ބެއިޖިންގް (10 ފެބްރުއަރީ 2020) : ޗައިނާގެ ހުބެއި ޕްރޮވިންސުން ފެނިފައިވާ ކޮރޯނާ ވައިރަސް ފެތުރެމުންދާ މިންވަރު އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށާއި ނަމަވެސް އެ ރޯގާގައި މަރުވާ މީހުންގެ ނިސްބަތް އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ޗައިނާއިން ހާމަކޮށްފި އެވެ.

ޗައިނާއިން ބުނީ ކޮރޯނާ ވައިރަސް މިހާތަނަށް 40،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކަމަށާއި އެ ވައިރަސް ކޮންޓްރޯލް ކުރުމަށް ރޮބަޓާއި އާޓިފިޝަލް އިންޓެލިޖެންސާއި އެނޫން ވެސް ޒަމާނީ ވަސީލަތްތަކުގެ ބޭނުން ކުރަމުން ގެންދާކަމުގަ އެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ރޮބަޓާއި އާޓިފިޝަލް އިންޓެލިޖެންސާއި އެނޫން ވެސް ވަސީލަތްތަކުގެ ބޭނުން ކުރުމުގެ އިތުރުން ބޮޑެތި މަސައްކަތްތަކެއްކޮށް ސަރަހައްދުތައް ކަރަންޓީނުކޮށް އާންމުންގެ ހަރަކާތްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނަސްފައިވާ ކަމުގަ އެވެ. ނަމަވެސް އެ ވައިރަސް ފެތުރޭ މިންވަރު އަދި ވެސް ކޮންޓްރޯލް ނުކުރެވޭކަމުގަ އެވެ. ނަމަވެސް ކޮރޯނާ ވައިރަސް ޖެހުމުން މަރުވާ މީހުންގެ ރޭޓް ނުވަތަ ނިސްބަތް އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ޗައިނާގެ ސިއްޙަތާ ބެހޭ ނެޝަނަލް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެ އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާއިން ރޮބޮޓް ބޭނުންކުރަނީ

ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 40،000 އަށް ވުރެ މައްޗަށް އެރިނަމަވެސް އެ ރޯގާގައި މިހާތަނަށް މަރުވެފައި ވަނީ 908 މީހުންނެވެ. މިއީ ސާސް ވައިރަސްގެ ސަބަބުން މަރުވި ނިސްބަތަށް ވުރެ މާބޮޑަށް ވެސް ދަށް ނިސްބަތެކެވެ. ނަމަވެސް ސާސް ވައިރަސް ފެތުރުނު މިންވަރަށް ވުރެ ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު މާބޮޑަށް އަވަސްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިޔޫ އެޗް.އޯ) އިން ބުނެ އެވެ. ސާސް ވައިރަސް ޖެހުނު މީހުންގެ ތެރެއިން 9.3 ޕަސެންޓް މީހުން މަރުވިއިރު ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުންގެ ނިސްބަތަކީ 3.9 ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާގެ ތަޖްރިބާކާރުން ފާހަގަ ކުރައްވަ އެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ނެރުނު ބަޔާނެއް ބުނާގޮތުން 40،000 އަށް ވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސްޖެހިފައިވާއިރު އޭގެތެރެއިން 908 މީހުން ވަނީ މަރުވެފަ އެވެ. އަދި އެ ރޯގާ ޖެހުމާ އެކު ފަރުވާ ދިން ނަމަވެސް ފުރާނައަށް ނުރައްކާވާ ހާލަތުގައި ތިބީ 6484 މީހުންނެވެ. އެމީހުންގެ ހާލަތު ނުރައްކާވެފައި ވަނީ އެއީ އެހެން ބޮޑެތި ބަލިތައް ވެސް ތަހަންމަލް ކުރަމުންދާ މީހުން ކަމަށް ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން އެނޫން މީހުންނަށް ޝިފާ ލިބޭނެކަމުގެ އުންމީދު ބޮޑުކަމަށް ޗައިނާގެ ސިއްހަތާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ޗައިނާ މިހެން ބުނި ނަމަވެސް ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދުތަކުގައި އެ ރޯގާ ފެތުރޭ މިންވަރު ބޮޑުކަމުން ޑޮކްޓަރުންނާއި ސިއްޙީ ޚިދްމަތްތެރިންވަނީ އެ ރޯގާ ޖެހިފައިވާ މީހުންނަށް ބޭނުންވާ މިންވަރަށް ޚިދްމަތްތައް ފޯރުކޮށްދިނުމަށް ނުކުޅެދިފައިވާކަން ޗައިނާގެ ސިއްހަތާ ބެހޭ އިދާރާތަކުން ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން މިހާތަނަށް ކޮރޯނާވައިރަސް ރޯގާއިން 3000 އަށް ވުރެ ގިނަ މީހުންނަށް ޝިފާ ލިބިފައިވާ ކަމަށް ވެސް އެގައުމުން ބުނެއެވެ.

ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ނުކުރެވުނު ނަމަވެސް އެ ރޯގާގެ ސަބަބުން ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ ނިސްބަތް ނުވަތަ ރޭޓް އެއްވަރެއްގައި ހިފެހެއްޓެމުން ދިޔުމަކީ ކާމިޔާބީ އެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިޔޫ އެޗްއޯ) އިންވަނީ ފާހަގަކޮށްފަ އެވެ. (ޒިންހުވާ)