10 Feb 2020, 10:47
މާފުށީގައި ބިކިނީލައިގެން އުޅެނިކޮށް ހައްޔަރުކުރި، އިނގިރޭސިވިލާތުގެ ފަތުރުވެރިޔާ ސިސީލިޔާ ޖަސްޓްޒެމްބްސްކާ ކިބައިން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާފަށް އެދިވަޑައިގެންފި އެވެ.
މާފުށީގައި ޗުއްޓީ ހޭދަކުރަމުން އައި އުމުރުން 26 އަހަރުގެ ސިސީލިޔާ މިދިޔަ ބުރާސްފަތި ދުވަހު މާފުށިން ހައްޔަރުކުރި ވީޑިއޯ އާންމުވެ އެކަމުގައި ފުލުހުން އަމަލުކުރި ގޮތަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުގައި އެ ފަތުރުވެރިޔާ ހައްޔަރުކުރީ، އާންމު ސަރަހައްދެއްގައި ބިކިނީލައިގެން އުޅޭތީ، ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެކަމަށް ބޯނުލެބުމުންނެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގެ ތެރެއިން އިނގިރޭސިބަހުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ފަތުރުވެރިޔާއާ ގުޅޭ ގޮތުން ހިނގާދިޔާ ކަންތައްތަކާ ގުޅިގެން ސިސީލިއާގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޕޮލިސް ކޮމިޝަނަރުވެސް ސިސީލިޔާގެ ކިބައިން މާފަށް އެދިވަޑައިގެންފައިވާކަން ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެކަން ހިނގާ ދިޔަގޮތުގެ ތަފްސީލް ހޯމް މިނިސްޓަރުގެ ކިބައިން ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑު އުންމީދުކުރަން، ޓޫރިޒަމް މިނިސްޓަރު، ސިސީލިޔާ އަށް އަލުން ރާއްޖެ އައުމަށް، މާފުށީގައި ޗުއްޓީ ހޭދަކުރުމަށް ދައުވަތު ދެއްވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި 26 އަހަރުގެ ސިސީލިޔާއަކީ ޓްރެވަލް ބްލޮގަރެއްގެ އިތުރުން، އެ ގައުމުގެ ޕާލިމަންޓްގެ އެޑްވައިޒަރެއް އަދި ބައެއް މަޝްހޫރު ޓީވީ ޝޯތަކުގައި ވެސް ބައިވެރިވެފައިވާ ފަރާތެކެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި، ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތަކީ މުޅިން ނުބައި ގޮތެއް ކަމަށް ދެންނެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ހާލަތު އެއަށް ވުރެ ރަނގަޅަށް ފުލުހުންނަށް ހޭންޑަލް ކުރެވޭނެ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، ބިކިނީލައިގެން ހުރި ސިސީލިޔާއަށް ފުލުހުން އެންމެ ފުރަތަމަ ނަސޭހަތް ދެނީ، ނިވާވާ ފަދަ ހެދުމެއް ލުމަށެވެ. ނަމަވެސް އޭނާ ވަނީ އެކަމަށް އިންކާރު ފުލުހުންނާ ޒުވާބުކޮށްފަ އެވެ. އެއާ އެކު، އޭނާއާ މުއާމަލާތް ކުރަން ތިބި ފިރިހެން ފުލުހުން ވަނީ ގަދަކަމުން އޭނާގެ އަތް ފަހަތަށްލައި ބިޑި އަޅުވައިފަ އެވެ.
އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން އަންނަނީ މިހާރު ތަހުގީގުވެސް ކުރަމުންނެވެ.