އަލަށް ވުޖޫދުވި މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް މިއަދާ ހަމަށް ހެދިފައި ނެތުމުން ރައްޔިތުންގެ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރި މަސްވެރިކަމުގެ ގާނޫނުގެ ދަށުން ގިނަ ގަވައިދުތަކެއް ހެދުމަށް ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން އެ ގަވާއިދުތައް ހެދުމަށް ބަޔާން ކޮށްފައި ވަނީ ތަސްދީގު ކުރާތާ ތިން މަސް ދުވަސްތެރޭ ގަވައިދުތައް ހެދުމަށެވެ.

އެ މުއްދަތު ހަމަވިތާ މިހާރު ދެ މަހެއްހާ ދުވަސްވެފައިވާއިރު، މެމްބަރުން ސުވާލު ކުރުމުުގެ ފުރުސަތުގައި މިއަދު މަޖިލީހަށް މަސްވެރިކަމާ ބެހޭ ވަޒީރު ޒަހާ ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ. މެމްބަރުން ސުވާލުކުރުމުގެ ތެރެއިން މަޖިލިސް ރައީސް ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ގަވައިދުތައް ނުހެދި، ދެ މަހަކީ މަޖިލީހުން މަޑުކުރާނެ މުއްދަތެއް ނޫން ކަމަށެވެ. އަދި އެކަން އަވަސްކޮށްދިނުމަށް ވަޒީރު ކިބައިން އެދިވަޑައިގެންނެވި އެވެ.

"ވަޒީރުގެ އަރިހުގައި ދަންނަވަން ދެ މަހަކީ މަޖިލިސް މަޑުކުރާނެ މުއްދަތެއް ނޫން. އެހެންވީމަ އެކަން އިއްޒަތްތެރި ވަޒީރު ވަރަށް ބޮޑަށް ބަލައިގަންނާތި. އަދި އެ މަގަށް މަސައްކަތްކޮށްދެއްވުމަށް ނިހާޔަތަށް އަޅުގަނޑު އެދެން. ދެ ހަފްތާވެސް މި މަޖިލިސް ބަލައިގެންފި ނަމަ އަޅުގަނޑު އަޖައިބު ވާނެ،" ރައީސް ނަޝީދު ވަޒީރު ޒަހާއަށް ވިދާޅުވި އެވެ.

ގާނޫނުގައިވާ މުއްދަތު ފަހަނައަޅާފައިވާއިރު، އެ ގަވައިދުތައް ހެދިފައިވޭތޯ ވެސް ރައީސް ނަޝީދު ސުވާލު ކުރި އެވެ. ނަމަވެސް އެ ސުވާލަށް ސީދާ ވަޒީރު ޖަވާބެއް ނުދެއްވަ އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެ ގަވައިދުތައް ހެދުމާ ގުޅިގެން މަޖިލީހުގެ ގަވައިދު ކޮމިޓީންގެ ބައްދަލުވުމެއް ބޭއްވުމަށް އަމިންއާންމުގެ އަރިހުން މިހާރު އެދިފައިވާ ކަމަށެވެ.