05 Dec 2011, 16:04
ރާއްޖޭގައި ޑޮލަރު އަގު ބޮޑުވެ ޑޮލަރުގެ ބްލެކް މާކެޓް އުފެދިފައިވާ މައްސަލައިގައި ޒިންމާ ނަގަންޖެހޭނީ އެމްއެމްއޭއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި މާފަންނު ހުޅަނގު ދާއިރާގެ އަބުދުﷲ އަބުދުއްރަހީމް ވިދާޅުވީ، ޑޮލަރުގެ މައްސަލައަކީ ފިޒިކަލް ޕޮލިސީއާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށާއި އެކަމާ ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް ޒިންމާވާން ނުޖެހޭ ކަމަށެވެ. ޒިންމާވާންޖެހޭނީ މަނިޓަރީ ސިޔާސަތު ކަނޑައަޅާ ފަރާތް، އެމްއެމްއޭއިން ކަމަށެވެ. އެކަމުގައި އެމްއެމްއޭ ޖަވާބު ދާރީ ކުރުވުމަކީ މަޖިލީހުން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުން އެބަޖެހޭ އެމްއެމްއޭ ޖަވާބުދާރީ ކުރުވަން. މަޖިލީހުގެ މެންބަރުން އެބަޖެހޭ އެމްއެމްއޭ ފިލައިގެންއުޅޭ މައްސަލައަށް ހައްލެއް ހޯދަން. ޑޮލަރު ބްލެކް މާކެޓްގައި ވިކެމުންދާތާ ތިން އަހަރު ވެއްޖެ،" އަބުދުﷲ އަބުދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭންކްތަކުން ބޭނުންވާ ވަރަށް އެމްއެމްއޭއިން ޑޮލަރު ދޫކުރާނަމަ ޑޮލަރުގެ އަގު ބޮޑުވެ ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ ބްލެކް މާކެޓެއް އުފެދިގެން ނުދާނެ ކަމަށެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ އާމްދަނީގެ ގޮތުގައި ރާއްޖެއަށް ވަންނަ ޑޮލަރު އެތެރޭގައި އެއްވެސް ހިފެހެއްޓުމެއްނެތި ރާއްޖޭން ބޭރަށް ދާ މައްސަލައިގައި ވެސް އެމްއެމްއޭއިން ޒިންމާ ނަގަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި އިންތިހާއަށް ގޯސްވެފައިވާ މަނީ ލޯންޑެރިންގެ މައްސަލަ ހައްލު ކުރުމަށް ހަދަންޖެހޭ ގާނޫނުތައް ހެދުމަކީ އެމްއެމްއެމްއޭގެ ޒިންމާއެއް ކަމަށާއި ކެޕިޓަލް ކޮންޓްރޯލްގެ ގާނޫނެއް ނެތުމަކީ އެކަން ހައްދުފަހަނަޅައި ދިއުން ކަމަށެވެ.
ދިއްދޫ ދާއިރާގެ މެންބަރު އހްމަދު ސަމީރު ވިދާޅުވީ ރާއްޖޭގައި ކުރާ ފައިސާގެ މުއާމަލާތްތަކުގެ 47 ޕަސެންޓް މުއާމަލާތަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރާ މުއާމަލާތްތަކެއް ކަމަށެވެ. އަދި ރާއްޖޭގެ ސެންޓްރަލް ބޭންކުގެ ހައިސިއްޔަތުން އެމްއެމްއޭ އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލައި މި ހިނދުން މިހިނދަށް އަވަސް ފިޔަވަޅެއް އެޅުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.
"މި ހިނދުން ފެށިގެން އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން. އަދި އެ މައްސަލައަށް ގޮތެއް ނިމެންދެން އެމްއެމްއޭގެ ބަޖެޓާމެދު ބަޖެޓް ކޮމިޓީން ގޮތެއް ނުނިންމަވައި ފަސް ކޮށްދިނުމަށް ކޮމިޓީގެ މުގައްރިރުގެ އަރިހުންނާއި މެންބަރުންގެ ކިބައިން އެދެން،" ސަމީރު ވިދާޅުވި އެވެ.