ މަސައްކަތް ނުފެށޭ. އަދި ހޮރައިޒަނަށް ދިން ބިންތަކުގައި އެ ވެލިފުނި އޮތުމުން ފިޝަރީޒް ކޮމްޕްލެކްސް އިމާރާތްކުރުމަށް މަސައްކަތް ނުފެށުނުކަމަށް އެފަރާތުން ބުނި. އަދި އެ ދުވަސްވަރު މައިގަނޑު ހުރިހާ މުދަލެއް މޮބިލައިޒްކޮށްފައި ވަނިކޮށް އަލިފާނުގެ ހާދިސާއެއްގައި އެތަކެތި އަނދައި ދިޔަ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ވެލިފުނި ނުނެގި ހުއްޓާ ހޯޑެއްދޫގައި ހައުސިންގް މިނިސްޓްރީން ހައުސިންގް ޔުނިޓުތަކެއް އިމާރާތްކުރުމަށްޓަކައި އެ ވެލިފުނި މިނިސްޓްރީއަށް ދެވުނު ކަމަށެވެ. އަދި ވެލިފުނި ނަގާނެ ތާރީހަކުން ފެށިގެން ދެ އަހަރު ތެރޭގައި ހޯޑެއްދޫ މަސް ފެކްޓްރީ ނިންމުމުގެ ވޯކްޕްލޭން އިސްލާހުކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވަން 2016 ފެބްރުއަރީ 10 ގައި އެންގި ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ އެއަށްފަހު މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް މަސައްކަތް ނިންމައި، މަސް ގަންނަން ފެށުމަށް ބާރުއެޅުމުގެ ގޮތުން ލިޔެކިޔުމުން އެއްވެސް މުއާމަލާތެއް ކުރެވިފައި ނުވާ ކަމަށެވެ.

ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރު އައުމަށްފަހު، ހޯޑެއްދޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެނައުމަށް ކުރި މަސައްކަތުގެ ތެރެއިން މިނިސްޓްރީގެ ޓީމެއް 28 އޭޕްރިލް 2019 ގައި ހޯޑެއްދޫއަށް ގޮސް ބެލި ބެލުމުގެ ތެރެއިން، މަޝްރޫއުގެ މަސައްކަތް ކުރުމަށް އެއްވެސް ހުރަހެއް އޮތްކަމަށް ނުފެނުނު ކަމަށެވެ.

"ވެލިފުނީގެ ސައިޒަށް ބަލާއިރު، ހޯޑެއްދޫ ކޮމްޕްލެކްސްގެ މަސައްކަތް ކުރުމަށް އެއްވެސް ހުރަހެއް އޮތްކަމަށް ނުފެންނާތީ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވޯކްޕެލޭނެއް އެކުލަވާލައި، 10 ޖޫން 2019 ގެ ކރުިްނ ފޮނުވަން ވާނީ އެދިފައި،"

ޒަހާ ވިދާޅުވީ އެވަގުތު ދުނިޔޭގައި ބާޒާރުގައި މަހުގެ އަގު ދަށްކަމުން ކުންފުނީގެ ކޭޝްފްލޯއިން ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް އަވަސް މުއްދަތެއްގައި ނިންމޭނެކަމަށް ނުފެންނާތީ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމުމަށް ދެ އަހަރާއި ހަ މަސްދުވަސް ނަގާނެކަމަށް 2019 ޖޫން 3 ގައި ހޮރައިޒަނުން މިނިސްޓްރީއަށް އެންގި ކަމަށެވެ.

އެހެންކަމުން އެ މުއްދަތުގައި މަސައްކަތުގެ ވޯކްޕްލޭނާ އެއްގޮތާށް ނިންމުމަށާއި އަދި މަސް ގަތުމުގެ މަސައްކަތް ފެށޭނެ ތާރީހެއް އަންގައިދޭން މިނިސްޓްރީން އެންގި ކަމަށް ޒަހާ ވިދާޅުވިއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ހޮރައިޒަނުން އެދެވޭ ޖަވާބެއް ލިބިފައި ނުވާތީ، އެކަމުގައި އަމަލުކުރާނެ ގޮތެއް ހޯދުމަށް ކެބިނެޓުގެ އިކޮނޮމިކް ކައުންސިލަށް ހުށަހެޅިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ކައުންސިލުން ލަފާ ދިނީ މަސް ގަތުމުގެ އެކްސްކްލޫސިވިޓީ އުވާލުމަށް ކުންފުނިތަކާ މަޝްވަރާކުރުމަށާއި، އެކަމަށް ކުރިއެރުމެއް ނުފެނިއްޖެނަމަ އެގްރިމެންޓުގެ ދަށުން ފިޔަވަޅު އަޅަން ކަމަށް ޒަހާ ވިދާޅުވިއެވެ.

"މަޝްވަރާކޮށް ކުރިއެރުން ލިބިފައި ނުވާތީ އެގްރިމެންތުގެ ދަސުން އޮތް ފިޔަވަޅު އެޅުމަށްޓަކައި މިހާރު ވާނީ އެޓާނީ ޖެނެރަލް އޮފީހުގައި ދަންނަވާފައި،" މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.