ރާއްޖެ ކޮރޯނާ ވައިރަހުން ރައްކާތެރިކޮށް ބޭއްވިއްޖެ ނަމަ، އެ ބަލި ފެތުރޭ ގައުމުތަކުގެ ބުކިންސް ރާއްޖެއަށް ބަދަލުވާނެ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ތޮއްޔިބު ވިދާޅުވީ ކޮރޯނާގެ ސަބަބުން ބުކިންތަކެއް ކެންސަލްވި ނަމަވެސް، ރާއްޖެ ކޮރޯނާއިން ރައްކާތެރިވެފައި އޮތް އޮތުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އޭގެ ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ.

"ރާއްޖެ މީގެއިން [ކޮރޯނާއިން] ސަލާމަތްވެފައި އޮތް އޮތުން އެއީ ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް. ބައެއް އެހެން ގައުމުތަކުގެ ބުކިންތައް އެބަ ބަދަލުވޭ ވޭ މިކޮޅަށް. ހަމަ ކެންސަލްވެސް ވޭ،" ތޮއްޔިބު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު-- ސަން ފޮޓޯ

ކޮރޯނާ ފެތުރޭ ގައުމުތަކުގެ ބުކިންތައް ރާއްޖެއަށް ބަދަލުވި ނަމަވެސް، ބައެއް ބުކިންތައް ކެންސަލްވަމުންދާ ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓް، ޗައިނާއަށެވެ.

ނަމަވެސް ޗައިނާއިން ރާއްޖެއަށް މީހުން އައުން މަނާ ކުރުމަކީ މި ދަނޑިވަޅުގައި އެޅޭ ރައްކާތެރިކަމުގެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި މި ދުވަސްވަރު އޭގެ ހެޔޮ ބަދަލު ފެންނާނީ އެހެން މާކެޓުތަކުން ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

ތޮއްޔިބު ވިދާޅުވީ ދަތުރުފަތުރު ކުރުމުގެ ބައިގައި ކަމާބެހޭ ފަރާތްތަކާއި މިނިސްޓްރީތަކުން ދުނިޔޭގެ ހާލަތު މޮނީޓަރު ކުރަމުންދާ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން އަޅަމުންގެންދާ ކަމަށެވެ.

ކޮރޯނާގެ ސަބަބުން ގިނަ އަދަދެއްގެ ބުކިންތަކެއް ކެންސަލްވިއިރު، އެ ބަލީގެ ސަބަބުން ރާއްޖެއަށް އައި ލޮޅުމުން އަރައިގަތުމަށްޓަކައި މިއަހަރު ރާއްޖެ އިޝްތިހާރު ކުރުން އިތުރު ކުރަން ޖެހޭ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރައީސް އެހެން ވިދާޅުވެފައިވަނިކޮށް ދައުލަތުގެ ހަރަދު ކުޑަ ކުރުމަށާއި ދަތުރުތަކުގެ ހަރަދުތައް ވެސް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.