އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 14 ބިލިޔަން ރުފިޔާގެ ބަޖެޓަކީ ރައްޔިތުންގެ އަތުން 17 ބިލިޔަން ރުފިޔާ ފެލާލައި ދޮގާ މަކަރުން ރައްޔިތުންނަށް ފައިދާއެއް ނެތް ގޮތަށް ވަކި ބައެއްހެ ޖީބުތައް ފުރާލުމަށް ތައްޔާރުކޮށްފައިވާ ބަޖެޓެއް ކަމަށް އިދިކޮޅު ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ވިދާޅުވީ ބަޖެޓްގައި އެކިކަންކަމަށް ކުރާނެ ހަރަދުތައް ހިމަނާފައިވާއިރު އަހަރު ތެރޭގައި ގައުމަށް ލިބޭ އާމްދަނީގެ މައުލޫމާތު ބަޖެޓްގައި ހިމަނާފައި ނުވާ ކަމަށެވެ. އަދި އެ މައުލޫމާތު ފޮރުވާފައިވަނީ މަކަރު ހެދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް މަކަރު ހަދާފައިވާ މިންވަރަކީ 14 ބިލިޔަން ރުފިޔާގެ ބަޖެޓެއްގެ ގޮތުގަ ހިސާބު ކިތާބުން ދައްކާއިރުގައި ހަގީގަތަކީ އޮޅުވާޅުމުގެ ތެރޭގައި 17 ބިލިޔަން ރުފިޔާ މިވެރިން އެބަ ކާލާ، މި އެއްޗެހި ހުރީ ފޮރުވައިފަ. ގައުމަށް އާމްދަނީ ލިބޭ ގޮތްތައް މި ބަޖެޓުން ނުދައްކަނީ މަކަރު ހަދާކަށް ނޫންތޯ، ބަޖެޓުގެ ހިސާބުތަކަކުން ގައުމަށް ލިބޭ އާމްދަނީއެއް ނުދައްކައިދޭ. ސަތޭކައާ ގާތް އަދަދަކަށް ކުންފުނިތައް ހަދާފައިވާއިރު އެތަންތަން އޮތީ ޕްރައިވެޓައިޒްކޮށްފަ. އެތަންތަނަށް ލިބޭ އާމްދަނީއެއް ވެސް ބަޖެޓްގައި ނެތް،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2012 ވަނަ އަހަރުގެ ބަޖެޓަށް ވިސްނާލާއިރު އެއްމެ ބޮޑަށް ފާހަގަ ކުރެވެނީ ގައުމުގައި މިހާރު ތިބި ރައްޔިތުންނާއި އުފަންވާންތިބި ރައްޔިތުން އިންތިހާ ދަރަޖައަށް ދަރަނިވެރިވެގެންދާ މަންޒަރު ކަމަށެވެ.

" ހަތާވީސް ހާސް މިލިޔަން ރުފިޔާއިން މިގައުމު ދަރައިފި. ރައްޔިތުން ތިބީ ބިކަވެ ސަލާން ޖަހަންޖެހިފަ. ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ބުނާ ގޮތުގައި ގައުމެއްގެ ދަރަނި 60 ޕަސެންޓަށް ވުރެ މައްޗަށް އަރައިފިނަމަ އެގައުމެއް ހަލާކުވެ، ބަނގުރޫޓުވީ، އަޅުގަނޑުމެން އެއް މިޔަކަނުން ހީލާފައި ރައްޔިތުންނަށް އޮޅުވައިލުމަށް ބޮޑެތި ނަންނަމުގައި ސުރުހީ ތަކުގެ ދަށުގައި އެއްޗެހި ތަކެއް ޖަހާފައި ނެރޭއިރު ގައުމުގެ ދަރަނި އުޅެނީ 128 ޕަސެންޓްގައި. ގައުމު ހިންގަން ތިބި މީހުންވަނީ އަމިއްލަ އެދުމުން ފޯވެފައި،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރަކީ ޒުވާނުން ދެކެ ލޯބިވާ ސަރުކާރެއްކަމަށް ބުނާއިރު ބަޖެޓް ފޮތުގެ ސޮފްހާތައް ވަކި ވަކިން ބަލާލާއިރު، ވަޒީފާތަކާއި ތަމްރީންތަކަށް ބޭނުންވެފައިތިބި ޒުވާނުންނަށް 31 ޕްރޮގްރާމެއް ހިންގުމަށް ބަޖެޓްގައި ހިމަނާފައި ވަނީ އެންމެ އަށް މިލިޔަން ރުފިޔާ ކަމަށެވެ. އަދި އެއީ ކުރީގައި އަތޮޅުތަކުގައި ޒުވާނުންނަށް އުފައްދާފައިވާ މަރުކަޒުތަކުގައި ހުރި އިންޖީނުތަކަށް ތެޔޮ އަޅާލެވޭވަރުވެސްނުވާ ފަދަ އަދަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ސަލީމް ވިދާޅުވީ މާލޭގައި ނުހެދިފައިހުރި ގެތައް ހެދުމަށް ކަމަށްބުނެ 500 މިލިޔަން ރުފިޔާ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ބެހުމަށް ބަޖެޓްގައި އޮތްއިރު ރާއްޖެ ތެރޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ބޭނުންވާ ކަމަށެވެ.
"ނޭނގޭނެ އެމީހުން ބޯހިޔާވަހިކަން ބޭނުންވާނެ ކަމެއް. ބޯހިމެނުމުގެ ތަފާސްހިސާބު ހެދީކީ ނޫން. ބަލަ ގައުމެއްގައި ބޯހިޔާވަހިކަން ނެތް މީހުންނާއި ހުރި މީހުންނާއި ގައުމުގައި ދިރިއުޅެނީ ކިތައް ބޭރު މީހުންތޯ އާއި ދިރިއުޅެނީ ކިތައް ދިވެހިންތޯ އާއި ވިހަނީ ކިތައްމީހުންތޯ އެނގޭނީ ބޯހިމެނުމެއް ހެދީމާ. ސަރުކާރުން ބޭނުންމެއް ނުވޭ އެކަން ކުރާކަށް އަމިއްލަ ފޮށާ ފެނިދާނެތީ. ބޯ ހިމަނައިފިނަމަ މިގައުމަށް ލިބޭ ލާރި އާއި މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި ގައުމު ދުއްވާލާފައި އޮތް ހާލަތު އެނގިގެންދާނެ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ ބަޖެޓްގައި ލާމަރުކަޒީ ނިޒާމް އުވާލައި އިނދަ ޖައްސާލުމަށް ރާވާފައިވާ ކަމަށެވެ. އެ ދާއިރާއަށް ބަޖެޓްގައި ހަމައެކަނި ހިމަނާފައިވަނީ ކައުންސިލްތަކުގެ މުސާރަ އާއި އޮފީސް ހިންގުމުގެ ހަރަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރާއްޖެ ތެރޭގައިތިބި ރައްޔިތުންނަށް ތަރައްގީގެ ފުރުސަތު ދިނުމަށް ސަރުކާރުން ބޭނުން ނުވާކަން އެނގިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ތިމާވެށީގެ ނާޒުކުކަމުގެ ވާހަކަ ދުނިޔޭގެ އެތަން މިތަނުގައި ދައްކަވާއިރު، ކުއްލި ހާލަތު ދިމާވެއްޖެ ހިނދެއްގައި ހަރަދު ކުރުމަށް އޮންނަ ޑިޒާސްޓަރުން ހަރަދު ކުރާނެ ފައިސާ ބަޖެޓްގައި ހިމަނާފައިނުވާ ކަމަށެވެ.

އަދި ގައުމު ކޮރަޕްޝަނުން ފޯވެފައިވާއިރު ރާއްޖެއިން ކޮރަޕްޝަން ނައްތާކުމަށް ބަޖެޓްގައި ކަނޑައަޅާފައިވާ 31 މިލިޔަން ރުފިޔާއަކީ އެކަމަށް އެކަށީގެންވާ އަދަދެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރައްޔިތުންގެ އަތުން ސަރުކާރަށް ނަގާ ފައިސާ އަށް ހަދާ ގޮތް ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަމަށެވެ. އަދި އެކަންތައްތައް ބެލުމުގެ ފުރުސަތު މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް އޭނާ ވަނީ ގޮވައިލައްވައިފަ އެވެ.

"ރައްޔިތުންނަށް ދަޅަ ދެއްކިދާނެ ވައުދު ވެވިދާނެ. މެންބަރުން ގަނެގެން ގާނޫނުތައް ހަދައިގެން ރައްޔިތުންގެ ފައިސާކޮޅު ދަމައިގަނެ ސަރުކާރަށް ފައިސާ އެއްކުރެވިދާނެ. މި އަހަރުވެސް ގައުމަށް ލިބުނު ލާރިން ރައްޔިތުން ބިކަވެ ނިކަމެތިވެގެން އުޅޭކަށް ނުޖެހޭނެ. ގައުމުގެ ތާރީހުގައި ދުވަހަކު ވެސް ރައްޔިތުން އަތުންނާއި އެކި އެކި ގޮތްގޮތުން ގައުމަށް މިހާގިނަ ފައިސާ އޮހޮރުނު އަހަރެއްނެތް. ދައުލަތަށް މިހާ ގިނަ ފައިސާ ވަން އަހަރެއް ނެތް. ފާޑު ފާޑުގެ ޓެކްސް ނަގައިގެން އެގޮތް މިގޮތަށް ރައްޔިތުން ކިތަންމެ ނިކަމެތިވެ ބިކަވިޔަސް ލިބޭ ހުރިހާ ފައިސާއަށް ނޭނގެ ހަދާ އެއްޗެއް. ރައްޔިތުންނަށް ލިބޭ އާމްދަނީ ފެލާލައިފަ ނަގާ ލާރިއަށް ހަނދާންކޮށް ބަޖެޓް ކޮމިޓީގެ ރައީސް ބައްލަވަންޖެހޭނެ،" ސަލީމް ވިދާޅުވި އެވެ.

ކެލާ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅިގެންދާ މި ވަގުތަކީ މިއަހަރުގެ ބަޖެޓް ތަންފީޒު ކުރުމުގައި ސަރުކާރުން އިހްމާލުވެފައިވާ ވަގުތެއް ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ސަރުކާރުން ހަރަދު ކުރަމުންދާ ވަގުތެއްގައި ކަމަށެވެ. އަދި ބަޖެޓްގައި ހިމެނޭ ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގޮންޖަހާލާފައިވާ މިންވަރު ފެނިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ވަނީ ގޮންޖައްސަވާފަ. ކައުންސިލްތަކަށް ދީފައިވާ ބަޖެޓްގެ94 ޕަސެންޓަކީ އޮފީސް ހިންގުމުގެ ހަރަދު، ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓަކީ އެ އެތަންތަނުގެ ގާނޫނީ ޒިންމާ އުފުލޭވަރުގެ ބަޖެޓަކަށްވާން ޖެހޭނެ. މިހާރު ކަނޑައަޅާފައިވާ ބަޖެޓުން ޒިންމާތައް ނުއުފުލޭނެ. ސަރުކާރުން އެގޮތަށް ހެދީ ޑިމޮކްރަސީ ހަރުދަނާވިޔަ ނުދިނުމަށާއި ރައްޔިތުން ބާރުވެރިވިޔަ ނުދިނުމަށް،" މައުސޫމު ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު މުހައްމަދު ވިދާޅުވީ ބަޖެޓްގައި މާލީ އަދި އިގްތިސާދީ ކަންބޮޑުވުންތަކެއް ހިމެނޭ ކަމަށެވެ. އަދި ބަޖެޓްގައި ލިބޭ އާމްދަނީ އާއި ހަރަދު ނުބައްދަލުވާ ވަރަށް ފުޅާވެ އިންފްލޭޝަން މައްޗަށްގޮސް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަ ކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަޒީފާ ނުލިބޭ މީހުންގެ އަދަދު 27 ޕަސެންޓަށް އަރާފައިވާއިރު އެމީހުންނަށް ވަޒީފާދޭން ގެންގުޅެނީ ކޮން ސިޔާސަތެއްކަން ބަޖެޓުގައި ހާމަވާންނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އަންނަ އަހަރު ޓެކްސް އިތުރުކޮށްގެން ރައްޔިތުންގެ އަތުން ސަރުކާރަށް އިތުރު ފައިސާ ނެގުމަށް ބަޖެޓްގައި ހިމަނާފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ބަޖެޓްގައި 7.6 ބިލިޔަން ރުފިޔާ ހިމަނާފައިވީ ނަމަވެސް އެފައިސާ އަކީ ކޮން ޕްރޮގްރާމްތަކެއް ހިންގުމަށް ހިމަނާފައިވާ ފައިސާއެއްކަން އެނގެންނެތް ކަމަށާއި އެއީ ކަންބޮޑުވާންޖެހޭ ކަންތައްތަކެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިތަދޫ ދެކުނުދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ވިދާޅުވީ ބަޖެޓްގައި ވަރަށްބޮޑެތި ކަންބޮޑުވުންތަކެއް ހިމެނޭ ކަމަށެވެ. އަދި މިސްހިތްތަކެއް އިމާރާތް ކުރުމަށް ބަޖެޓްގައި ފައިސާ ހިމަނާފައިވާއިރު އެއީ ކޮންތަތްތަނުގައި އިމާރާތްކުރަން ހިމަނާފައިވާ ކަންތައްތަކެއްކަން އެނގެންނެތް ކަމަށެވެ. ބަޖެޓްގައި ޝަރުއީ ދާއިރާއަށް ބަޖެޓް ކަނޑާއެޅިފައިވީނަމަވެސް އެކަމުގެ ތަފްސީލް އެގެންނެތް ކަމަށެވެ. އެކަމުގެ ސަބަބުން މައްސަލަތަކެއް ޖެހިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ތަކުރާރުކޮށް ވިދާޅުވީ 2012 ވަނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންނަށް އިތުރު އުފާ ފާގަތުކަން ގެނެސްދޭނެ ބަޖެޓެއް ކަމަށެވެ. އެބަޓުގެ ސަބަބުން ތަރައްގީގެ އެތައް މަސައްކަތްތަކެއް ހިނގައިގަނެ ވިޔަފާރުތައް ފުޅާވެ ވަޒީފާގެ ފުރުދަތުތައް އިތުރުވެ ދައުލަތަށްލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫެުގެ ދަށުން ފްލެޓްތައް ހެދި އެތައް ރަށެއްގެ ބަނދަރާއި ނަރުދަމާގެ މަސައްކަތްތައް ބަޖެޓްގެ ތެރެއިން ކުރެވިގެންދާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.